ފެނަކައިގެ ދަރަންޏާ މެދު ޚިޔާލު ތަފާތުވެ، އަރާރުމަކަށް

މެމްބަރު އާދަމް ޝަރީފް އުމަރު / ފޮޓޯ: މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނި، ފެނަކައިގެ ދަރަނި އޮތް މިންވަރާ މެދު ޚިޔާލުތަފާތުވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އަރައިރުމަކަށް ގޮސްފިއެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކުން ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ގަރާރު ހުށަހަޅާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.

މި ގަރާރަށް ބަހުސް ކުރައްވާ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، އެ ގަރާރު ހުށަހެޅިއިރު ފެނަކައިގެ ދަރަނި 2.8 ބިލިއަނަށް އަރާ ކަމަށެވެ. ނަމަވެސް މިހާރު 3 ބިލިއަނަށް ވުރެ މައްޗަށް އެ ދަރަނި އަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"މީގެ އެންމެ ބޮޑު ގޮންޖެހުންތަކެއް ދިމާވަނީ އާންމުންނަށް. އެ ފައިސާ ނުލިބި ދާނެތީ އެއީ އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެތައް ކުދިން ވިޔަފަރިތަކެއް އެ ދަނީ ބަނގުރޫޓުވަމުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސަރުކާރު މިއޮތީ މަރުވެފަ. ސަރުކާރު ޖަވާބުދާރީ ކުރުވަން އެބަޖެހޭ،"

މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ފެނަކައަކީ ސިޔާސީ ގޮތުން އަންނަ އިންތިޚާބުތައް ކާމިޔާބުކުރަން ގެންގުޅުނު ޓޫލެއް ކަމަށެވެ. އެގޮތުން ފެނަކައަށް އިތުރުކުރި ވަޒީފާތައް އުފެދިގެން އައީ އެންމެ ރަނގަޅު ގޮތަކަށް ނޫން ކަމަށާއި މި ހުރިހާ ކަމެއް ދިރާސާކޮށް މަޖިލީހުން ބަލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"މިކަން ދިރާސާކޮށް ފައިނޭންޝަލް އޮޑިޓެއް ހެދެން އެބަޖެހޭ. މިއަދު މި މައްސަލައަށް ހައްލެއް ނުހޯދިއްޖެނަމަ ސަގާފަތަކަށް ވެގެންދާނެ. އެ ފައިސާ ކޮންމެވެސް ގޮތަކުން ހޯދައިދެއްވުމަށް ސަރުކާރަށް ގޮވައިލަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

މިކަމާ ގުޅިގެން މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ދައުލަތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭންޖެހޭ ނަމަ އެކަން ކުރަން ޖެހޭނެ ކަމަށް ގަބޫލުކުއްވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައި އިރު ވެސް ފެނަކައަކީ ދަރަނި އޮތް ކުންފުންޏެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"1.18 ބިލިއަން ރުފިޔާ މި ސަރުކާރުން ހަވާލުވީއިރު އެ ކުންފުނީގަ އޮތް ކަން އޮޑިޓާ ޖެނެރަލް ރިޕޯޓުގަ އެބައޮތް. މިހާތަނަށް އައިއިރު 1.9 ބިލިއަން އެބޮތް. ދެން އެ ދަންނަވާ 2.8 ބިލިއަން އެ ގެނައީ ކިހިނެއްކަމެއް އަޅުގަނޑަކަށް ނޭނގޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފެނަކައިގެ ދަރަނީގެ ވާހަކަ ދައްކާއިރު އެ ކުންފުންޏަށް އިތުރުވި އެސެޓުގެ ވާހަކައެއް ނުދައްކާ ކަމަށެވެ. އެ ދަރަންޏާ ނުބައްދަލުވާ ވަރަށް ފެނަކައިން ވަނީ އެ ކުންފުނީގެ ރައުސްމާލު އިތުރުކޮށް ގިނަ ގުނަ އެހީތައް ފޯރުކޮށްދީފައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެއީ ކޮންމެހެން މި ސަރުކާރުން ލާޒިމުކޮށް ނަގާފައިވާ ދަރަންޏެއް ނޫން. އެހެންވީމަ ފެނަކައިގެ އެ ދަރަންޏަކީ ޒަމާނުއްސުރެ އެއްވަމުން އިތުރުވަމުން އައި ދަރަންޏެއް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެ ދަރަނި އަދާކުރުމަކީ ހަމައެކަނި މި ސަރުކާރުން ނޫނަސް ކޮންމެ ސަރުކާރަކުން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

މެންބަރު އާދަމް ޝަރީފްގެ ގަރާރާ އެއްކޮޅަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްއިން ވެސް އަންނަނީ ވަކާލާތުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) -- ފޮޓޯ/ މަޖިލިސް

އެގޮތުން އެ ޕާޓީއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ސަރުކާރު އައި އިރު ވެސް ފެނަކަ އޮތީ ދަރާފައޭ ބުނެ އަނެއްކާ އަލުން އިތުރަށް މި ސަރުކާރުން ފެނަކަ ދަރުވާލީ ކަމަށެވެ. އެއީ ކަން ކުރަން ވާނެ ގޮތެއް ނޫން ކަން ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރުން ޖެހޭނީ ދަރާފައި އޮތް ތަނެއް އެ ދަރަނިން ސަލާމަތްކުރުން ކަމަށެވެ.

މީގެ އިތުރުން ޑިމޮކްރެޓްސްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ފެނަކައިގެ ދަރަނި އިތުރުވެފައިވާއިރު، އިތުރަށް 4،000 ވަޒީފާ އުފެއްދުމަކީ ބަލައިގަނެވޭ ވަރު ކަމެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި ޕްރައިވެޓް ސެކްޓާތައް އިތުރަށް ފުޅާކޮށް ވަޒީފާތައް އުފައްދައި ނުވަތަ ސިވިލް ސާވިސް ބޮޑު ކުރަން ވަޒީފާތައް އިތުރުކުރާނަމަ އެއަށް ވުރެ މާ ރަނގަޅު ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެންބަރުންގެ މެދުގައި ފެނަކައިގެ ދަރަންޏާ މެދު ޚިޔާލުތަފާތުވުންތައް އުފެދި، އެ ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިދިޔަ ހަފުތާ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައެވެ. އެގޮތުން އެ ކުންފުނީގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.

https://sun.mv/183133

ސަރުކާރު ކުންފުނިތަކާ އެ ކުންފުނިތަކަށް މުވައްޒަފުން އިތުރުވުމަކީ ކަންބޮޑުވުން ބޮޑު މައްސަލައެއްގެ ގޮތުގައި ސަރުކާރާ އިދިކޮޅު ޕާޓީތަކުން އަންނަނީ ތަކުރާރުކޮށް އަޑު އުފުލަމުންނެވެ. ޚާއްސަ ގޮތެއްގައި ރިޔާސީ އިންތިޚާބާ ގާތްކޮށްފައި ސަރުކާރުގެ އިތުރު ވަޒީފާތައް އުފެއްދުމަކީ ކޮރަޕްޝަނެއްގެ ގޮތުގައި ވަނީ އެ ޕާޓީތަކުން ވަނީ ސިފަކޮށްފައެވެ.

https://sun.mv/181623

ނަމަވެސް ސަރުކާރުން އަންނަނީ އިދިކޮޅުގެ ތުހުމަތުތައް ދޮގުކުރަމުންނެވެ. އެގޮތުން ފެނަކައަކީ ސަރުކާރަށް އާމްދަނީ ހޯދަން އޮންނަ ކުންފުންޏެއްް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ވީހާ ވެސް ގިނަ ވަޒީފާ ރައްޔިތުންނަށް އެ ކުންފުނިން ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް