މަޖިލިސް އިންތިޚާބު: ދަފުތަރުގައި ހިމެނޭ ބައެއް މީހުން ހުޅުމާލެ މެދާއި އުތުރު ދާއިރާއަށް

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް -- ސަން ފޮޓޯ

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ދަފުތަރުގައި ހިމެނޭ ބައެއް މީހުން ހުޅުމާލޭ މެދާއި އުތުރު ދާއިރާއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީސީން ބައެއް ދާއިރާތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމީ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތައް އެ ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

އެގޮތުން ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ވިލިމާލެ ދާއިރާގައި ތިބި މީހުން ފިޔަވައި ދެން ތިބި އެންމެން ހުޅުމާލެ މެދާއި އުތުރު ދާއިރާއަށް ބަދަލުކުރުން ނިންމީ، ދަފްތަރުގައި ތިބި މީހުން މިހާރު ހިމެނޭ މާލެ ދާއިރާތައް ކަމަށްވާ މާފަންނާއި މައްޗަންގޯޅީގެ އާބާދީ ހަމަހަމަކުރަން ޗާޓަށް ބަދަލު ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކުރަން ނިންމާފައިވާކަން ހަބީބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރީގެ ދާއިރާތަކަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލުގެނައުން:

  • ދާންދޫ ދާއިރާ: ނިލަންދޫ، ދާންދޫ، ކޮނޑޭ
  • ވިލިނގިލި ދާއިރާ: ވިލިނގިލި
  • ގެމަނަފުށި ދާއިރާ: ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫ
  • ކޮލަމާފުށި ދާއިރާ: ކޮލަމާފުށި، މާމެންދޫ

މި ކަމާ ގުޅިގެން 'ސަން'އާ ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވީ މި ދާއިރާތަކަށް ބަދަލު ގެނައުމުގެ ވަގުތީ ރިޕޯޓަށް ގެނައި ބަދަލުތަކާއެކު، ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާ ގޮތުގެ ފައިނަލް ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

މިހާރު މަޖިލީސް އެކުލެވިގެންވާ ގޮތުން އާބާދީގެ ކޮންމެ 5،000 ރައްޔިތަކަށް މެންބަރެއް ހުންނަން ޖެހޭނެއެވެ. އެހެންވެ، މިހާރު 87 މެންބަރުން ތިއްބެވި ނަމަވެސް އަންނަ އަހަރު ބާއްވާ މަޖިލީސް އިންތިޚާބުގައި 93 މެންބަރުން އިންތިޚާބު ކުރަން ޖެހޭނެއެވެ.

ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން، 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިއްބެވިއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއެވެ. އަދި، މި ހިނގާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

comment ކޮމެންޓް