ތައުލީމުގައި ގައުމިއްޔަތަށް ދެއްވި އިސްކަމަށް ޞޯދުބޭގެ ޝުކުރު ޑރ. މުއިއްޒަށް

ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަޥްޝަން އިލްޔާސް

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހި ގައުމިއްޔަތަށް ޚާއްސަ އިސްކަމެއް ދީ، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ވެލެއްވި ވައުދުފުޅާ ގުޅިގެން ދިވެހި އަދަބިއްޔާތަށް މުހިންމު ގިނަ ޚިދުމަތްތަކެއް ދިގު މުއްދަތަކަށް ކޮށްދެއްވި އަބްދުﷲ ޞާދިގު (ޞާދުބެ) ޑރ. މުއިއްޒަށް ޝުކުރު އަދައިކުރައްވައިފިއެވެ.

ޞާދުބޭގެ ޝުކުރު، ޑރ. މުއިއްޒަށް އަދައިކުރެއްވީ މިއަދު ހަވީރު ޞާދުބޭގެ ގެކޮޅުގައި ޑރ. މުއިއްޒާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަަވަމުން ޞާދުބޭގެ ދަރިކަލުން ރައުފަތު ޞާދިގު ވިދާޅުވީ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ، ދިވެހި ބަސް ކުރިއެރުވުމާއި ދިވެހި ސަގާފަތް ކުރިއެރުވުމަށް މި ފެށޭ ދައުރުގައި ކުރައްވާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމަށެވެ.

އެގޮތުން އެންމެ ޚާއްސަ ޝުކުރެއް ޑރ. މުއިއްޒަށް އަދައިކުރައްވައި މަރުހަބާ ވިދާޅުވި އެއް ކަމަކީ ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ނިންމި ނިންމުންކަމަށް ރައުފަތު ވިދާޅުވިއެވެ.

އެއާއެކު ދެން ދެކެވުނީ ޞާދުބެގެ ސިއްޙީ ހާލުކޮޅު މިހާރު ހުރި ގޮތުގެ ވާހަކަކަމަށް ވެސް ރައުފަތު ވިދާޅުވިއެވެ.

"ދިވެހިބަހުގެ ކުރިއެރުމަށް ވެސް މަސައްކަތްކުރާނެ ކަމަށް ޔަގީންކަންދީފައި އޮތީމަ، އަޅުގަނޑު ވެސް ހަމަ ދެންނެވިން އަޅުގަނޑު ވެސް ބައްޕަ ވެސް މި ހުރީ ތައްޔާރަށޭ ދިވެހި ބަހާއި ތާރީޚާއި ސަގާފަތާ ގުޅުންހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން،" ރައުފަތު ވިދާޅުވިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފު ދިވެހި ދައުލަތުން އަރުވައިފައިވާ ޞާދުބެއަކީ ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ވެސް ދިވެހިބަހުގެ އެކެޑަމީގެ ޚާއްސަ މުޝީރުގެ މަޤާމު އެ މަނިކުފާނު ގެންދަވަނީ އަދައިކުރައްވަމުންނެވެ.

އަދަބިއްޔާތުގެ ފަންނުން ފާހަގަކޮށްލެވޭ ޞާދުބެއަކީ އަދަބީ ގިނަ ފޮތްތަކަކާއި ވާހަކަ ފޮތް ވެސް ލިޔުއްވައިފައިވާ ބޭފުޅެކެވެ. ޞާދުބެގެ އަރިހުން ގިނަ އަަދަދެއްގެ ދަރިވަރުން ތައުލީމް ހާސިލްކުރައްވައިފައި ވެސް ވެއެވެ.

ޞާދުބެއަށް އިއްޒަތް އެރުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަަވައިދޭން ނިންމައި އެ ކަން ޑރ. މުއިއްޒު އިއުލާނުކުރެއްވީ ހުޅުމާލޭގައި މި މަހުގެ 15ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުގެ ތެރެެއިންނެވެ.

https://sun.mv/182423

ޑރ. މުއިއްޒު ވިދާޅުވީ ތުއްތު ކުދިންގެ ހިތްތަކުގައި ގައުމިއްޔަތުގެ ލޯބި އުފެއްދުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ. އަދި އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ، ގައުމިއްޔަތާއި ތަރުބިއްޔަތު ދަސްކޮށްދޭ ވަކި މާއްދާއެއް މަންހަޖުގައި ހިމަނައިގެން ތުއްތު ކުދިންނަށް ކިޔަވައިދޭނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް