އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ބާއްވާ ރަސްމިއްޔާތަށް އެމްޑީޕީން ހުރަސް އަޅަނީކަމަށް ބުނެ، ޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ވަނީ، އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ދަރުބާރަށް ހުރަސްއެޅުމަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިގެން އެމްޑީޕީގެ ޕީޖީން ކުރާ ކަމެއް ކަމަށެވެ.
މިއީ ހުތުރު އަމަލެއް ކަމަށާއި ރައްޔިތުންގެ ނިންމުމަށާއި، ގާނޫނު އަސާސީގެ ހުރުމަތަށާއި، ޑިމޮކްރަސީގެ އަސާސްތަކަށް ރުޖޫއަވުމަށް ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީއަށް ގޮވާލާފައެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އިތުބާރު ނެތް ރައީސަކު މަޖިލީހުގައި ހުންނަވަނިކޮށް އިންތިޚާބީ ރައީސް ހުށަހަޅުއްވާ ކެބިނެޓަށް ވެސް އެމްޑީޕީން ރުހުން ނުދޭނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ.
"ދަ ޑިމޮކްރެޓްސް" އަކީ ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން އިސްވެ ތިބެ އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. ފަހުން މި ޕާޓީއާ ރައީސް ނަޝީދު ވެސް ވަނީ ގުޅިވަޑައިގެންފައެވެ.