ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެ ބައިވަރު ގޮތްތައް އެބަހުރި ކަމަށާއި، ފަތުރުވެރިކަމުން އުފާވެރިކަން ހޯދެން އޮތީ އެނދު ގިނަ ކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ފާހަގަކުރި ފަތުރުވެރިކަމުގެ ދުވަހު ދާއިރާގެ ބާނީން ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަދި މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް ފަދަ ބޭބޭފުޅުން ވަނީ ފަތުރުވެރިކަމުގެ މުސްތަގުބަލާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އެ ބޭބޭފުޅުން ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އާ މާކެޓުތައް ހޯދައި ދާއިރާ އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. ކޮވިޑްގެ ހާލަތުގައި މި ސިނާއަތް ކޮޅަށް ޖެއްސުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރްސީން ހިތްވަރުކުރި ގޮތަށް މިއަދު ހިތްވަރުކުރަން ޖެހިފައިވާ ކަމަށާއި އެގޮތަށް އެކަން ކުރުމަށް އަތުކުރި އޮޅާލައިގެން ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
"ޓޫރިޒަމް ދާއިރާގަ ހަރަކާތްތެރިވާ ބާނީން ވަރަށް ބޮޑަށް ކުލުނު ހުރޭ މި ދާއިރާއަށް. އެހެންވީމަ އެ ބޭފުޅުން އަބަދު ދައްކާ ވާހަކައެއް މިއީ. ރަނގަޅު ވާހަައެއް އެ ދައްކަނީ. ޕްރޮޑަކްޓް ބެލެންސް ކުރަން ޖެހޭ. މާކެޓު ބަރާބަރަށް ކުރަންޖެހޭ. ޓޫރިޒަމްގެ ހަމައެކަނި ނަންބަރެއް ނޫން އަޅުގަނޑުމެން ގުނަންޖެހޭނީކީ. ޓޫރިޒަމްގެ މަންފާއާ ފައިދާ އަދި ރައްޔިތުންނަށް ލިބޭ އުފާވެރިކަން އަޅުގަނޑުމެން ގުނަންވީ،" ފަތުރުވެރިކަމުގެ ބާނީން ދެއްކި ވާހަކައަށް އިޝާރާތްކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
'ސަން' އަށް ދެއްވި ޚާއްސަ އިންޓަވިއުގައި މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު ބައެއް ރިސޯޓުތައް ނުވަތަ ހޮޓެލްތައް ވަރަށް ފުލް ކަމަށެވެ. ނަމަވެސް އަނެއް ބައި ތަންތަން ވަރަށް ދަށްކޮށް އުޅޭ ކަމަށެވެ. އަދި، އެއީ ކޮންމެހެން އަގު ދަށްކޮށްގެން ނުވަތަ އަގަށް ބަދަލު ގެނެސްގެން ވާ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ވިސްނަންޖެހޭ ކަމަކީ. ކީއްވެތޯ ފުރިފައި އޮންނަ ތަނެއް ފުރިފައި އޮންނަނީ. ދެން މާކެޓުކޮށްގެން ކޮންމެ ތަނެއްގައި ވެސް އޮކިއުޕެންސީ ރަނގަޅުކުރަން ޖެހޭނެ،" މައުސޫމް ވިދާޅުވިއެވެ.
