ދުވަހަކު ވެސް އިންޑިޔާއަށް ނުދާ މައް ދިވެއްސެއްގެ ގާތުގައި "މިއައީ ކުރޮޅި ދުއްވާފައި"ކަމަށް ތިޔައިން ބޭފުޅަކު ވިދާޅުވެއްޖެ ނަމަ އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދޭނެއެވެ. މި ދައްކާ ސޭކު ވާހަކައެއް ނިކަން ދެކެބަލާށެވެ. ކުރޮޅި ދުއްވާނީ ކިހިނެއް ހެއްޔެވެ؟ ބަލަ ކުރޮޅިއަކީ ދުއްވާ އެއްޗެއް ހެއްޔެވެ؟ އާނއެކެވެ. ކުރޮޅިއަކީ ދުއްވާ އެއްޗެއް ނޫނެވެ. މައް ދިވެހީން ދަންނަ ކުރޮޅިއަކީ ދިވެހިރާއްޖޭގައި ހެދިފައި ހުންނަ ދިވެހީންގެ ގައުމީ ގަހުގައި އަޅާ މޭވާއެވެ. މިއީ އެންމެން ދަންނަ އެންމެންނަށް ފަރިތަ އެންމެންނަށް އެނގޭ މާނައެވެ. އާންމު މާނައެވެ. އެހެނަސް ބަސްފޮތުގައި މި ލަފުޒުގެ 04 މާނައެއް ހިމަނާފައިވެއެވެ.
އެ 04 މާނައަކީ؛
ހ. ހިކިގެން ނާށިގަނޑުގެ ތެރެއިން އަމިއްލައަށް ނެއްޓިފައި އޮންނަ ކާށި. މި ކާށި ބޮނބިގަނޑާއި ނާށްޓާއެކީ އޮތަސް ކިޔަނީ މިހެންނެވެ.
ށ. ހިކިގެން މަދު ނެއްޓިފައި އޮންނަ އޮށް ނުވަތަ ބަދަން
ނ. ލަނބުރާނު ކޮޅުގައި ހަރުކޮށްފައި ހުންނަ ތިން ލޯވަޅުލީ ގޮއްލަ
ރ. ތިން ފުރޮޅުލީ ދުއްވާ އެއްޗެއް. މީގައި ދަތުރުކުރެވޭނީ ދުއްވާމީހާގެ އިތުރަށް ދެ މީހުންނަށެވެ. މީގައި ހުންނާނީ ސައިކަލު އިންޖީނެކެވެ.
މި 04 މާނައިގެ ތެރެއިން އެންމެން ދަންނަ އެންމެ ފަރިތަ މާނައަކީ ރުކުގެ މޭވާގެ ބާވަތެއްގެ ގޮތުގައި ދިވެހިން ބޭނުންކުރާ މާނައެވެ. އެހެނަސް އިންޑިޔާއަށް ދަތުރުކުރާ ވަރަށް ގިނަ މީހުންނަށް ކުރޮޅީގެ މާނައިގެ ގޮތުގައި ދިވެހިރަދީފުގައި 04 ވަނައަށް ހިމަނައިފައިވާ ދުއްވާ އުޅަނދުގެ މާނަ އެނގޭނެއެވެ.
ދިވެހިންގެ އާބާދީގެ ވަރަށް ގިނަ މީހުންނަކީ މިހާރު އިންޑިޔާއަށް ދަތުރުކޮށްފައިވާ މީހުންނެވެ. އަދި މިހާރު ވެސް ދަތުރުކުރަމުންދާ މީހުންނެވެ. ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށެވެ. އެހެންވީމާ އިންޑިޔާ އާއި ޕާކިސްތާނާއި ބަންގުލަދޭޝްގައި ދުއްވާ ކުރޮޅިއަކީ މިހާރު ދިވެހިންނަށް އާ ނަމެއް ނޫނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ލަފުޒު ވަނީ ދިވެހިބަހުގެ ރަދީފުގައި ވެސް ހިމެނިފައެވެ.
ދިވެހިންނަކީ ކުޅަދާނަ ބައެކެވެ. މޮޅު ބައެކެވެ. ކަންކަމުގައި އެހެން މީހުން ހީނުކުރާހާ މޮޅަށް ކަންތައްތައް ކޮށްލާ ބައެކެވެ. އަލަށް ފެންނަ ތަކެއްޗަށް ނަންކިއުމުގައި ވެސް ލާމަސީލު ބައެކެވެ. ފެންނަ ފެނުމުގައި އޭގެ ސިފައަށް ބަލައި ނަން ހަދައިފައި އެބަހުއްޓެވެ. އެ ތަކެތިން ކުރެވޭ ބޭނުމަށް ބަލައި ނަން ހަދައިފައި އެބަހުއްޓެވެ. އެއިން ފާޅުވާ އަޑަށް ވިސްނައި ނަން ހަދާފައި އެބަހުއްޓެވެ. އުފެދޭ ސުވާލަކީ ކުރޮޅިއަކީ ރާއްޖޭގައި ގެންގުޅޭ އެއްޗަކަށް ނުވާއިރު މި ދެންނެވި އުޅަނދަށް ދިވެހިން އެހާ ދިވެހި ނަމެއް ކިޔައިފައި އެވަނީ ކިހިނެއް ބާވައެވެ؟
ރުކުގެ މޭވާ ކުރޮޅިއަކީ އެތެރޭގައި އޮންނަ ކާށިގަނޑު ނާށިގަނޑާ ވަކިވީމާ ކިޔާނަމެއްކަމަށް ބަސްފޮތް ހެކިދެއެވެ. އެހެން ވީމާ ކުރޮޅިއަކީ ކުރޮޅިއެއް ކަން ދެނެގަތުމަށް ޓަކައި ދިވެހިން ކުރާ ކަމަކީ ކާށި ނަގާ ތަޅުވައިލަނީއެވެ. ތަޅުވާލީމާ އެތެރެއިން ނާށިގަނޑާ ކާށިގަނޑު ވަކިވެ ތެޅޭ އަޑު ގޮވާނަމަ އެއީ ކުރޮޅިއެކެވެ. ކާށި އެ ވަނީ ކުރޮޅިވެފައެވެ. ކާށީގެ އުމުރު ހަމަވެ، ކުރޮޅިއަކަށް ބަދަލުވީއެވެ. ކުރޮޅިއެއްކަން ދެނެގަތުމަށް ކާށި ހަލުވައިލާ ވަގުތު ވަރުގަދަ އަޑެއް ގޮވާނެއެވެ. ޓަކަޓަކައިގެ އަޑެކެވެ. ބާރު އަޑެކެވެ. ފުރޮޅޭ އަޑެވެ. ގުޑާ އަޑެވެ. ނާށިގަނޑުގައި ކާށިގަނޑު ތެޅޭ އަޑެވެ. އެއް ބިތުގައި ޖެހިފައި އަނެއް ބިތުގައި ޖެހޭ އަޑެވެ. މި ހުރިހާ ކަމަކަށް ބަލައި ނާށިގަނޑު ހަލާކުކޮށްލައި އެތެރެ ނުބެލިއަސް އެއީ ކުރޮޅިއެއްކަން ދިވެހިން ދެނެގަނެއެވެ.
ދުއްވާ އުޅަނދުގެ ގޮތުގައި ބޭނުންކުރާ ކުރޮޅިއާއި ރުކުގެ މޭވާގެ ކުރޮޅިއާ ދެ އެތީން އެންމެ ކުރީން ނަން ދެވިފައިވާނީ ކޮން އެއްޗަކަށް ބާވައެވެ؟ އެހެނީ މި ތަނުން ދޮށީ ކޮން ކުރޮޅިއެއް ބާވައެވެ؟ އަޅުގަނޑު ނޫނަސް ތިޔަ ބޭފުޅުން ވެސް ޤަބުލުކުރައްވާނީ ރުކުގެ މޭވާގެ ބާވަތް ދޮށީ ވާނެކަމަށެވެ. އެހެންވީމާ އުޅަނދަށް ނަން ކިޔައިފައި އެވަނީ ދިވެހި ރުކުގެ މޭވާގެ ކުރޮޅީގެ ސިފަތަކެއް އެއިން ފެނުނީމާ ކަމަށް ލަފާކުރެވެއެވެ.
ދުއްވާ ކުރޮޅީގެ ސިފަތަކާއި ރުކުގެ މޭވާގެ ސިފަތަކާ ހުރީ ކޮން ގުޅުމެއްތޯ ވިސްނައިލަމާތޯއެވެ؟ ރުކުގެ މޭވާ ކުރޮޅިން ވެސް ގޮވަނީ ބާރު އަޑެކެވެ. ޓަކަޓަކަ އަޑެކެވެ. ބާރަށް ހެލުވި ވަރަކަށް އަޑު ބާރުވެއެވެ. ގުޑާގުޑުން ބާރުވެއެވެ.
ދުއްވާ އުޅަނދުވެސް ވަނީ ހަމަ މިހެންނެވެ. ތަނަކަށް ދާން އަރާ ކުރޮޅި ވެސް ދުވެލި ބާރު ކުރިވަރަކަށް އިންޖީނުން ގޮވާ އަޑު ބާރުވެއެވެ. ޓަކަޓަކަ އަޑު ފައްގަނޑު ގަދަވެއެވެ. އެތެރޭގައި ތިބޭ ސަވާރީން ވެސް ކާށިގަނޑު ނާށިގަޑުގައި ތެޅޭ ބީދައިން އުޅަނދުގެ ދެފަރާތުގައި ހުންނަ ދަގަނޑު ހޮޅިތަކާއި ސަތަރިގަނޑުގައި ތެޅެންފަށައެވެ. ބައެއް ފަހަރަށް ބޯޖެހި ގޮނބި ނަގައެވެ. އަނެއް ބައި ފަހަރު ކޮނޑު ޖެހި ކޮނޑަށް ތަދުވެއެވެ. އުޅަނދުގައި ދެމީހުން ތިބި ނަމަ ހަމަ ހެޔޮވަރު ވަރަކަށް ދެމީހުން ތިބޭނީ ދެމީހުން ދެމީހުންނަށް ތެޅިތެޅި އެކަކު އަނެކަކު ދެކެ ރުޅިއަންނަ ވަރުވެފައެވެ. ބަލިކަމެއް ހުންނަ މީހަކު ދަތުރުކޮށްފި ނަމަ ބަލި އިތުރަށް ބޮޑުވެފައެވެ. ހަތް މަހަށް ވުރެ ބަނޑަށް ގިނަ ދުވަސްވެފައިވާ މާބަނޑު މީހަކު އަރައިފި ނަމަ، ހޮސްޕިޓަލަށް ނުދެވެނީސް ވިހާނެއެވެ. ކުރޮޅީގެ ތެރޭގައި އޮންނަ ކާށިގަނޑަކީ ވެސް ފުރާނަހުރި އެއްޗެއް ނަމަ މި ދެންނެވި ކަންކަން ކުރިމަތިވާނެއެވެ.
އެހެންވީމާ، މި ދެބާވަތުގައި ކަންހިނގާ ގޮތުގައި ހުރި އެއް ގޮތްކަމަށް ބަލައި ދިވެހިން މިދެންނެވި 03 ފުރޮޅުލީ އުޅަނދަށް ވެސް ކުރޮޅިއޭ ކިޔަން ފެށިކަމަށް ވެދާނެއެވެ.
އެހެނަަސް ކުރޮޅި ފީނުވެ ގަބުޅިއަށް ވީ ކިހިނެއް ހެއްޔެވެ؟ އަދި އެ ސުވާލުގެ ޖަވާބު ނުދެވޭ ދޯއެވެ؟ ޒަމާނަށް އައި ބަދަލާއެކު މިހާރު ކުރޮޅި ތަރައްޤީކޮށްފިއެވެ. އޭގެ އިންޖީނު ޒަމާނާ އެއް ގޮތަށް ބަދަލުކޮށްފިއެވެ. ކުރީން ކުރޮޅީން ގޮވަމުން ދިޔަ ޓަކަޓަކަ އަޑެއް ނީވެއެވެ. އަޑު މަޑު ވެއްޖެއެވެ. މަގުތަކުގައި އެ ވަރަކަށް ވަޅުގަނޑުތަކެއް ނުހުރެއެވެ. ހެލޭހެލުން ކުޑަވެއްޖެއެވެ. އެތެރޭގައި ތިބޭ މީހުންގެ ހަށްޓަށް ފަސޭހަ ވެއްޖެއެވެ. ކުރޮޅިއަށް ކުރޮޅީގެ ނަން ދިން ސިފަތަކުން ކުރޮޅި މިންޖުވެއްޖެއެވެ. އެހެނަސް ހުރިހާ ކުރޮޅިއެއް ނޫނެވެ. އެ ސިފަތަކުން މިންޖުވި ކުރޮޅި ފީވުމުގެ ބަދަލުގައި ބަދަލުވީ ގަބުޅިއަކަށެވެ.