ރާއްޖެއައި އިންޑިއާ މީހެއްގެ ލަގެޖުން އެއް ލައްކަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވެސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ވައިގެ މަގުން ރާއްޖެއައި އިންޑިއާ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައި ވާކަމަށެވެ.
އަދި މިތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 13 ވަނަ ދުވަހު، އިންޑިއާއިން ރާއްޖެއައި 31 އަހަރުގެ އިންޑިއާ ފިރިހެނެއްގެ ލަގެޖުން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ބުނީ އެމީހާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައި ވާކަމަށެވެ.
އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ވާކަމަށާއި އެތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 235 ގުރާމް ހުރިކަމަށް އެ ޚިދުމަތުން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތީގެ މަގުމަތީ އަގަކީ އެއް ލައްކަ ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު، މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި ވާކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 30ގައި ވެސް ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލކައިގެންފައިވެއެވެ.
އޭރު ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.