"ރާއްޖެއަށް މި އަންނަނީ ދެ މިލިއަން ވެސް އަދި ހަމަނުވެގެންތާ މިއުޅެނީ. ދުނިޔޭގެ ފަތުރުވެރިންގެ ނިސްބަތުން ވަރަށް ކުޑަ އަދަދެއް މި އަންނަނީ. ދެން ބައެއް ބޭފުޅުން ވިދާޅުވޭ ރާއްޖޭގަ އެނދު އިތުރަށް ގިނަވަނީއޭ. ރާއްޖޭގަ އެނދު ގިނަ ނުކޮށެއް ދިވެހީންނަށް އުފާވެރިކަމެއް ނުލިބޭނެ،"
މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުން އުފާވެރިކަން ބޭނުންވާނަމަ ރާއްޖެއަށް އެނދު އިތުރުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މި އިމްޕޯޓުކުރަން ބޭނުންވާ ޑޮލަރު އިމްޕޯޓުކޮށްގެން ރާއްޖޭގެ ތަންތަން ތަރައްގީކުރެވޭނެ ވަރަށް އެބަޖެހޭ އިންޑަސްޓްރީ ފުޅާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މައުސޫމް ވަނީ ރާއްޖޭގަ އެތައް ބައިވަރު އެއާޕޯޓެއް ތަރައްގީ ކުރާއިރު އެ ތަންތަނަށް ގަވާއިދުން ދަތުރުތައް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
"ކޮންމެ ދުވަހަކު ދެތިން ފްލައިޓް ދާން ޖެހޭނެ. ބައިވަރު އެއާޕޯޓު ހުރިއިރު ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ބޭނުން އިރަކު އައިސް އެ މީހުންގެ ޕްރައިވެޓް ޖެޓް ޖައްސަންވީ،" މިނިސްޓަރު ވިދާޅުވިއެވެ.
"ރަން ޖެޓުގައި އައިސް، ރަން ލޯންޗެއްގައި، ރަން ރިސޯޓަކަށް ދާންވީ. އަލްޓްރާ ލަގްޒަރީ ލައިފްސްޓައިލެއްގައި އުޅެފައި، ކޮލިޓީ ހޮލިޑޭއަކަށް ފަހު ފުރައިގެން ދާންވީ،"
މައުސޫމް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމަށް އޮތް އަނެއް ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އަދިވެސް ނިމިފައި ނެތުމެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަންޏަކުން ނުވާނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ފުލްކޮށް އޮޕަރޭޓްކުރަން ފެށޭނީ ޓާމިނަލް ހެދުނީމަ،" މައުސޫމް ވިދާޅުވިއެވެ.
ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މުވައްޒަފުންގެ ދަތިކަން ކަމަށް މައުސޫމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި މުވައްޒަފުންނަކީ ރަން މުވައްޒަފުންނެވެ. ފަތުރުވެރިކަމުގެ ކާމިޔާބުގައި ރާއްޖެއަށް ތަކުރާރުކޮށް ފަތުރުވެރިން އަންނަ އެއް ސަބަބަކީ ދިވެހި މުވައްޒަފުންގެ ޚިދުމަތުގެ މޮޅުކަމެވެ. ނަމަވެސް ރާއްޖޭގެ އާބާދީ ކުޑަކަމުން އެ ވަރަކަށް މުވައްޒަފުން ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް މިހާރު ބާރުއަޅަން ފަތުރުވެރިކަމުގައި ދުވަސްކޮޅަކު އުޅެލާފައި ގޮސް އަމިއްލަ ވިޔަފާރި ފަށާށޭ. ގެސްޓުހައުސްއެއް ހަދާށޭ ހޮޓަލެއް ހަދާށޭ. އޭރުން އަޅުގަނޑުމެން ވާނީ ފަތުރުވެރިކަމާ ގުޅުން ހުރި ވިޔަފާރިވެރިންނަށް. އޭރުން ވެސް މަތީ ވަޒީފާތަކުގައި އަޅުގަނޑުމެން ދިވެހިން ތިބެފައި ދެން އޭގެ ދަށުން ތިބި ބަޔަށް ޖެހޭނީ ބޭރު މީހުން ގެންދަން," މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވެދެއްވީ ރާއްޖޭގެ ފަތުރުވެރިކަން މިއަދު އޮތް ވަރުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތްތަކެވެ. އަދި، ފަތުރުވެރިކަމަށް މި ވަގުތު ހުރި ބައެއް ގޮންޖެހުންތަކެވެ.