މުއިއްޒު ބޭނުންފުޅުވެލައްވަނީ ބަޖެޓު 49 ބިލިއަންގައި ހިފަހައްޓަން

ސެޕްޓެމްބަރު 29، 2023: ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ފަހު ކެމްޕޭން ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އިންތިޚާބީީ ރައީސް ޑރ. މުޙައްމަދު މުއިއްޒުު ބޭނުންފުޅުވެވަޑައިގަންނަވަނީ އަންނަ އަހަރުގެ ބަޖެޓު 49 ބިލިއަނުގައި ހިފެހެއްޓުމަށް ކަމަށް އެ މަނިކުފާނުގެ ބަޖެޓު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބަޖެޓު އެކުލަވައިލުމުގައި އިންތިޚާބީ ރައީސް އެންމެ ބޮޑަށް އިސްކަން ދެއްވީ ބައިނަލްއަޤްވާމީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ގަބޫލުކުރާ ހަމައެއްގައި ބަޖެޓު ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން ދަރަނި ޖީޑީޕީއަށް ޖެހޭ ނިސްބަތް ކުޑަކުރުމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

"އިންތިޚާބީ ރައީސްގެ އޮފީހުން މިިހާރު ހާމަކުރައްވައިފައި އެބައޮތް 49 ބިލިއަން ރުފިޔާގެ ތެރޭގައި ބަޖެޓު ހިފަހައްޓަވަން. އެއީ އެންމެ ފުރަތަމަ ހަމަ ރައީސް [މުއިއްޒު] ނިންމެވި ކަމަކީ،" އޭނާ ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ މި ނިމޭ ސަރުކާރުގެ މަސައްކަތްތައް އާ ސަރުކާރަށް ވާރުތަވާނެ ކަމަށާއި އެ ކަން ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ސަޕްލިމަންޓަރީ ބަޖެޓުގެ ގޮތުގައި މި އަހަރު 200 މިލިއަން ރުފިޔާ ހިމެނީ ޑރ. މުއިއްޒުގެ މި އަހަރުގައި ހިމެނޭ 100 ދުވަހުގެ ވައުދުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރަމުން އަންނައިރު އެ ކަމުގައި ފިނޭންސް މިނިސްޓްރީގެ ފުރިހަަމަ އެއްބާރުލުން ލިބޭ ކަމަށެވެ.

މެންބަރު ޣައްސާން މައުމޫނާއި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މީގެ ކުރިން ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އިންތިގާލީ މަރުހަލާގައި، އިންތިގާލީ ކޮމިޓީތަކުން އިދާރާތަކަށް ދިއުމާ އެކު ފުރިހަމަ އެއްބާރުލުން ދޭ ކަމަށެވެ. ނަމަވެސް ބައެއް ތަންތަނުން މައުލޫމާތު ދިނުމުގައި ހިފެހެއްޓުންތަކެއް ހުރިކަމަށް ޣައްސާން ފާހަގަކުރެއްވިއެވެ.

"މިކަން މިހެން ވާނެކަން އަޅުގަނޑުމެންނަށް އެނގިގެން. ރައީސަށް ވެސް ހުދު އެނގިވަޑައިގެން ހުންނަވައިގެން މި މަސައްކަތް ކުރައްވަނީ،" ޣައްސާން ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ އިންތިގާލީ މަރުހަލާގެ މަސައްކަތްތަކެވެ. އެ މަސައްކަތް އިސްކޮށް ކުރިއަށް ގެންދަވަނީ އިންތިގާލީ މަސައްކަތުގެ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲއެވެ.

ޑރ. މުއިއްޒު ހުވައިކުރައްވާނީ ނޮވެމްބަރު 17ވަނަ ދުވަހެވެ.

comment ކޮމެންޓް