ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މަސައްކަތް އަވަސް ކުރުމަށްޓަކާ ރައީސް އޮފީހުގައި ވަކި ކޮމިޓީއެއް އެކުލަވައިލާނެ ކަމަށާއި، އެ ކޮމިޓީގެ ޗެއާއަކަށް ހުންނަވާނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވިއެވެ.
މިރޭ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، އެ ކޮމިޓީގައި ކަމާ ބެހޭ ހުރިހާ އިސްވެރިންނާއި ސްޓޭކް ހޯލްޑަރުން ތިއްބަވާނެ ކަމަށެވެ. އެގޮތުން މި ކޮމިޓީން ކޮންމެ ދުވަހަކު ވީއައިއޭގެ މަސައްކަތް ބަލާ، އެ ކަމަށް ނަގަންޖެހޭ ފިޔަވަޅުތައް ވަގުތުން ނެގޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބުކަމާ އެކު ނިންމިފައި މިއޮތް ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިޔަ ބައްޓަމަށް ބައްޓަންކޮށް އިރާދަކުރެއްވިއްޔާ މި މަޝްރޫއު މި ދެންނެވި ތާރީޚަށް ނިންމާނަން އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވިއެވެ.
ވީއައިއޭ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރަ ތަނެކެވެ. އެހެންކަމުން 2025ގެ ޖުލައިގައި ވީއައިއޭ ނިމެންދެން މަޑުކޮށްގެން ތިބެވެން ނެތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިގްތިޞާދު މިއޮތީ ވަރަށް ބޮޑު ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައި. ވަރަށް ބޮޑު އަނދަވަޅުގަނޑެއްގައި. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ މިކަން އަވަސް ކުރަން. އެންމެ ލަސް ވެގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
އޭރުން ވީއައިއޭ ނިމޭނީ މިހާރު ލަފާކޮށްފައިވާ ތާރީޚުގެ އަށް ވަރަކަށް މަސް ކުރިންކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ކަމާބެހޭ ސްޓޭކް ހޯލަޑަރުންނާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވީއައިއޭގެ މަސައްކަތް އަވަސް ކުރުމަށް އިތުރަށް ކުރާ ކަންކަމުގެ ތެރޭގައި ވެރިކަމާ ހަވާލުވުމުގެ ކުރިއަށް މިއޮތް ދުވަސްކޮޅު އަމިއްފުޅަށް ވީއައޭގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލައްވަން ވެސް ބޭނުންފުޅު ވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެ މަސައްކަތުގައި އަޅުގަނޑުމެންނަށް އަވަސް ކުރެވޭނެ އެތައް ކަމެއް ހުންނާނެކަން. އެއްފަހަރާ ކުރެވޭނެ އެތައް ކަމެއް ހުންނާނެ ކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ވީއައިއޭގެ މަސައްކަތް އަންނަ އަހަރުުގެ ފަތުރުވެރިކަމުގެ ސީޒަނަށް ނިންމައިދިނުމަށް މަސައްކަތް ކުރައްވާކަމަށް މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ ގައުމީ އެއާލައިނަށް އާ މަތިންދާ ބޯޓުތަކެއް ގެނައުމަށް އިންވެސްޓްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެ ކަމުގެ ބޭނުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެެވެ. އޭގެ ތެރޭގައި ޗައިނާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަކީ އެއް ބޭނުންކަމަށް ވިދާޅުވިއެވެ.
ދެހާސް ސޯޅަވަނަ އަހަރު އާ ޓާމިނަލުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ނިންމާ ގޮތަށެވެ. ނަމަވެސް ކޮވިޑާއި އެހެނިހެން ސަބަބުތަކާ ހުރެ އާ ޓާމިނަލުގެ މަސައްކަތް އަދިވެސް ނުނިމެއެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.
ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.