އެހެންވީމާ ފަޅޯ އެއީ ޕަޅޯ ތަ؟

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

އަޝްރަފު: ހިންދީބަހާއި އުރުދޫ ބަހުގައި ބޭނުންކުރާ ލަފުޒުތަކުގައި ހުންނަ ޕަވިޔަނީގެ އަޑު، ވަރަށް ގިނަ ފަހަރަށް އެ ލަފުޒެއް ދިވެހިބަހުގެ ތެރެއަށް އައިސްފައި ހުންނައިރު އެ ލަފުޒުގައި ހިމެނޭ "ފ"ގެ އަޑު ނުވަތަ އަޑުތައް ދިވެހިބަހުގެ "ޕ" އަށް ބަދަލުވެފައި ހުންނާނެ!

ހަމީޝް: އެހެންތަ؟

އަޝްރަފު: އާދެ! ވަރަށް ގިނަ ލަފުޒު ހުރޭ އެ ގޮތަށް "ޕ" ގެ އަޑު "ފ" އަށް ބަދަލުވެފައި.

ހަމީޝް: އަދި ތިޔަ ވަރަކުން އަޅުގަނޑަކަށް ނުވިސްނޭ. މިސާލެއް ވިދާޅުވެދެއްވަ ބައްލަވާ.

އަޝްރަފު: މިސާލަކަށް؛ ހިންދީބަހުން ޕަރްބަތު، ދިވެހިބަހުން ފަރުބަދަ، މި ލަފުޒުގެ ހިންދީބަހުގައި ބޭނުންކުރާ ޕަވިޔަނީގެ އަޑު އެ ވަނީ ދިވެހި ބަހަށް ބަދަލުވި އިރު ފާފުގެ އަޑަށް ބަދަލުވެފައި.

އަދި އެހެން މިސާލެއް ބަލައިލަމާތޯ؟

ހަމީޝް: އާދެ! އަދި އިތުރު މިސާލެއް ދެއްވާ.

އަޝްރަފު: މިސާލަކަށް؛ ހިންދީބަހުން ޕަންޑިތު، ދިވެހިބަހުން ފަންޑިތަ، އަދި މި ނޫނަސް އެތައް ބައިވަރު ލަފުޒެއް އެބަހުރި.

ހަމީޝް: އެހެންވީމާ "ފަޅޯ" އަށް ހިންދީ ބަހުން ކިޔާނީ "ޕަޅޯ" ތަ؟

..................................................................

ދުނިޔޭގައި ވާހަކަދެއްކުމަށް ބޭނުންކުރާ ހުރިހައި ބަހަކީ، ދުނިޔޭގައި ލެއްވި ހުރިހައި އެއްޗިއްސަށާއި ކަންކަމަށާއި ތަކެއްޗަށް އެ ބަހެއްގައި ލަފުޒު ހެދިފައި ހުންނާނެ ބަސްބަހެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެހެންކަމަށް ވާނަމަ ދިވެހިބަހަށް ވެސް ވާނީ އެ ގޮތް ނޫންތޯއެވެ. ދުނިޔޭގައި ލެއްވި ހުރިހައި އެއްޗަކަށް ކިޔާނެ ދިވެހި ނަންނަމެއް ނުހުންނާނެއެވެ. ކުރާކަންކަމަށް ބޭނުންކުރާނެ ލަފުޒު ވެސް ނުހުރެ ހިނގައިދާނެއެވެ. މިއީ ހަމަބުއްދި ހުރި ކޮންމެ އިންސާނަކު ވެސް ގަބޫލުކުރާނެކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ ދިވެހިބަސް ފަގީރުވެ ނިކަމެތި ވީމާ ވާ ގޮތެއް ނޫނެނެވެ. ބަހުގެ ތަބީޢަތާއި ފިޠުރަތެވެ.

ދިވެހި ބަހުގައި ލަފުޒުތައް މި ހުންނަނީ ދިވެހި ވެށްޓާއި އެ ވެށީގައި އުޅޭ ދިރޭތަކެއްޗާއި ދިވެހިންނަށް ފެންނާން ހުންނަ ތަކެއްޗަށެވެ. ދިވެހިންގެ ދުލަށާއި ކަންފަތަށް ފަސޭހަގޮތަށް ލަފުޒުތައް ކިޔަމުން ދަނީއެވެ. އެއްބަޔަކު ކިޔަން ފެށީމާ އަނެއް ބަޔަކަށް އަޑު އިވިގެން އެ ކިޔަނީއެވެ. ދުލަށް ފަސޭހަ ނަމަ އެ ބަހެއް ވައިގައި ހިފައި ހަރުލަނީއެވެ. ދުލަށާއި ކަންފަތަށް ތުރާލެއް ވާނަމަ އެ ލަފުޒެއް ވައިގައިހިފާ ގޮތެއް ނުވެއެވެ. ލަފުޒެއް ބޭނުންކުރާ މިންވަރު އާންމުވެ ގިނަ ބަޔަކަށް އެ ލަފުޒެއް ބޭނުންކުރަނީ ކޮން މާނައެއްގައިކަން އެނގުނީމާ އެ ހިސާބުން އެ އޮތީ ދިވެހި ލަފުޒަކަށް ވެފައެވެ. ދިވެހި ބަސްފޮތަށް ވަންނަން ފައްކާވީއެވެ.

އިސްވެ ދެންނެވި ގޮތަށް ދިވެހި ބަހުގެ ތެރެއަށް އެހެނިހެން ބަސްބަހުން އައިސްފައިވާ ލަފުޒުތައް އައިސްފައި ހުރީ އަވަށްޓެރި އެކި ބަސްބަހުންކަމަށް ބެލެވިދާނެއެވެ. އެ ފަދަ އެތައް މިސާލުތަކެއް އެބަ ހުއްޓެވެ. އެހެންނަމަވެސް މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ހަމައެކަނި އަވަށްޓެރި ބަސްތަކުގެ ތެރެއިން ދިވެހި ބަހަށް އެތެރެވެފައިވާ ބައެއް ލަފުޒުތަކަށެވެ. އޭގެ ތެރެއިން ވެސް އެ ލަފުޒެއްގައި "ޕ" ގެ އަޑު ހިމެނޭ ލަފުޒުތަކަށެވެ.

ތިރީގައިވާ ތާވަލަށް ފުންކޮށް ވިސްނައިލާށެވެ.

އިސްވެ މި ކުރަހައިދިން ތާވަލުން ސިފަވާނީ، ދިވެހި ބަހަށް ބޭރުގެ ލަފުޒުތައް އެތެރެވެފައިވާ އިރު އެ ވަނީ، ބޭރު ލަފުޒުގައި ހިމެނިފައިވާ ހުރިހައި "ޕ" ގެ އަޑު "ފ"ގެ އަޑަށް ބަދަލުވެފައިވާ ކަމެވެ. އަދި ތާވަލުގައި ހިމެނިފައިވާ ބޭރު ލަފުޒުތަކުގެ މާނައާ ދިވެހި ލަފުޒުގެ މާނައާ ހުރި ގާތްކަން ބޭރު ލަފުޒުތަކުގެ މާނަ ދެނެވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. މާނައިގައި މާ ބޮޑު ތަފާތެއް ނެތެއް ނޫންތޯއެވެ. ހަމަ ޙަޤީޤަތުގައި ވެސް "ޕ"ގެ އަޑު "ފ" އަށް ބަދަލުވޭ ނޫންތޯއެވެ.

މަތީގައި އޮތް ދެކެވޭ ވާހަކަކޮޅަކީ، ވީޓީވީން ގެނެސްދިން ޕުރޮގުރާމެއްގައި އަޅުގަނޑާއި، އަދި އެ ޕުރޮގުރާމް ހުށަހަޅުއްވައިދެއްވި ހަމީޝްއާ ދެކެވުނު ވާހަކަކޮޅަކުން ބައެކެވެ. އެ ވާހަކަކޮޅުން، ހަމީޝްއަށް ވިސްނިވަޑައިގަން ގޮތަށް ދިވެހިބަހުގައި ބޭނުންކުރާ ކޮންމެ "ފ"ގެ އަޑަކީ ބޭރު ބަހަކުން އައިސްފައިވާ "ޕ"ގެ އަޑެއް ނޫނެވެ. އެ ގޮތަށް ހުރިހައި "ފ" ގެ އަޑަކީ ބޭރުގެ "ޕ"ގެ އަޑަކަށް ހަދައިފިނަމަ ސަލާމަތެއް ނޯންނާނެއެވެ. އޭރުން، ފަހަރި، ޕަހަރިއަށް ވެ، ފަހަރު، ޕަހަރަށް ވެ، ފަހިވުން، ޕަހިވުމަށް ވެ، ފަޅޯ ވެސް ޕަޅޮލަށް ވެދާނެއެވެ. އެހެންނުހައްދަވާށެވެ. ދިވެހި ރަދީދުން "ފ" އުވުނީމާ ކަމަކު ނުދާނެ ނޫންތޯއެވެ.

comment ކޮމެންޓް