އިންޑިއާ ސިފައިން ބާލާނަން، ނަމަވެސް ދެ ގައުމުގެ ގުޅުން މުހިންމު: މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ސަން ފޮޓޯ/ މާހިލް

އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށާއި ނަމަވެސް، ދެ ގައުމުގެ ގުޅުން މުހިންމު ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ރޮއިޓާސްއަށް އޮންލައިންކޮށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ގުޅުން ކަނޑާ ނުލާނެ ކަމަށެވެ. އަދި، އިންޑިއާއާއި ރާއްޖޭގެ ގުޅުމަކީ ހަމަ އެކަނި ދެ ގައުމަށް ފައިދާވާނެ ގުޅުމެއް ނޫން ކަމަށާއި އެ ގުޅުމަކީ ސަރަހައްދީ ހަމަޖެހުމަށް ވެސް މުހިންމު ގުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ޗައިނާއާ އެކީ އޮންނަ ގުޅުން ވެސް ތަރައްގީ ކުރާނެ ކަމަށާއި އެހެން ގިނަ ގައުމުތަކާ އެކު ވެސް ގުޅުން ގާއިމްކޮށް ބަދަހި ކުރާނެ ކަމަށެވެ.

މި އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވީ، އުތުރުތިލަފަޅުގައި ސިފައިންގެ ބަނދަރެއް ހެދުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ހޯއްދަވާނެ ކަމަށެވެ. އަދި, ރާއްޖެއަށް އަސްކަރީ ބަނދަރަކާއި ޓްރެއިނިން ބޭސްއެއް މުހިންމު ކަމަށާއި ނަމަވެސް އެކަމަށް ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ގާއިމްވާން ނުޖެހޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ އެ މަނިކުފާނުގެ ފޮރިން ޕޮލިސީގައި އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި, މުހިންމީ ގައުމުގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ނޫން ކަމަށެވެ.

"ފޯކަސްއަކީ ރާއްޖޭގައި އިންޑިއާ މިލިޓަރީގެ އެއްވެސް ބަޔަކު ނުބޭތިއްބުން. އަޅުގަނޑުމެން އިންޑިއާ ސަރުކާރާ މަޝްވަރާ ކޮށްގެން މި ކަމުގައި ކުރިއަށް ދިއުމަށް މަގެއް ހޯދާނަން،" މުއިއްޒާ ހަވާލާދީ ރޮއިޓާސްގައި ލިޔެފައި ވެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭކަމަށް ތުުހުމަތުކޮސް ޕީޕިއެމުން "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ވެސް ފެށިއެވެ.

ނަމަވެސް ޕީޕީއެމްއިން ކުރާ ތުހުމަތުތައް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ދޮގު ކުރައްވާފައެވެ.

comment ކޮމެންޓް