ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި އައްމަޑޭގެ މައްސަލައެއް ތަހުގީގުކުރަނީ

އައްމަޑޭ---

މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އިބްރާހީމް (އައްމަޑޭ)ގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ އަނިޔާގެ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން "ސަން"އަށް ބުނީ، މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 27ގައި ކަމަށެވެ. އަދި, އެއީ ޖިންސީ އަނިޔާގެ އިތުރުން ގެވެށި އަނިޔާގެ ވެސް ތުހުމަތުގައި ތަހުގީގުކުރަމުންދާ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި މީހަކު ވަނީ، އައްމަޑޭ އޭނާގެ ކުރީގެ ލޯބިވެރިޔަކަށް އަނިޔާކުރި ކަމަށް ބުނެ އެ ވާހަކަ ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައިވާ ގޮތުން މިދިޔަ މަހުގެ 27ގައި އައްމަޑޭ އެ އަންހެން މީހާއަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން އަނިޔާކުރިއެވެ.

އައްމަޑޭ އެ އަންހެން މީހާގެ ކަރުގައި ހިފައި ނޭވާ ހާސްކުރި ކަމަށާއި އެ މަންޒަރު އެ އަންހެން މީހާގެ ކުޑަ ދަރިފުޅަށް ފެނުނު ކަމަށް ވެސް ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓުގައި ވަނީ، އަންހެން މީހާ ފުލުހަށް މައްސަލަ ހުށަހަޅައި ބަޔާން ދިން ނަމަވެސް ހަފުތާއެއްވީ އިރު ވެސް ފުލުހުން ފިޔަވަޅު އަޅާފައިނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އައްމަޑޭގެ ފޭސްބުކް އެކައުންޓުން އިއްޔެ ކުރި ޕޯސްޓެއްގައި އޭނާ ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާއަކީ އެއްވެސް އިރަކު، އެއްވެސް މީހަކަށް އަނިޔާވެރިކަން އިސްކުރި މީހެއް ނޫންކަން އޭނާ ދަންނަ ގާތް އެކުވެރިންނަށް އެނގޭނެ ކަމަށް އައްމަޑޭ ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ ހުރީ އިސްވެ ފުލުހުންނާ ވާހަކަ ދައްކައި، ޖަވާބުދާރީވާން ތައްޔާރަށް ކަމަށް ވެސް އައްމަޑޭ ބުނެފައިވެއެވެ.

comment ކޮމެންޓް