ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ފިލްމީ ތަރިންގެ ތެރެއިން އެންމެ މަގުބޫލު އެކަކު ކަމަށްވާ އަލީ ސީޒަން މުނިފޫހިފިލުވުމުގެ ދާއިރާއިން ބްރޭކެއް ނެގުމަށް ނިންމައިފިއެވެ.
ސީޒަން އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ ތަރީންގެ ތެރޭގައި ހިމެނޭ އެކަކެވެ. ކެމެރާގެ ކުރިމަތީންނާއި ފަހަތުން ތަފާތު އެކި އެ މަސައްކަތްތައް ކޮށްފައިވާއިރު ސީޒަންގެ ކެރިއަރަކީ 20 އަހަރަށް ވުރެ ދިގު ކެރިއަރެކެވެ.
އޭނާގެ ދިގު ކެރިއަރުގައި މިހާތަނަށް އިންޑަސްޓްރީއަށް ވަތް ފަހުން އަދި މިހާތަނަށް އެއްވެސް ކަހަލަ ބްރޭކެއް ނަގާފައެއް ނުވެއެވެ. މިއީ އޭނާ މި ދާއިރާއިން ބްރޭކެއް ނަގާ ފުރަތަމަ ފަހަރެވެ.
"ސަން"އަށް މައުލޫމާތު ދެމުން ސީޒަން ބުނެފައިވަނީ މިއީ ދާއިރާ އެއްކޮށް ދޫކޮށްލައި ދިޔުމުގެ ނިޝާނެއް ނޫން ކަމަށެވެ. އެހެންނަމަވެސް މި ވަގުތު ކަންތައްތައް ރޭވިފައިވާ ގޮތުން ދާއިރާއިން މުއްދަތަކަށް ދުރަށް ޖެހިލަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
"މިއީ ފަހަރުގައި އެއް އަހަރުގެ ބްރޭކަކަށް ވެސް ވެދާނެ. އަދި އެއަށް ވުރެ ދިގު ވުން ވެސް އެކަށީގެންވޭ ހަމަ. އެހެން ވަކި ބުނާކަށް އަދި ނޭނގޭ،" ސީޒަން ފާހަގަކުރިއެވެ.
އޭނާ ފާހަގަކުރި ގޮތުގައި މި ބްރޭކާ އެކު ފިލްމު ކުޅުމާއި ފިލްމީ ދާއިރާތަކުގެ ކެމެރާ ފަހަތުގެ މަސައްކަތްތަކުން ވެސް އެއްވެސް ވަރަކަށް އޭނާ ނުފެންނާނެއެވެ.
ފިލްމީ ދާއިރާއިން އެއްކޮށް މެދުކަނޑާލައި މިގޮތަށް ބްރޭކެއް ނެގުމުގެ ފަހަތުގައިވާ ސަބަބު މިވަގުތު އަދި ހިއްސާ ކުރެވެން ނެތް ކަމަށް ސީޒަން އިޝާރާތް ކުރިއެވެ.
މިވަގުތު ވެސް ސީޒަންގެ ޕްރޮޖެކްޓުތަކެއް ކުރިއަށް އެބަގެންދެއެވެ. އޭގެތެރޭގައި "ޔާރާ" ސީރީޒް ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސީޒަން ބުނެއެވެ. އެއަށް ފަހު ދެން އިންޑަސްޓްރީ އާ ދުރަށް ޖެހިލާނީ ކަމަށް އޭނާ ފާހަގަކުރިއެވެ.
ސީޒަން އެންމެ ފުރަތަމަ ފިލްމު އިންޑަސްޓްރީގެ ތެރެއަށް ވަނީ ކެމެރާގެ ފަހަތުންނެވެ. އެއީ 1997 ވަނަ އަހަރުގައި ނެރުނު ފިލްމު "މާޒީ"ގެ އެސިސްޓެންޓް ޑައިރެކްޓަރުގެ ގޮތުގައެވެ. އެއަށް ފަހު ބައެއް މިއުޒިކް ވީޑިއޯތަކުގައި މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ފަހަރަށް ފިލްމެއްގައި މަސައްކަތް ކޮށްފައިވަނީ 2000 ވަނަ އަހަރު ނެރުނު ފީޗާ ފިލްމު "2000 ވަނަ އުފަންދުވަސް"އާ އެކުގައެވެ.
އެއަށް ފަހު ސީޒަން ވަނީ މިހާތަނަށް 30 އަށް ވުރެ ގިނަ ފީޗާ ފިލްމުތަކުގައި އެކްޓުކޮށް އެތައް ޓީވީ ޝޯތަކަކާއި ކުރު ފިލްމުތަކެއްގައި ވެސް އެކްޓު ކޮށްފައެވެ. އޭގެ އިތުރުން އުފެއްދުންތައް ޑައިރެކްޓު ކުރުމާއި ޕްރޮޑިއުސްކުރުމުގެ އިތުރުން އެޑިޓް ކުރުމުގެ މަސައްކަތްތައް ވެސް ސީޒަން ވަނީ މިހާތަނަށް ކޮށްފައެވެ.