ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، މާލިއްޔަތު ގާނޫނުގައި ބުނާ ތަފުސީލުތަކާ އެކު އަލުން މަޖިލީހަށް ހުށަހަޅަން އެ އިދާރާއިން ފިނޭންސް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ހުށަހެޅުމުން އެ މައްސަލަ މިއަދަށް އެޖެންޑާ ވެސް ކުރިއެވެ. އެކަމަކު، ކޯރަމް ހަމަވާން ބޭނުންވާ 22 މެންބަރުން ވެސް މަޖިލީހުގައި ތަޅުމުގައި ނެތުމުން މިއަދުގެ ޖަލްސާ ނުބޭއްވުނެވެ.
މާދަމާގެ ޖަލްސާއަށް ސަޕްލިމަންޓްރީ ބަޖެޓުގެ މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ. އެހެންވެ، އެމްޑީޕީން ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިރޭ "ސަން"އަށް ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅާފައިވަނީ މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ތަފުސީލުތައް ނުހިމަނައި ކަމަށެވެ. އެހެންވެ، އެ ތަފުސީލުތައް ފޮނުވައިދޭން މީގެ ކުރިން ވެސް މަޖިލީހުގެ އިދާރާއިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، އެ ތަފުސީލުތައް ދެވަނަ ފަހަރަށް ފޮނުވި އިރުގައި ވެސް މާލިއްޔަތު ގާނޫނުގައި ބުނާ ހުރިހާ ތަފުސީލުތަކެއް ފޮނުވާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވައި މިއަދު ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ މާލިއްޔަތު ގާނޫނުގައި ހިމެނޭ ހުރިހާ ތަފުސީލުތަކާ އެކު އަލުން އެ ބަޖެޓު މަޖިލީހަށް ހުށަހަޅަން އަންގައިފައެވެ.
"މާލިއްޔަތު ގާނާނުގައި ބަޔާން ކުރާ ތަފުސީލުތަކާ އެކު ބަޖެޓު އަލުން ހުށަހަޅަން މަޖިލީހުގެ ރައީސް މިއަދު ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގަވާފައި،" އޭނާ ވިދާޅުވިއެވެ.
މާދަމައަށް ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް އެޖެންޑާ ކޮށްފައިނުވާޓީ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެގޮތުން، އެޖެންޑާ ކޮށްފައި އޮތް މައްސަލައެއް ނުނެގޭނެ ކަމަށާއި ޑިމޮކްރެޓްސްއަށް މަޖިލީހުގެ ރިޔާސަތު ލިބިފައިވާތީ ބޭނުންވާ ގޮތަށް ކަންތައް ކުރައްވަނީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ރިކަރަންޓް ޚަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރާނެއެވެ. އަދި، އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅާފައެވެ. އާސަންދައަށް އިތުރު ކުރި 1.2 ބިލިއަން ރުފިޔާއާ އެކު އާސަންދައަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
ކެޕިޓަލް ޚަރަދު އިތުރު ކޮށްފައިވަނީ ޕީއެސްއައިޕީއަށް ކުރާ ހޭދަ އިތުރުވުމުންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ރިކަރަންޓް ޚަރަދު 31.7 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.