ހިޔާ ފްލެޓެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއި ފައިސާއާއެކު 4 ދިވެހީން ހައްޔަރުކޮށްފި

އިއްޔެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހިޔާ ފްލެޓުން ހައްޔަރު ކުރި މީހުން -- ފޮޓޯ/ ފުލުހުން

ހިޔާ ފްލެޓުގެ އެޕާޓްމެންޓެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާ ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު ދިވެހީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއީ، ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފާއި، ގއ. ކޮލަމާފުށީ އޯޝަންބްލޫ، އަބްދުﷲ ހަސަނާއި ހދ. ނޭކުރެންދޫ އިރުދޭމާގޭ ހުސައިން ރިޔާޒުގެ އިތުރުން ގއ. ދާންދޫ ވަލުތެރޭގޭ އަބްދުﷲ ޖަމީލެވެ.

ފުލުހުން ބުނީ މި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކޮށެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ބޮޑަށް ދިމާވެފައި އޮންނަ އިޖުތިމާއީ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަހަރުގެ މިހައިތަަނަށް މަސްތުވާތަކެތީގެ 1،613 މައްސަލައެއް ރިޕޯޓު ކުރެވިފައިވެއެވެ. އަދި ހިޔާ ފްލެޓްގައި މިފަދަ އެތައް ކުށެއް ކުރުން ވަނީ އާއްމުވެފައެވެ.

comment ކޮމެންޓް