މި ފަހަރު އަޅުގަނޑު ވެސް ގޮނޑިއަށް!

ވާހަކަދައްކާން ބޭނުންކުރާ ބަހަކީ ވެސް ހާދަ ފާޑެއްގެ އެއްޗެކެވެ. ތިމާގެ ހިތުގައި އުފެދޭ ކޮންމެ އިހުސާސަކާއި ކޮންމެ ޖަޒުބާތެއް ފަސޭހަކަމާއެކު ފާޅުކޮށްލެވެއެވެ. ލައްވައި އަޑުތަކަކުން ތިމާ ބޭނުން ކަމެއް ކޮށްލެވެއެވެ. ކުރާ ހަރަކާތަކުން ވެސް އެކަން ކޮށްލެވެއެވެ. ބަހަށް ކުޅަދާނަ މީހުން އެކަންކުރާ މިންވަރު އަދި މާ ފަސޭހައެވެ. އެންމެ އަޑަކީ ވެސް އެތައް ކަމަކަށް ނުވަތަ އެތައް އެއްޗަކަށް އިޝާރާތްކުރެވޭ އަޑެކެވެ. އެ އަޑުން އެތައް މާނައެއް ވެސް ދޭހަވެދެއެވެ.

މި ދެންނެވި ހަމައިގެ މަތީން ވިސްނައިލާއިރު، ދިވެހިބަހުގައި ވެސް އެންމެ އަޑަކުން އުފެދިފައި ހުންނަ ލަފުޒު ހުރެއެވެ. އަދި ދެ އަޑާއި ތިން އަޑާއި ހަތަރު އަޑާއި އަދި އެއަށް ވުރެ ގިނަ އަޑުތަކުން މާނަކުރެވޭ ލަފުޒު ވެސް ހުރެއެވެ. މިއަދު އެއްޗެއް ލިޔެލައި ހިތްވީ ދެ އަޑަކުން އުފަންވާ ލަފުޒަކާމެދުއެވެ. އަދި އެ ދެ އަޑު އުފެދުމަށް ފަހު، އޭގެ ފަހަތަށާއި ކުރިއަށް އަޑުތަކެއް ލީމައި ދެން މާނައަށް އަންނަ ބަދަލުތަކާމެދުއެވެ. އެހެންވީމާ މި ވާގޮތެއް ކުޑަކޮށް ބަލައިލަމާތޯއެވެ؟

ދިވެހިބަސް ފޮތުގައި "ގޮނޑި" މިއީ ދެ އަޑެކެވެ. މި ދެ އަޑު އުފެދުނީމާ ލަފުޒަކަށް ވެދެއެވެ. އަދި އެއިން މާނައެއް އުފަންކުރުވައެވެ. ދިވެހިބަސްފޮތުގައި "ގޮނޑި" މި ލަފުޒުގެ މާނައެއް ކަމުގައި ލިޔެފައި ވަނީ؛

ހ. އިށީނުމަށް ހަދައިފައި ހުންނަ އެއްޗެއް. މި ތަފާތު އެއްޗެއްހިން ތަފާތު ވައްތަރަށް ހަދައިފައި ހުރެއެވެ.

ށ. ބިއްސާއި އޮށާޅައާއި މުލިހި ފަދަ އެއްޗެހީގެ އަޑިގައި އުފެދިފައި ހުންނަ ހަރުބައި.

ނ. ބައެއް ކަހަލަ ގަސްގަހާގެހީގެ މައިމުލާ ގުޅިގެން ބިމުގެ އަޑިޔަށް ފައިބާ ބައި.

ރ. އިންސާނުންނާއި ބަނޑުއަޅައި ވިހާތަކެތީގެ އުރަމަތީގައި ބައެއް ފަހަރަށް އުފެދޭ ހަރުބައި.

ވިސްނައިލަމާހެއްޔެވެ. އެއް ލަފުޒަކުން ހަތަރު މާނައެއް އުފަން ވެއްޖެއެވެ. އެންމެ ދެ އަޑުން ހާދަހާ ތަފާތު މާނަތަކެއް ކުރެވިއްޖެއެވެ. އަދި ޒަމާނީ ބައެއް ކުދީންނަށް ދެނެގަންނަން ދަތި މާނައެއް ވެސް އެ ހަތަރު މާނައިގެ ތެރޭގައި އޮވެދާނެއެވެ. ދެވަނައާއި ތިންވަނައާއި ހަތަރު ވަނައަށް އޮތް މާނައިގައި ފަހަރެއްގައި އެއްގޮތްކަމެއް ހުއްޓަސް، އެންމެ ފުރަތަމަ އޮތް މާނަ ވަރަށް ތަފާތު ދޯއެވެ. ކުޑަކޮށް ތަފުސީލުކޮށްލެވޭތޯ ބަލަމާހެއްޔެވެ؟

މި ހަތަރު މާނައިގެ ތެރެއިން އެންމެ އިސްކޮށް އޮތް، "ގޮނޑި" އަކީ އެ އެއްޗަކާ މެދު އެތައް ބަޔަކު އޮޅުލައި އެއްޗެކެވެ. ވާދަވެރި ރޭހަކުން މޮޅުވެގެން ވެސް އޭގައި އިށީންނަށް ބޭނުންވާ އެއްޗެކެވެ. އަތުގައި ހުރި ހުރިހައި ފައިސާއެއް ހުސްކޮންގެން ވިޔަސް އޭގައި އިށީންނަށް ހަމަ ބޭނުންވަނީއެވެ. ދަރަންޏަށް ފައިސާ ހޯދައިގެން ވެސް އެ ރޭހަށް ޚަރަދުކުރަނީއެވެ. ހަމަ ރައްޔިތުންނަށް ޚިދުމަތް ކުރާހިތުންނޯލައެވެ. ހާދަހާވާ ވަރުގަދަ އެއްޗެއްތާއެވެ. އޮށާޅައާއި ބިއްސާއި ގަސްގަހާގެހީގެ މައިމުލުގައި އޮންނަ ގޮނޑިއަކަށް ދުލެއް ނުކުރިތާއެވެ. އެ ވެސް ގޮނޑި ލައިފިއްޔާ އެތައް ތުރާލެއް ޖައްސައިފައި މެނުވީ ފިލައިދައި އެއްޗެއް ނޫއްވީއްޔާއެވެ.

މި ދެންނެވި ގޮތަށް ނުވާންވީ ސަބަބެއް ވެސް ނެތްތާއެވެ. މި ދެންނެވި ގޮނޑީގައި އިށީނދެވުނީމާ ކަމެއް ނުކުރިއަސް ހާދަހައި ފައިސާއެއް ލިބޭ ވިއްޔާއެވެ. ހާދަހައި އިއްޒަތަކާއި ގަދަރެއް ވެސް ލިބޭ ވިއްޔާއެވެ. އަދި ނުވިތާކަށް ނަމުގެ ކުރިއަށް ވެސް "އިއްޒަތްތެރި" ލާންވެސް މަޖުބޫރުކުރުވާ ވިއްޔާއެވެ. ތިމާގެ އިއްޒަތެއް އަބުރެއް ނެތަސް އެއީ ހަމަ އިއްޒަތްތެރިއަކަށް ހަދައިދޭ ވިއްޔާއެވެ. އަދި ދަންނަވަންތޯއެވެ. ދިވެހިރާއްޖެއާ ކައިރި ހުރިހައި ގައުމަކުން ތިމާއަށާއި ތިމާގެ އާއިލާ މެންބަރުންނަށް ބޭސްފަރުވާ ވެސް ހިލޭ ލިބެއެވެ. އެހެންވީމާ މިއީ ވާ ގޮނޑިއެއްތާއެވެ. ވަރުހުރި ގޮނޑިއެއް ތާއެވެ. އަޑިއަށް މޫލައިފައި ހުންނަ ޒާތުގެ ގޮނޑިއަކަށް ނުވިއަސް ލައްކަ ދިމާއަށް މީގެ ބާރުފޯރާ ގޮނޑިއެއް ތާއެވެ.

ދެން "ގޮނޑި" މި ލަފުޒުގެ ފެށޭތަނަށް ލަފުޒެއް އިތުރުކުރަމާ ހިނގާށެވެ. މާނައަށް އަންނަ ބަދަލުތައް ކުޑަކޮށް ވިސްނައިލަމާ ހިނގާށެވެ.

"ވިހަލަގޮނޑި" ކިޔާ އަޑު އަހާނެއެވެ. މިހާރުގެ ޅަ ކުދީންނަށް ނޭނގުނަސް އުމުރުން ދުވަސްވެލައިފައި ތިބި ދިވެހީންނަށް އެނގޭނެއެވެ. މި ލަފުޒުގެ މާނައެއް ކަމުގައި ދިވެހިބަސް ފޮތުގައި އޮންނަނީ،

ހ. ފަތްޕިލާވެލީގެ ތެރޭ ހިމެނޭ ވެލެއްގެ ގޮނޑިއެއް. (ވިހަ ނުފިލުވައި ކައިފި ނަމަ ވިހަވާނެއެވެ.)

