ފެނަކައިން ބޮޑު ފައިދާ ހޯދާކަށް ނޫޅެން، އެ ކުންފުނިން އަދިވެސް ވަޒީފާ އުފައްދާނަން: ރައީސް

ރައީސް ހދ. ނޮޅިވަރަމުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ފެނަކައަކީ ސަރުކާރަށް އާމްދަނީ ހޯދަން އޮންނަ ކުންފުންޏެއްް ނޫންކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ވީހާ ވެސް ގިނަ ވަޒީފާ ރައްޔިތުންނަށް އެ ކުންފުނިން ދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަމުގައި ދެއްކެވި ވާހަަކަފުޅުގައި ރައީސް ވިދާޅުވީ، ވާދަވެރިން ކެންޑިޑޭޓުން އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ ފެނަކައިގެ ވާހަކަ ކަމަށެވެ.

އެގޮތުން ކޮންމެ ރަށެއްގައި ހިންގާ ފެނަކަ އޮފީހުން ގިނަ ވަޒީފާތަކެއް ދޭ ދިނުމަށް އެކިއެކި ގޮތްގޮތުން ސިޔާސީ މަންފާ ހޯދުމާއި އެ ނޫން އެކި ތުހުމަތުތައް އަމާޒުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

ފެނަކައަކީ ރަށްރަށުގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ވެސް ދޭ ކުންފުންޏެއްކަމަށް ރައީސް ވިދާޅުވިއެެވެ.

"މި ހުރިހާ ކަމަކަށް މުވައްޒަފުން އެބަ ބޭނުންވޭ. ފެނަކައަކީ ހަމައެކަނި ކަރަންޓު ދޭ ތަނެއް ނޫނޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފެނަަކައަކީ ސަރުކާރަށް ބޮޑު ފައިދާއެއްވާ ވިޔަފާރި ކުންފުންޏަކަށް ހެދުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ. ރައީސް ވިދާޅުވީ އަސާސީ ޚިދުމަތް ދޭ ސަރުކާރުގެ ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދީ، ލިބޭ އާމްދަނީއަކުން ކިރިޔާ ފުދުމުން މަގްސަދު ހާސިލްވީ ކަމަށެވެ.

"ފެނަކައަކީ އަޅުގަނޑުމެން ކޮންމެހެން ދައުލަތަށް އާމްދަނީ ހޯދަން ހަދައިފައި އޮތް ކުންފުންޏެއް ނޫން. ބޭނުންވަނީ ރައްޔިތުންނަަށް ބޭނުންވާ އަސާސީ ޚިދުމަތް ދިނުމާއެކީގައި ރަށްރަށުގައި ތިބެގެން ވަޒީފާ އަދައިކުރެވޭނެ ގޮތެއް ހޯދައިދިނުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރަށްރަށުގެ ފެނަކަ އޮފީސްތަކުން ވީހާ ވެސް ގިނަ ވަޒީފާ ދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ދައުރުގެ ބައެއް މަޝްރޫތައް މި ރަށުގައި ހިނގާ ދުވެލި ލަސްވުމަކީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް އެ ކަން ހައްލުވާނެ ކަމުގެ އުންމީދު ދެއްވަމުން ރައީސް ވަނީ ދެވަނަ ދައުރުގައި މި ރަށަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ.

އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ބޮޑެތި މަގުތައް ޒަމާނީކޮށް ތަރައްގީކުރުން
  • ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ކްލާސްރޫމާއި އޮފީސް އިމާރާތް ތަރައްގީކުރުން
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީީކުރުން
  • ސިއްހީ މަރުކަޒުގެ ފެންވަރު ހޮސްޕިޓަލް ފެންވަރަށް މަތިކިރުން
  • ފުލުހުންގެ ޚިދުމަތް ފުޅާކުރުން
  • ބަނދަރު ބޮޑުކޮށް ތަރައްގީކުރުން
comment ކޮމެންޓް