ތިޔައީ އިސްކޫލު ކުއްޖެއް ނޫނެއްނު؟

"ތިޔައީ އިސްކޫލު ކުއްޖެއް ނޫނެއްނު؟" މިއީ އަޅުގަނޑުގެ ކޮއްކޮއެއްގެ ކުޑަ ދަރިފުޅަކު އަޅުގަނޑާ މުޚާޠަބުކޮށް ބުނި ވާހަކައެކެވެ. ވިސްނައިލާން މަޖުބޫރުކުރުވި ވާހަކައެކެވެ. ވަރަށް ބޮޑު ތެދެކެވެ! އަޅުގަނޑަކީ އިސްކޫލު ކުއްޖެއް ނޫނެވެ. އެއީ ހަމަ ހަޤީޤަތުގައި ވެސް ތެދެކެވެ. މިހާރު އަޅުގަނޑަކީ އިސްކޫލަށް ކިޔަވާން ދާ އުމުރުގެ ކުއްޖެއް ވެސް ނޫނެވެ. އަދި ކިޔަވާކަށް ނުވެސް ދަމެވެ. އެހެންވީމާ ބުނާނީ އެހެންތާއެވެ.

އަޅުގަނޑުގެ ކޮއްކޮއެއްގެ ގެއަށް ޒިޔާރަތްކޮށްލި ދުވަހެކެވެ. މަންމައަށް ގޮވައިލުމާއި މަންމަ ދެކެލުމުގެ ބޭނުމުގައެވެ. އަދި ކޮއްކޮމެންގެ ޙާލުއަޙުވާލު ބަލައިލުމުގެ ބޭނުމާ ވެސް އެކުއެވެ. އެ ދުވަހު ކަން ދިމާކުރި ގޮތުން އެހެން ކޮއްކޮއެއް ވެސް އެ ގޭގައި އުޅެއެވެ. އަދި އޭނާގެ ކުޑަ ދަރިފުޅު ވެސް އެ ގޭގައި އުޅެއެވެ. ދެ ކޮއްކޮގެ ދެ ދަރީން އެއް ތަން ވެފައެވެ. ދެ ކޮއްކޮގެ ދެ ކުދީންގެ ތެރެއިން އެއް ކުއްޖަކު އުޅެނީ ގުރޭޑު 3ގައެވެ. އަނެއް ކުއްޖާ އުޅެނީ ގުރޭޑު 2ގައެވެ. ގެއަށް ވަދެ މަޑުކޮށްލި ވަގުތު ފާހަގަވީ ކަމަކީ، މި ކުޑަ ދެ ކުދީން އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކަދައްކަމުން ދިޔައީ ފަސޭހަކަމާއެކު އިނގިރޭސިބަހުން ކަމުގައި ވުމެވެ. ހާދަހާ ފަރިތައެވެ. އަޅައިގަތުމެއް ކޮރުކަމެއް ނެތެވެ. އެ ކުދީންގެ ބޭނުންތަކަށް ފުދޭ މިންވަރަށް އިނގިރޭސިބަހުގެ ބަސްކޮށާރު ވެސް އެ ކުދީންނަށް އެނގެއެވެ. އެ ދެ ކުދީން އެއް ކުއްޖަކު އަނެއް ކުއްޖަކާ އިނގިރޭސިބަހުން ވާހަކަ ދެއްކިއަސް، އެ ކުދީންގެ މަންމައާއި ގޭގައި ތިބި އެހެން މީހުންނާ އެ ކުދީން ވާހަކަދެއްކީ ދިވެހިބަހުންނެވެ. އަދި އަޅުގަނޑާ ވާހަކަދެއްކީ ވެސް ސާފު ސާދާ ރީތި ދިވެހިބަހުންނެވެ. ދިވެހިބަސް ވެސް ވަރަށް ފަރިތައެވެ. އިނގިރޭސިބަސް ވެސް ވަރަށް ފަރިތައެވެ.

ކަން ހިނގީ އިސްވެ ދެންނެވި ގޮތަށް ކަމުގައި ވީތީ އެ ތަނުން އެންމެ ހަނގުކޮށް ހުރި ކުއްޖާއާ އަޅުގަނޑު ސުވާލުކޮށްލީމެވެ.

"ތިޔަ ދެ ކުދީން އެކަކު އަނެކަކާ އިނގިރޭސިބަހުން ވާހަކަ ދައްކައިފައި، ދޮންބެއާއި މަންމައާ ދިވެހިބަހުން ވާހަކަދައްކަނީ ކީއްވެ؟" (އެ ކުދީން އަޅުގަނޑަށް ކިޔަނީ ދޮންބެއެވެ.)

"އެއީ ދޮންބެއާއި މަންމަ އުޅެނީ އިސްކޫލަކު ނޫނެއްނު؟ އިސްކޫލުގައި އުޅޭ ކުދީންނާ ވާހަކަދައްކާން ޖެހޭނީ އިނގިރޭސިބަހުން. މިސް ބުނެފައި އޮންނަނީ އެ ގޮތަށް." އެއްވެސް ޖެހިލުންވުމެއް ނެތި ފަސޭހަކަމާއެކު އަޅުގަނޑުގެ ސުވާލަށް އެ ތުއްތު ކުއްޖާ ޖަވާބުދިނެވެ.

ތުއްތުކުއްޖާގެ ޖަވާބަކީ، އޭނާއަށް ވަރަށް އާދައިގެ ޖަވާބެކެވެ. އެހެނަސް ތުއްތު ކުއްޖާ ބުނި ވާހަކަ އަޅުގަނޑުގެ ހިތުގެ އެންމެ ފުނަށް ފޯރިއެވެ. އަޅުގަނޑަށް އެ ވާހަކަވީ ކަންބޮޑުވާންޖެހޭ ވާހަކައަކަށެވެ. ވިސްނާން މަޖުބޫރުވި ވާހަކައަކަށެވެ. އިސްކޫލު ކުދީން އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކަދައްކާންވީ އިނގިރޭސި ބަހުންނެވެ. އެ ގޮތަށް ވާހަކަދައްކާން އިރުޝާދުދީފައިވަނީ އޭނާގެ "މިސް"އެވެ. އެ ކުއްޖާގެ ތައުލީމީ ބިންގާ އަޅައިދިނުމަށް މަސައްކަތްކުރާ މޭސްތިރިއެވެ. އެ ވަރުގެ ތުއްތު ކުދީންގެ ގަބޫލުކުރުން ހުންނަ ގޮތުން "މިސް"އަކީ އެ ކުދީން ވަރަށް ގަޔާވާ ބައެކެވެ. އަދި މިސް ދައްކާނީ ވެސް އަދި ބުނާނީ ވެސް އެންމެ ރަނގަޅު ވާހަކައެވެ. މައިންބަފައިންގެ ބަހަށް ވުރެ ވެސް ގިނަ ފަހަރަށް އިސްކަން ދޭނީ "އާންޓީ" ނުވަތަ "މިސް" ދައްކާ ވާހަކައަށެވެ. އެހެން ވީއިރު މިސް ބުނެފައި އޮތީ އިސްކޫލުގައި އުޅޭ ކުދީންނާ ވާހަކަދައްކާނީ އިނގިރޭސިބަހުންކަމަށެވެ. އެހެންވީމާ އެ ކުއްޖާ ކިހައި ބަސް އަހައިތޯއެވެ؟ މިސް ބުނި ގޮތަށް އިސްކޫލު ކުދީންނާ ވާހަކަދައްކަނީ އިނގިރޭސިބަހުންނެވެ. އެހެން މީހުންނާ ދިވެހިބަހުންނެވެ.

