ޑުރަގު ޓްރެފިކްކުރިކަން ސާބިތުވި ފަހުން ދައުލަތުން ބޭނުންވީ މައްސަލަ ނަގަން

ޑުރަގު ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅި ފަހުން، އެ މައްސަލަ އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވައިލަން އެދުމުން ހައިކޯޓުގެ ހުކުމުގައި ޕީޖީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

މާލޭގެ ގެޔަކުން މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ. އެހެންވެ، އެ މައްސަލަ ހައިކޯޓުން ބެލުމަށް ފަހު މިދިޔަ ހަފުތާގައި ވަނީ އެ މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

އަދި، އަދަބު ކަނޑައެޅުމުގެ ޝަރީއަތް އިއްޔެ ބާއްވަން އޮތީ ކަނޑައަޅައިފައެވެ. އެކަމަކު، ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ފަހުން ދައުލަތުން ވަނީ މައްސަލަ ކުރިއަށް ގެންދިއުމުގެ "އާންމު މަސްލަހަތެއް" ނެތް ކަމަށް ބުނެ، އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވައިދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުގެ ކުރިން އެ ހުށަހެޅުން ހުށަހެޅުމުގެ ފަހި ފުރުސަތު ޕީޖީއަށް ލިބިފައިވާ ކަމަށެވެ.

"ދައުލަތުން ގަދައަޅައި ވަކާލާތު ކޮށްފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުވާނެ ސަބަބުތައް ބަޔާން ކުރުމަށެވެ. އަދި، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ދައުލަތަށް ދިން ފުރުސަތުގައި ވެސް ދައުލަތުގެ ފަރާތުން އެދިފައިވަނީ ގާނޫނުގައިވާ އަދަބު ކަނޑައަޅައިދިނުމަށެވެ،" މައްސަލަ ހިނގައިދިޔަ ގޮތް ބަޔާންކޮށް ހުކުމުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ "އާންމު މަސްލަހަތެއް ނެތް" ކަމަށް ނިންމާފައިވަނީ މައްސަލަ ރައްދުވާ ފަރާތުގެ މަންމަގެ ފަރާތުން އެ އޮފީހަށް ފޮނުވި ސިޓީއަކައި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ.

ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

"މައްސަލަ ކުރިއަށް ގެންދިއުމުގެ އާންމު މަސްލަހަތެއް އޮތް ކަމަށް ދައުލަތަށް ނުފެންނަ ކަމަށް ދައުލަތުން އެ ބުނާ ބުނުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވާއިރު، ކުއްލިއަކަށް ފާޅުވެފައިވާ އެ 'އާންމު މަސްލަހަތަކީ' ކޮބައިކަމެއް ވެސް ނޭނގެއެވެ." ހުކުމުގައި ވެއެވެ.

ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅި ފަހުން އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން އެދުނު ނަމަވެސް ހައިކޯޓުގައި އެ މައްސަލަ ތިން ގާޒީންގެ އިއްތިފާގުން ނިންމާފައިވަނީ، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައި މައްސަލަ އަނބުރާ ނުގެންދެވޭނެ ކަމަށެވެ.

އެހެންވެ، ހައިކޯޓުން ވަނީ އެ މީހާ އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައެވެ. އެކަމަކު، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މީހާ ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރުގެ ޖަލު ހުކުމެކެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަހުމަދު ޝަކީލެވެ. ރިޔާސަތު ބެލެހެއްޓެވީ ހުޒައިފާއެވެ.

comment ކޮމެންޓް