ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި އޮސްޓްރިޗް މަރުވެއްޖެ

ހުޅުމާލޭގައި ގެންގުޅުނު ގިނިކާމާދޫނި، އެސޮރު ގެންގުޅުނު މީހާއާއެކު ---

ހުޅުމާލޭގައި އޮޅުކޮށްގެން ގެންގުޅެމުން ދިޔަ އޮސްޓްރިޗަށް ރޭ ބަޔަކު ހަމަލާދިނުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުން އެ ދޫނި މަރުވެއްޖެއެވެ.

އެ ދޫނިި މަރުވެފައިވަނީ މިއަދު އިރުއޮއްސި 05:30 އެހާކަށް ހާއިރު، އެ ސޮރު އޮޅުކޮށްގެން ގެންގުޅުނު ސައިޓުގައެވެ.

އޮސްޓްރިޗް ގެންގުޅުނު އިސްމާއީލް ޝާހު "ސަން"އަށް ކިޔައިދިން ގޮތުގައި އިއްޔެއާ ހަމައަށް ވެސް އެ ދޫނީގެ ހާލު ރަނގަޅެވެ. ނަމަވެސް، ރޭ މެންދަމުން އަލިވި ފަހުން ބަޔަކު މީހުން އެއަށް ހަމަލާދިނުމުގެ ސަބަބުން ފަޔަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

"އަޅުގަނޑުމެން ބަލައިލިއިރު، ފައިގެ ހުޅު ބޭރަށް ނުކުމެ، އަނެއް ފަރާތައް އެނބުރިފައި ހުރީ، އެ ހުޅުގެ މަތިން ތޫނު އެއްޗަކުން ހަމަލާ ދިނީމައި، އެ ފަޔަށް ބަރުވެގެން އެހެން އެވީ" ޝާހު ބުންޏެވެ.

ގިނިކާމާދޫނީގެ ފަޔަށް ހަމަލާދީ ޒަޚަމްކޮށްލާފައި ---

އޭނާ ބުނީ ދޫންޏަށް ފަރުވާ ދިނުމަށްޓަކައި، ޖަނަވާރުންނަށް ފަރުވާދޭ އޮއޭސިސްގެ ޑޮކްޓަރުން ސައިޓަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، ޑޮކްޓަރުން ވެސް ނިންމީ އެކަމަށް ފަރުވާ ކުރެވެން ނެތް ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވީ އިންޖެކްޝަނެއް ދީފައި މަރާލެވިދާނެއޭ އެކަމަކު އަޅުގަނޑުމެން ބޭނުމެއް ނުވި އެހެން މަރާލާކަށް،" ޝާހު ކިޔައިދިނެވެ.

އެ ދޫނި މަރުވީ އިތުުރު ފަރުވާއެއް ނުލިބި، ލޭ ހުސްވެގެންނެވެ.

ޝާހު ކިޔައިދިން ގޮތުގައި، އެ ދޫނި ބަލައިލުމަށް ދުވާލަކު 100 އެއްހާ މީހުން އެ ސަރަހައްދަށް ޒިޔާރަތް ކުރެއެވެ. މި ހާދިސާ ހިނގާފައިވަނީ އެގޮތަށް ޒިޔާރާތް ކުރާ މީހުންނަށް ފަސޭހައަކަށް ސައިޓުގެ ފެންސު ކައިރިއަށް ދޫނި ނެރުނުތާ މާގިނަ ދުވަހެއް ނުވަނީސް ކަމަށް އޭނާ ބުންޏެވެ.

"ކުރިން ވަރަށް އެތެރޭގައި އޮންނާނީ. ފަހުން ފެންސުގެ ގާތްގަނޑަކަށް ހަ ފޫޓު ކައިރިން އިތުރު ފެންސެއް ޖަހައިގެން އެ ތަނަށް ނެރެގަފައި އޮންނަތާ އަދި ދެ ހަފުތާއެއް ވަރުވާނީ" އޭނާ ބުންޏެވެ.

ޝާހު ބުނި ގޮތުގައި، އެ ދޫނި އެތެރެކޮށް، ކާންދީ، ގެންގުޅެމުން ދިޔައީ، ވަރަށް ބޮޑު ޚަރަދެއް ކޮށްގެންނެވެ. އިތުރު ދޫނިތައް އެތެރެކުރުމުގެ ހުއްދަ ވެސް މިހާރު ނުލިބޭތީ، މިއީ އޭނާގެ އިތުރުން، ދޫނި ބަލައިލަން އަންނަ އެހެން މީހުންނަށް ވެސް ލިބުނު ބޮޑު ގެއްލުމެއްކަން އޭނާ ފާހަގަކުރިއެވެ.

comment ކޮމެންޓް