ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އާ މާކެޓުތައް ހޯދައި ދާއިރާ އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިރޭ ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ދިޔަ ޚާއްސަ ހަފުލާގައި ވާހަކަދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ، ފަތުރުވެރިކަމުގެ މުޅި ސިނާއަތް މިއަދު ކާމިޔާބުކަމާ އެކު މިހާ ހިސާބަށް އައިސް މިއޮތީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަރަށް ވެސް ބުރަ މަސައްކަތާ އެކު ކަމަށެވެ.
އެގޮތުން މަނިކު ވަނީ ފަތުރުވެރިކަމުގެ އެހާރާއި މިހާރަށް އަލިއަޅުވާލައި ވާހަކަ ދައްކަވައިފައެވެ.
"އިންޑަސްޓްރީގައި އުޅޭ މީހުންގެ ބުރަ މަސައްކަތުން މިއަދު މި ހިސާބަށް އާދެވިފައި މިއޮތީ. އުސްގަނޑުގަނޑާ އަޑިގަނޑުތައް ވެސް އެބަހުރި މި އިންޑަސްޓްރީގައި ކުރިން ވެސް އަދި މިހާރު ވެސް،" އެމްޔޫ މަނިކު ވިދާޅުވިއެވެ.
"މީގެ ކުރިން ވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އެހެންނަމަވެސް އެއްވެސް މީހަކު މާޔޫސްވުމެއް ނެތި އިތުރު ހިތްވަރަކާ އެކު މަސައްކަތްކުރި،"
މަނިކު ވަނީ ފަތުރުވެރިކަމުގެ މުސްތަގުބަލަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ސިނާއަތް އިތުރަށް ފުޅާ ކުރުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މި ތިބީ ވަރަށް މޮޅުވެފައޭ ބުނެ ނިންމާލައިގެން ނުވާނެ ކަމަށާއި އެއަށް ވުރެ ވެސް ކުރިއަށް ދިޔުމަށް މަސައްކަތް ކުރުމަށް މަނިކު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ނަމަވެސް ވޭތުވެ ދިޔަ ހަތަރު މަސް ތެރޭ ރާއްޖެއަށް ފަތުރުވެރިން އަންނަ އައުން ދަށަށް ގޮސްފައިވާކަން މަނިކު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މި އުނދަގޫ ދުވަސްތައް ބަދަލުކޮށް އަލުން އަނބުރާ ކޮޅަށް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރެވޭނީ ރާއްޖެއަށް މުހިންމު މާކެޓުތައް އިތުރުކުރަން މަސައްކަތް ކޮށްގެން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް ވިދާޅުވީ، މިހާރު މި ސިނާއަތް ކުރިއަރައިގެން އައިސް އޮތް ހިސާބުގެ ވާހަކަދެއްކުމަށް ވުރެ މި ސިނާއަތުގެ މުސްތަގުބަލާ މެދު ވާހަކަދެއްކުން މާ ރަނގަޅުވާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓު ކުރިއެރުވުމަށްޓަކައި ކޮވިޑްގެ ހާލަތުގައި މި ސިނާއަތް ކޮޅަށް ޖެއްސުމަށް ޓުއަރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރްސީން ހިތްވަރުކުރި ގޮތަށް މިއަދު ހިތްވަރުކުރަން ޖެހިފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތަށް އެކަން ކުރުމަށް އަތުކުރި އޮޅާލައިގެން ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
"މީގައި އެންމެ މުހިންމު އެއް ކަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރާ ގުޅިގެން ޕްރައިވެޓް ސެކްޓާއިން ވެސް އެއްވަރަކަށް މަސައްކަތްކުރުން،" އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ އޭރުން ކުރިއަށް އޮތް 50 އަހަރަކީ ވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބިގެންދާނެ ދުވަސްތަކަކަށް ވެގެންދާނެ ކަމަށެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ދާއިރާއިން ފާހަގަކޮށްލެވޭ ހަތަރު ކެޓަގަރީއަކުން އެވޯޑު ދީފައެވެ.