ޖޭއެސްސީ އިސްލާހު ކުރުމުގެ ނިޔަތެއް އެމްޑީޕީގެ ނެތް، ޕާޓީން ވަކިވި އެއް ސަބަބަކީ އެއީ: އާޒިމް

މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް-- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތް ކަމަށާއި އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ ސަބަބުތަކުގެ ތެރޭ އެކަން ވެސް ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، މިއަދު ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ޖޭއެސްސީ އެކުލެވުން ބަދަލުކުރުމުގެ ބިލަށް ބަހުސްކުރުމުގައި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެމްޑީޕީގެ މެންބަރުންނާ އަރައިރުމަކަށް ގޮސްފައެވެ.

މި ބަހުސްކުރެއްވުމުގެ ތެރެއިން މެންބަރު އަލީ އާޒިމް ވިދާޅުވީ 2018 ވަނަ އަހަރު އިންތިޚާބުގައި ވެސް ތަކުރާރުކޮށް އެމްޑީޕީން ދެއްކި އެއް ވާހަކައަކީ ޝަރުއީ ދާއިރާ ރަނގަޅުކުރާނެ ކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރަން އުޅެ އުޅެ ނުވި ކަމަށާއި އެމްޑީޕީ ދޫކުރައްވާ އެ ޕާޓީން ވަކިވެވަޑައިގެންނެވި އެއް ސަބަބަކީ ވެސް އެއީ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މުޅި ރާއްޖެއަށް މުހިންމު އެއްވެސް ކަމެއް އިސްލާހު ކުރާނެ ނިޔަތެއް މި ސަރުކާރުގައި ނެތީތީވެ އަޅުގަނޑުމެންނަށް ނިކުންނަށް މަޖުބޫރިވީ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިނިވަންކޮށް ޖުޑިޝަރީ ބާއްވަން ބޭނުންވާނަމަ ދައުލަތުގެ ތިންބާރުން ކުރެ އެއްވެސް ބާރެއް ޖޭއެސްސީ ކޮމްޕޮޒިޝަންތެރޭ އިންދެގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އަސްލު އިންނަވާކަށް ނުޖެހޭ ޖޭއެސްސީ ތެރޭގަ،" އާޒިމް ވިދާޅުވިއެވެ.

"ޖޭއެސްސީ އިސްލާހުކުރުމުގެ ނިޔަތް އޮތް ނަމަ ކޮމިޓީން އެކަން ނިމިގެން އަންނަ އިރު މި ދެންނެވި ތިން ބާރުން ކުރެ އެއްވެސް ބާރެއް ނޯންނާނެ،"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއްގެ އިތުރުން، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

ސަރުކާރުން އެ ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އެކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މި އިސްލާހު ފޮނުވީ އެއްބުރުން ވެރިކަން ހޯދައިގެން އަލުން ވެރިކަމަށް އަންނާނެ ކަމުގެ ޔަގީންކަމާ އެކުގަ ކަމަށެވެ. ނަމަވެސް އެކަން ދެން ނުވާނެ ކަމަށާއި އެމްޑީޕީން ވެސް އިޚުލާސްތެރިކަމާ އެކު ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އާޒިމް އެދިވަޑައިގަތެވެ.

"މިކަން ކުރަން އިޚްލާސްތެރިކަމާއެކު އެމްޑީޕީން ތިބިއްޔާ މިފަހަރު ޖުޑިޝަރީ އިސްލާހުކުރަން ވަރަށް ރަނގަޅު ކޮމްޕޮޒިޝަނެއް އެކުލެވިގެން އަންނާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާ ކޮށްފައިވާ ފަނޑިޔާރުންގެ ގުރޫޕަކާ އާންމުންގެ ތެރެއިން ކަމުވޮށިގެންވާ ފަރާތްތަކަކާ އެއްކޮށް ޖޭއެސްސީ އެކުލަވައިލައިގެން ޝަރުއީ ދާއިރާ އިސްލާހުކުރެވިދާނެ ކަމަށެވެ. އަދި އެއީ ބޭރުގެ ބޮޑެތި ގައުމުތަކުގައު ވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

ޖޭއެސްސީއަށް މެމްބަރުން ކަނޑައަޅާ ގޮތް ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. ދައުރު ހަމަވާން ދާއިރު އެކަން ނުވެ އޮތުމަކީ އިދިކޮޅުގެ ބޮޑު ކަންބޮޑުވުމެކެވެ.

އެއާއެކު މިއަދުގެ ޖަލްސާގައި އެކަމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުން ދަނީ އެމްޑީޕީން ވަކިވި ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުންނެވެ.

comment ކޮމެންޓް