ރައްޔިތުންހެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްނުގެންދެވުނު ނަމަވެސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށްނުދާތީ އެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަވަމުން، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، އިތުބާރުގެ މައްސަލަ ލަސްވި ނަމަވެސް ގާނޫނު އަސާސީންނާއި މަޖިލީހުގެ ގަވާއިދުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކަނޑައަޅާ ކަމަށެވެ.
ފަނޑިޔާރު މަހާޒުގެ ރައުޔުގައި، މަޖިލީހުގެ 205 ވަނަ މާއްދާގެ (ނ) އާއި (ރ)އަށް އިޝާރާތް ކުރެއްވިއެވެ.
އެ މާއްދާގެ (ނ)ގައި ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއްގައި ނޯޓިސް ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ވާނެ ކަމަށެވެ. އަދި (ރ)ގައި އޮންނަނީ ގަރާރު ހުށަހެއްޅުމަށް ފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކޮށް ގޮތް ނިންމައިގެން ނުވާނެ ކަމަށެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ އެ ދެ އަކުރު ވަކިނުކުރެވޭނެ ކަމަށާއި ދެ އަކުރަށް އަމަލުކުރުމަކީ މަޖިލީހުގެ މައްޗަށް، މަޖިލީހުގެ ގަވާއިދުން ލާޒިމު ކުރާ ކަމެއް ކަމަށެވެ.
"މިގޮތަށް ނިންމުމަކު ން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މައްޗަށް ގާނޫނު އަސާސީއަށް ލިބިގެންވާ އިސްކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމުގައި އަހުރެން ނުދެކެން. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ހ) އާއި (ށ)ގައިވާ އިޖުރާއަތްތައް ފުރިހަމަވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުމުގެ ގަރާރެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި އެ މާއްދާގެ (ނ) އާއި (ރ)އަށް އަމަލުކުރުން ދިގު ދެމިގެން ގޮސް އިންތިޚާބުވެފައިވާ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ނުކުރެވި އިތުރު ދުސްތޫރީ ބަހުސެއް އުފަންވާނެ ހާލަތެއް ކުރިމަތިވާނެ ކަމުގައި ނުދެކެން،" ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.
އެގޮތުން ގާނޫނު އަސާސީގައި ވަކި މުއްދަތެއްގައި ޖަލްސާއެއް ބާއްވައި، އެ ޖަލްސާއެއްގައި ކުރުމަށް ލާޒިމުކޮށްފައިވާ ކަންކަމަކީ މަޖިލީހުގެ ގަވާއިދުގެ މައްޗަށް އިސްކަން ދޭން ޖެހޭނެ ކަންކަން ކަމަށެވެ.
ފަނޑިޔާރު މަހާޒު އެހެން ވިދާޅުވީ، އިންތިޚާބީ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގައި ހުވާ ކުރައްވަން ވާނެ ކަމަށް ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއެވެ.
މިއަދު ސުޕްރީމް ކޯޓުން އިތުރަށް ހުކުމްކޮށްފައިވަނީ، މަޖިލީހުގެ އިދާރާއިން ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށެވެ.