ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރާ މެޗުގެ ޓިކެޓު މިރޭ ވިއްކުމަށް ނިންމައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ އެ މެޗުގެ ޓިކެޓު މިރޭ 8:00 އިން ފެށިގެން އޮލިމްޕަސް ކުރިމަތީގައި ހުންނަ ގައުމީ ފުޓުބޯޅަ ދަނޑުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.
މެޗުގެ ޓިކެޓު ވިއްކަނީ 50 ރުފިޔާ އާއި 100 ރުފިޔާއަށެވެ. އެ މެޗަށް 4500 ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 20 ޕަސަންޓު ޓިކެޓު ވިއްކާނީ ބަންގުލަދޭޝް ސަޕޯޓަރުންނަށެވެ. އެހެންކަމުން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 3600 ޓިކެޓެވެ. އަދި ބަންގުލަދޭޝް ސަޕޯޓަރުންނަށް ވިއްކާނީ 900 ޓިކެޓެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ފުރަތަމަ ލެގުގައި ރާއްޖެއިން ބަންގުލަދޭޝްއާ ދެކޮޅަށް ނުކުންނާނީ މާދަމާ ހަވީރު 4:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. އަދި ބަންގުލަދޭޝްގައި ކުޅޭ ދެވަނަ ލެގު މެޗަށް ނުކުންނަން ޖެހޭނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ރާއްޖެ އާއި ބަންގުލަދޭޝް ވަނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕު ސްޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަންގުލަދޭޝް އިންނެވެ.
ރާއްޖެ އާއި ބަންގުލަދޭޝްއަކީ ފުޓުބޯޅައިގައި ވާދަވެރި ދެ ޓީމެވެ. ރާއްޖެ އާއި ބަންގުލަދޭޝް މިހާތަނަށް 16 މެޗެއްގައި ވާދަކޮށްފައިވާ އިރު، އޭގެ ތެރެއިން ހަ މެޗަކުން ރާއްޖެ ވަނީ މޮޅުވެފައެވެ. ހަތް މެޗަކުން ބަންގުލަދޭޝް އަތުން ރާއްޖެ ވަނީ ބަލިވެފައެވެ. އަދި ތިން މެޗެއް ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.