ނަޝީދު ވަކި ކުރުމުގެ މަސައްކަތް ފެށުމުން ޑިމޮކްރެޓުން ގޮވާލީ އެމްޑީޕީގެ ކޮރަޕްޝަން ބެލުމަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުން: ޑިމޮކްރެޓުން ވަނީ މި ސަރުކާރުގެ ކޮރަޕްޝަން ބެލުމަށް ގޮވާލާފަ -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން ފެށުމާ އެކު, މި ސަރުކާރުގެ ކޮރަޕްޝަން ބެލުމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ އިސްވެރިން ގޮވާލަން ފަށައިފިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީ މެންބަރުން ސޮއި ހަމަކުރަން ފަށާފައިވާއިރު އެކަން ރަސްމީކޮށް ފެށުމަށް މާދަމާ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި މަޝްވަރާ ކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.

އެކަން ރޭ މީޑިއާތަކުން އާންމު ކުރުމާ އެކު ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ސަރުކާރަށް ރައްދުދީފައެވެ.

https://sun.mv/182891

އެގޮތުން ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ, އެ ޕާޓީން އަބަދު ވެސް ބުނަމުންދާ އެއް ކަމަކީ ވައްކަމާއި ކޮރަޕްޝަންތައް އިތުބާރު ހިފޭ ގޮތަކަށް ބަލަން ޖެހޭނެ ކަމުގެ ވާހަކަ ކަމަށެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޞާލިހް އަދި އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ޖެހޭނެ. ފިޔަވަޅު ނާޅައި ދުލެއް ނުކުރެވޭނެ. ދަ ޑިމޮކްރެޓެސް އަބަދު ވެސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު," ޑިމޮކްރެޓެސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވީ، އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފައްދަން ޖެހުނު މައިގަނޑު ސަބަބަކީ ހިފެހެއްޓުމެއްނެތި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އިތުރުވުން ކަމަށެވެ.

އެހެންވެ، އެ މައްސަލަރައް ބަލަން އޭނާ ވެސް ވަނީ ގޮވާލައިފައެވެ.

"ބަލިވީމަ ބަލި ގަބޫލުނުކުރެވިގެން ތެޅިގަތުން އެހާ ބުއްދިވެރިއެއްނުވާނެ. އަޅުގަނޑުމެން ޑިމޮކްރެޓުން އަވަސްވެ މި ގަންނަނީ ނިމި މިދާ ސަރުކާރުގެ ކްރަޕްޝަންގެ މައްސަލަތައް ބެލުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދެން," މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓުން އެއްވެސް އިރެއްގައި ވައްކަމާއި ކޮރަޕަޝްނަށް ނުރުހޭނެ ކަމަށެވެ. މި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ވެސް ބަލަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވައްކަމާއި ކޮރަޕްޝަން ބަލަން އައި ސަރުކާރެއްކަމަށް ބުނެ އައުމަށް ފަހު އެމްޑީޕީ ވައްކަމުގެ ނެޓްވޯކަކަށް ބަދަލުކޮށްލައި އަދި ވައްކަމުގައި ފަސް އަހަރު ހޭދަކޮށްފައިވާތީ މޫނެއް ކަނދުރާއެއް ބެލުމެއް ނެތި އެ މައްސަލަތައް ބަލައިގެން ނޫނީ ޤައުމުގެ ހަމަޖެހުން ނުލިބޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ލިޔެފައިވާ ޚަބަރެއް އެކްސްގައި ހިއްސާކޮށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވިދާޅުވީ, ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ބޭފުޅުން ހިންގެވި ޖަރީމާތައް ފޮރުވޭނެ ކަމަށްހީކޮށް، އަނެއްކާ ވެސް އެތައް ބައެއް ގުރުބާން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކަމަށް ރައީސް ނަޝީދު ބަހެއް ވިދާޅުނުވި ނަމަވެސް މި ސަރުކާރުގެ ކޮރަޕްޝަން ބެލުމަށް ޑިމޮކްރެޓުންގެ އިސްވެރިން އެކްސްގައި ކޮށްފައިވާ ޕޯސްޓްތައް ވަނީ އެ މަނިކުފާނުގެ އަންއޮފިޝަލް އެކްސް އެކައުންޓުގައި ޝެއާ ކުރައްވާފައެވެ.

comment ކޮމެންޓް