ނަޝީދުގެ އިތުބާރުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ ވެބްސައިޓުގައި އެޖެންޑާ އާންމުކުރި އިރު އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވަނީ އެ މައްސަލަ އެކަންޏެވެ.

މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް، އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ، ސަލާން ވިދާޅުވުމުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި އިންނަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ.

މިދިޔަ ހަފުތާ އަންގާރަ ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކަށް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރިއެވެ. ނަމަވެސް އީވާ ސަލާން ވިދާޅުވާތީ އެ ދުވަސްތަކުގައި ވެސް މަޖިލިސް ކުރިއަށް ނުގެންދެވެއެވެ.

އޭގެ ފަހުން، މި ހަފުތާގައި އީވާ ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަންދެން، ނަޝީދުގެ މައްސަލަ ތާވަލުނުކުރެވި، މަޖިލީސް އޮތީ ހުއްޓިފައެވެ.

އެ މައްސަލަ ހުއްޓުވާ ކަމަށް ބުނެ އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގެ އާދިއްތައިގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ މި ހަފުތާގައި ވަނީ އަޑުއެހުންތައް ބާއްވައިފައެވެ.

މިއަދު އެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވަނީ، އީވާ ހާޒިރުވެވަޑައިނުގަތަސް ގަރާރުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ގަރާރުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ހުއްޓުވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

https://sun.mv/184406

އެ ހުކުމާ ގުޅިގެން ނަޝީދު ވަނީ، ގަރާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ގަރާރުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވާ ކުރައްވަން ދެން ވެސް ހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.

https://sun.mv/184410

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.

comment ކޮމެންޓް