އަޝްރަފް ބާރުއެޅުއްވީ ހަފްލާތަކުގެ ނަން ބޯޑުތަކުގައި ދިވެހިބަހުން ލިޔަން

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މާހިލް އާތިފް

ވުޒާރާތަކާއި ސަރުކާރު ކުންފުނިތައް އަދި ސްކޫލުތަކާއި އިދާރާތަކުން ވެސް ބާއްވާ އެކިއެކި ހަފްލާތަކުގެ ނަންބޯޑުތަކުގައި ދިވެހި ބަހުން ލިޔުމަށް، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝަރަފް އަބްދުއްރަހީމް މިރޭ ބާރުއަޅުއްވައިފިއެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ވަރަށް ބޮޑެތި ރަސްމިއްޔާތުތަކުގައި ވެސް ނަންބޯޑުގައި އިނގިރޭސި ބަހުން ލިޔެފައި ހުންނަ މަންޒަރު ފެންނަކަމަށެވެ.

އަދި މިސްކިތް ފަދަ ތަންތަން ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި ވެސް ނަންބޯޑު ހުންނަނީ މިފަދައިން ކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިސްކިތްތައް ހުޅުވައި މިދެނީ ކޮންބަޔަކަށްތޯ ޑރ. އަޝްރަފް ވަނީ އޭނާގެ ވާހަކައިގައި ސުވާލު އުފައްދަވައިފައެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މާހިލް އާތިފް

ދުވަސްވީ މީހުންނަށް ވެސް އެނގޭނެ ފަދައިން މިފަދަ ރަސްމިއްޔާތުތަކުގައި ނަންބޯޑު ހުންނަން ޖެހޭކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"އަޅުގަނޑު ދުށިން ވަރަށް ފަހުން ސްކޫލެއްގެ ބިންގާއެޅިއިރު، މަސައްކަތް ކޮށްދެއްވަނީ ދިވެހި ކުންފުންޏެއް، ވުޒާރާ ދިވެހި، ކިޔަވަނީ ދިވެހި ދަރިވަރުން އެކަމަކު ދިވެހި އެންމެ ލަފުޒެއް ވެސް ނެތް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އޭނާއަށް މިއަދު ދިމާވި ހާދިސާއެއް ހިއްސާކުރައްވާ އަޝްރަފް ވިދާޅުވީ ދައުލަތުގެ ކުންފުންޏެއްގެ އިސްވެރިއަކާ ދިމާވުމުން، ހަފުލާތަކުގައި ނަންބޯޑު އިނގިރޭސިން ލިޔާ ވާހަކަ ދެކެވުނުކަމަށެވެ.

"ވިދާޅުވީ ދިވެހިން ލިޔުނީމާ ތިމަންނަމެން ބުނަން ބޭނުންވާ އެއްޗެއް ނުބުނެވެއޭ. އަޅުގަނޑު ދެންނެވީ އެއީ ކީއްވެގެން ހެއްޔޭ ނުބުނެވެނީ. ބުނީ ދިވެއްސަކު ނެތޭ އެ ލަފުޒުތަކެއް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހިންނަށް ދޭހަވާ މިންވަރު ބޮޑުވާނީ ބުނަން ބޭނުންވާ ވާހަކައެއް ދިވެހިބަހުން ބުނުމުންތޯ ނުވަތަ އެހެން ބަހަކުން ބުނުމުންތޯ ޑރ. އަޝްރަފް ވަނި ސުވާލު އުފައްދަވައިފައެވެ. އެހެންކަމުން މިއަދުން ފެށިގެން، މިފަދަ ހަފުލާތަކުގައި ނަންބޯޑު ދިވެހިން ޖެހުމަށް އަޒުމު ކަނޑައަޅަން ޑރ. އަޝްރަފް ވަނީ އެދިވަޑައިގެންފައެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

މީގެ އިތުރުން، ދިވެހި ބަހުގެ އެކެޑަމީއަށް ވުޒާރާތަކުންނާއި އިދާރާތަކުން ފޮނުވާ މެއިލްތައް ވެސް އިނގިރޭސި ބަހުން ފޮނުވާނަމަ، އެއަށް ޖަވާބު ނުދޭކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގާނޫނު ހަނދާންކޮށްދީފައި ދިވެހިބަހުން މުއާމަލާތު ކުރި ދުވަހަކުން ޖަވާބު ދެނީ،" އޭނާ ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މިފަދަ ކުދިކުދި ކަންކަމުން ވެސް ދިވެހި ބަހަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

comment ކޮމެންޓް