ވިހަލަގޮނޑި --

މިފަހަރު މިއައީ ވިހައެއްޗެކެވެ. ވިހަނުފިލުވައި ކައިފި ނަމަ ވިހަވާ އެއްޗެކެވެ. ކަމަކު ނުދިޔަތާއެވެ. ހަމައެކަނި ގޮނޑިއޭ ބުނެ މާނަކުރީމާ، އެއިން ލިބޭ އުފަލާއި ހިތްހަމަޖެހުމާއި ފައިދާއާ ތަފާތުކޮށް މިފަހަރު ގޮނޑިގެ ކުރިއަށް ވިހަ ލީމާ ހަމަ ހަގީގަތުގައި ވެސް ވިހަވީއެވެ. ކޮންމެކޮންމެ ގޮނޑިއަކުން ފައިދާއެއް ނުވޭތާއެވެ.

ވިހަލަގޮނޑީގެ ދެވަނަ މާނައަކާއި އޭގެ ތަފުސީލު ވެސް ދިވެހިބަސްފޮތުގައި ހިމަނައިފައި ވެއެވެ. އެ ބައިވެސް ކިޔުންތެރީންގެ ސަމާލުކަމަށް ގެނައުމަށް ހިމަނައިލާނަމެވެ. އެއީ؛ " ފަތްޕިލާވެލީގެ ތެރޭ ހިމެނޭ ވެލެއް. މި ވެލުގެ ފަތް ހުންނާނީ، ފަހަތުކޮޅަށް ފުޅާކޮށް ކުރީކޮޅަށް ހިމަކޮށެވެ. މާ ހުންނާނީ އޯކިޑުގެ ބައެއް ވައްތަރުގެ މާ ހުންނަހެން ފިޔަކަފިވެފައެވެ. މި މާ ފަރިވީމާ ރަތްކުލައަށް ބަދަލުވެއެވެ. މިއީ ގޮނޑި ފައިބާ އެއްޗެކެވެ."

އެހެންވީމާ، ވިހަލަގޮނޑި އެއީ އަޑިއަށް ފައިބާ ގޮނޑީގެ އިތުރަށް އެ ވެލަށް ވެސް ކިޔާ ނަމެވެ. ވިސްނައިލީމާ ހާދަހާ ކުޑަކުޑަ ބަދަލަކުން ހާދަހާ ބޮޑު ތަފާތެއް އައީތާއެވެ.

ވިހަލަގޮނޑި މާ --

ރާގޮނޑިއާއި މަސްގޮނޑިއާއި ލަގޮނޑިއާއި އަނދަގޮނޑި އަކީ ވެސް ރީތި ދިވެހިބަހުގެ ތެރޭގައި ހިމެނޭ ލަފުޒުތަކެވެ. މީގެ އިތުރުން ގޮނޑިކޮއްކޮއާއި ހުނިގޮނޑިއާއި ހަދޮޅުގޮނޑި ވެސް ބަސްފޮތުގައި މާނައާއެކު ލިޔެފައި އެބަ އޮތެވެ. މާނަތައް ކިޔައިލައި އެއާމެދު ވިސްނައިލުމުގެ ފުރުސަތު ހަމަކޮންމެ ދިވެއްސަކަށް އޮންނާނެއެވެ. އެ ލަފުޒުތަކުގެ މާނައާމެދު އެއްޗެއް ލިޔާނީ އެހެން ފަހަރަކުންނެވެ.

ބަހަކީ އެ ފަދަ އެއްޗެކެވެ. އެންމެ އަޑަކުން ވެސް މާނަ ތަފާތުވާނެއެވެ. އަޑެއް އެހެން އަޑަކާ ގުޅޭ ގޮތުން ވެސް މާނަ ތަފާތުވާނެއެވެ. އަޑު ބޭނުންކުރާ ތަނާއި ހާލަތުން ވެސް މާނަ ތަފާތުވާނެއެވެ. އަޑު ބޭނުންކުރާ ދުވަސްވަރުގެ ގޮތުން ވެސް މާނަ ތަފާތުވާނެއެވެ. މިއީ ވަރަށް ގިނައިން ގޮނޑީގެ ވާހަކަ ދެކެވޭ ދުވަސްވަރެކެވެ. ގޮނޑީގައި އިށީނުމުގެ ބަދަލުގައި، ކުރިމަތިލާ ވާހަކަ ވަރަށް ގިނައިން ދެކެވޭ ދުވަސްކޮޅެކެވެ. އިރުވައި މޫސުމަށް ދޮންދޫންޏާއި ބަބުރާއި ލޯފިނދު އަންނަ ފަދައިން މިހާރު މި އޮތީ އެ ކަހަލަ އިރުވައެއް ލައިގަނެފައެވެ. މި އިރުވައިގައި އޮއިވާލިން ތަކެތި ހޮވުމަށް ޚާއްސަވެފައިވާ މި ދުވަސްވަރުގައި އަޅުގަނޑުގެ މި ލިޔުން ޚާއްސަކޮށްލީ ގޮނޑިއަށެވެ. އާނއެކެވެ. މި ފަހަރު އަޅުގަނޑު ވެސް ގޮނޑިއަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް