މަޖިލިސް އިންތިޚާބުގައި އެމްއެންޕީން ވާދަކުރާނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޕީޕީއެމް، ޕީއެންސީ އާއި އެމްއެންޕީއިން ކޯލިޝަން ހެދުން -- ފޮޓޯ/ އެމްއެންޕީ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި 1,907 ވޯޓު ލިބުނު އެމްއެންޕީން ވާދަކުރާނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޕީން މިރޭ ބޭއްވި ހިންގާ ކައުންސިލްގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އަދި، އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ތައްޔާރުވަމުން އަންނަ މަޖިލިސް އިންތިޚާބުގައި ވެސް ތިން ޕާޓީން ވާދަކުރާނީ ގުޅިގެންތޯ ސުވާލު އުފައްދައިފައެވެ.

އެ ސުވާލުތަކަށް ޖަވާބެއް އަރުވަމުން އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ނާޒިމް މިރޭ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން، ކުރިއަށް ހުރި އިންތިޚާބުތަކުގައި ތިން ޕާޓީން ވާދަކުރާނީ ގުޅިގެން ކަމަށެވެ.

"ރާއްޖޭގައި ބޭއްވޭ ހުރިހާ އިންތިޚާބުތަކެއްގައި ވާދަކުރާނީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ އެކުގައި ވާދަކުރެވޭ ގޮތަށޭ،" މިހާރު ވެސް ދަނގެތީ ދާއިރާގެ މެންބަރުކަން ކުރައްވައި ނާޒިމް ވިދާޅުވިއެވެ.

"އޭގެ މާނައަކީ އެންމެން ޕްރައިމަރީއެއްގައި ވާދަކުރާ ހާލަތެއް އައިސިއްޔާ، އެ ޕްރައިމަރީއަކުން މޮޅުވާ މީހަކަށް ހުރިހާ ޕާޓީއަކުން ތާއީދު ކުރާ އުސޫލެއް ހަމަޖެހިފައި އޭގައި އޮންނާނީ ލިޔެވިފައި،"

އޭނާ ވިދާޅުވީ، ކުރިއަށް ހުރި އިންތިޚާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ތިން ޕާޓީން އެއްކޮށް ކަމަށެވެ. އެގޮތުން، ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީ ބާއްވާނީ ތިން ޕާޓީން އެކުވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ، ޕްރައިމަރީގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމުގެ ފުރުސަތު އެމްއެންޕީގެ މެންބަރުންނަށް ވެސް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ އަވަހަށް އޮންނާނީ އިންތިޚާބީ ރައީސް ޑރ . މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމާ އެކު ހުސްވާ މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ އިންތިޚާބު ޖެނުއަރީ މަހުގެ 17ގެ ކުރިން ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މަޖިލީސް އިންތިޚާބު އޮންނާނީ އަންނަ އަހަރެވެ. މިހާރު އެކިއެކި ބޭބޭފުޅުން މަޖިލީހަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އަންނަނީ ފާޅު ކުރަމުންނެވެ.

އެމްއެންޕީން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރީ ވަކިންނެވެ. އެގޮތުން، އެ ބުރުގައި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް ނާޒިމަށް ޕަސެންޓެއްގެ ވޯޓު ވެސް ލިބިވަޑައެއް ނުގަތެވެ. އެހެންވެ، އެ ޕާޓީން ވަނީ ދެވަނަ ބުރުގައި އެއްވެސް ޝަރުތަކައިނުލާ ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދަން އެއްބަސްވެފައެވެ.

comment ކޮމެންޓް