ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ (ބާސާ)އިން ޖިރޯނާ ބަލިކޮށް، އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 އިންނެވެ.
ފުރަތަމަ ހާފުގެ ބޮޑުބައި ލަނޑެއް ނުޖެހި އޮތުމަށް ފަހު ބާސާއިން ލީޑު ނެގީ ހާފު ނިމެއް ދެ މިނެޓަށްވެފައި އޮއްވައެވެ. އެއީ، ބައިކޮޅަށް ވަން ލަނޑެކެވެ.
އެކަމަކު، ދެވަނަ ހާފު ފެށިތާ އަށް މިނެޓު ތެރޭ އާނޯޓު ޑެންޖޫމާ ޖެހި ލަނޑާ އެކު ޖިރޯނާއިން ވަނީ ލީޑު ނަގައިފައެވެ.
ބާސާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 61 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި، 77 ވަނަ މިނެޓުގައި ލެވަންޑޯސްކީވަނީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. މިއީ ލަލީގާގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އުޅޭ ލެވަންޑޯސްކީ ލީގުގައި ކާމިޔާބުކުރި 25 ވަނަ ލަނޑެވެ. ބާސާގެ ފަހު ލަނޑު މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފެރާން ޓޯރޭޒެވެ.
މި ކާމިޔާބީއާ އެކު ބާސާއިން މިހާރުވަނީ ކުޅުނު 29 މެޗުން ލިބިފައިވާ 66 ޕޮއިންޓާ އެކު އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 63 ޕޮއިންޓެވެ.
ބާސާއަށް ދެން އޮތީ މި އަންނަ ބުދަ ދުވަހު ސްޕެނިޝް ކޮޕާ ޑެލްރޭގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 4-4 އިންވީ އެއްވަރެވެ. ނަމަވެސް، އެންމެ ފަހުން ލީގުގައި ބައްދަލުކުރި މެޗުގައި ބާސާއިން ވަނީ ފަހަތުން އަރައި 4-2 އިން އެޓްލެޓިކޯ ބަލިކޮށްފައެވެ.