ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންގޮސް ވަނިކޮށް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރައްވާ ހުވާ ބަލައިނުގަންނާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.
"އެގޮތުން މަޖިލީހުގެ ރިޔާސަތުގައި ގަދަބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުން އަޅުގަނޑުމެން އެދެނީ. ކުރިމަތީގައި ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ހިމެނޭ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން 29ގެ ވޯޓު ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އިތުބަރު ނެތް ރައީސަކު މަޖިލީހުގައި ހުއްޓާ އިންތިޚާބީ ރައީސް ހުށަހަޅުއްވާ ކެބިނެޓަށް ވެސް އެމްޑީޕީން ރުހުން ނުދޭނެ ކަމަށެވެ.
"ގާނޫނާ ޚިލާފު ޖަލްސާއެއްގައި ހުވާ ކުރައްވައިގެން ކެބިނެޓް ހުށަހެޅުއްވިއަކަސް އެއަކަށް ވެސް އަޅުގަނޑުމެންނަކަށް އެންޓަޓެއިން އެއް ނުކުރެވޭނެ،" ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ.
އެންމެ ފުރަތަމަ އެމްޑީޕީން ނަޝީދު ވަކިވުމާ އެކު އެ މަނިކުފާނާއި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅިއެވެ. އެކަމަކު، އެ ފަހަރު ދެ މައްސަލަ އެއްފަހަރައި ހުށަހެޅުމުން މުޅި މަޖިލީސް ހުއްޓުނީއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭ ނަޝީދުގެ ސަޕޯޓަރުންގެ ރުހުން ހޯދަން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެނެސްފައެވެ.
އެކަމަކު، ދެވަނަ ބުރުގައި ވެސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ތާއީދު ނުކުރުމުން، އަނެއްކާ ވެސް އެމްޑީޕީން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.