މިއީ ކޮން ފަދަ ބޮޑު ހިތާމައެއްތޯއެވެ؟ ކަންބޮޑުވުމެއްތޯއެވެ؟ އެ ވަރުގެ ކުދީންނަށް ވިސްނައި މި ދެވެނީ، ދިވެހި ގައުމިއްޔަތުގެ މައި ރުކުންކަމުގައިވާ ދިވެހިބަހަށް ވުރެ އިސްކަންދޭންވީ އިނގިރޭސިބަހަށް ކަމަށެވެ. ނޭނގި ނަމަވެސް އެ ތުއްތު ކުއްޖާގެ ސިކުނޑީގައި މި އިންދައިދެވެނީ ދިވެހި ގައުމިއްޔާތާ ބީރައްޓެހި ގަހެއް ފަޅާނެ އޮށެކެވެ. އެ އޮށުން ފަޅާ ގަހުގެ މޫތައް ކުއްޖާއަށް ނުވެސް އެނގި އެ ކުއްޖާގެ ސިކުނޑީގެ ނާރުތަކަށް ވެރިވާނެއެވެ. މޫލައި ހެދި ދުވާންފަށާނީ ދިވެހި ގައުމިއްޔަތާ ބީރައްޓެހި މޫތަކެވެ. އާދޭހެވެ! ދިވެހިބަހާ ބީރައްޓެހިކަން އުފަންވާނެއެވެ. ދިވެހިބަސް ދެކެ ފޫހިވުމުގެ ފުރުސަތު ހުޅުވޭނެއެވެ. މިސްއަށް އެ ކޮށްދެވެނީ އެ ކަމެވެ. ނޭނގި ނަމަވެސް އޭނާގެ ދަރިވަރުން ދިވެހި ގައުމިއްޔަތާ ފެޔަށް ޖެއްސެނީއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު ބިނާވެފައި އޮތީ އިނގިރޭސި މީޑިއަމަށެވެ. އެހެންވީމާ އިނގިރޭސިބަސް ދަސްކުރާން ޖެހެއެވެ. ކިޔަވާން ޖެހެއެވެ. އެ ބަހަށް މޮޅުވާން ޖެހެއެވެ. ކިޔަވާ ހުރިހައި މާއްދާތަކެއްގެ ފޮތްތައް ހުރީ އިނގިރޭސިބަހުން ކަމުގައިވީތީއެވެ. އެހެންވީމާ އެ ބަހަށް ފަރިތަނުވެ ދަރިވަރުން މޮޅުވާނެ ގޮތެއް ނެތެވެ. މަތީ މާކުސް ހޯދޭނެ މަގެއް ވެސް ނެތެވެ.

ދިވެހިބަހަކީ ދިވެހި ގައުމިއްޔަތުގެ ބިންގަލެވެ. ދިވެހީންނަކީ ދިވެހީންކަން އަންގައިދޭ މައި އަސާސަކީ ދިވެހިބަހެވެ. އެހެންވީ އިރު، މި ބަސް ދޫކޮށްލައިފައި ދެން ވަކި ދަސްކުރާން އޮތީ ކޮން ބަހެއްތޯއެވެ! ހޯދާން އޮތީ މޮޅު ކޮން މާކުހެއްތޯއެވެ! އާދޭހެވެ! އިނގިރޭސިބަހަށް ވެސް މޮޅުވާން ވީއެވެ. ހަމައެއާއެކު ދިވެހިބަހަށް އެންމެ އިސްކަންދީ އެ ބަސް ދަސްކުރާންވީއެވެ. އެ ކުދީންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ އަހަންމިއްޔަތު އިތުރުވާނޭ ގޮތަށް އާންޓީންނާއި މިސްމެންގެ ވާހަކަތައް ބައްޓަންކުރާންވީއެވެ. އެ ގޮތަށް ޢަމަލުތައް ބަހައްޓާންވީއެވެ. އިސްކޫލު ކުދީންނާ ވެސް ދިވެހިބަހުން ވާހަކަދެއްކޭނެކަން ބުނެދޭންވީއެވެ. އަދި ވާހަކަދައްކުވާންވީއެވެ. އެންމެ މުހިންމު ބަހަކީ ދިވެހިބަސްކަމާއި އިނގިރޭސިބަހަކީ ކިޔެވުމަށް ބޭނުންކުރާ ވަސީލަތެއް ކަމުގައި ބުނެދޭންވީއެވެ. މައިންބަފައިންނާއި ބެލެނިވެރިންނާއި އިސްރަށްވެހިންނާ ދިވެހިބަހުން ވާހަކަދައްކާ ގޮތަށް ރީތި ދިވެހިބަހުން އިސްކޫލުގެ ދަރިވަރުންނާ ވެސް ވާހަކަދައްކަންވީއެވެ. އަދި އެ ގޮތަށް ވާހަކަދެއްކުމަށް ބާރު އަޅަންވީއެވެ. އެހެން ނުހަދައިފި ނަމަ، ދިވެހި ބަސްވާނީ މި ރާއްޖޭގައި ބޭނުންކުރާ ދެވަނަ ބަހަށެވެ. އެހެން ވިޔަނުދެމާ ހިންގަވާށެވެ! އެ ފަދަ ދުވަހެއް ނުދައްކަވާށިއެވެ!

ގުޅޭ ޓެގު
comment ކޮމެންޓް