މާތް ބަހުން ވާހަކަނުދެއްކި ނަމަވެސް، ރީތިކޮށް ދިވެހި ބަހުން ވާހަކަދައްކާނެ ހަމަތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިރޭ ވިދާޅުވެދެއްވައިފިއެވެ.
ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ، ދޫފަރިތަކަމާއެކު ދިވެހިބަހުން ވާހަކަދައްކާ މީހުން އުޅޭ ކަމަށެވެ.
ނަމަވެސް ފަރިތަކަމާ އެކު އާދައިގެ ބަހުން ވާހަކަ ދައްކާއިރު ވެސް، ރީތިކޮށް ވާހަކަ ދެއްކުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރީތިކޮށް ވާހަކަ ދެއްކުމުގައި އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ، ބުނާ އެއްޗެއް ސާފުވާނެ ގޮތަށް އަޑުތައް ބެހެންޓުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެކަމަށްޓަކައި ދޫ ހަރަކާތްތެރި ވާގޮތަށް އަނގަ ވެސް ހަރަކާތްތެރި ވާންޖެހޭ. ހުޅުވަންޖެހޭ ވަގުތު ހުޅުވަން ޖެހޭ އަދި ލައްޕަން ޖެހޭ ވަގުތު ލައްޕަން ޖެހޭ،" ވަޒީރު ވިދާޅުވިއެވެ.
ދެވަނަ ކަމަކަށް ބުނަން ޖެހޭ ވާހަކަ ފަށާނެ ތަނާއި ނިންމާނެ ތަން ސިކުނޑީގައި ރާވަން ޖެހޭކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން އަނެކުންނަށް ސާފުވާނެ ގޮތަށް ޖުމުލަ ފެށިގެން ތަރުތީބުކޮށް ނިންމަން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"...ރާވާލެވިގެން ޖުމުލަ ބުނަން ފެށީމައި މި ވާގޮތަކީ އަޑުއަހާ މީހާއަށް ކޮންމެ ވާހަކައެއް ބުނެ ނިމޭއިރު ރަނގަޅަށް ދޭހަވެ، ބޯޖަހާލެވެނީ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރީތިކޮށް ވަހަކަ ދެއްކުމަށްޓަކައި އޮއްޓަރު ހުރި ވާހަކަ ދެއްކުމުގެ މުހިންމުކަން ވެސް ވަޒީރު ފާހަގަކުރެެއްވިއެވެ.
"ތިމާ ބުނަން ބޭނުންވާ ވާހަކައަކީ ކޮބައިކަން ސާފުކޮށްފައި އެ ވާހަކައަށް ބޭނުންވާ ގަބޫލުކުރެވޭ ހަގީގަތް ހޯދައި، އެ ހިމަނައިގެން އެ ވާހަކަ ބުނުން،" ވިސްނުން މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދޭދޭ މުއާމަލާތްކުރުމުގައި ރީތިކޮށް ވާހަކަދެއްކުމަށް މަޑުމައިތިރި ރާގަކާއި އެކަމާ ގުޅޭ އިހުސާސްތައް މޫނުމަތިން ފެންނަން ޖެހޭނެ ކަމަށެވެ. އަދި ހާލަތާ ގުޅޭ ގޮތަށް ވާހަކައިގެ ރާގު ބެހެއްޓުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ ފަހުކަމެއްގެ ގޮތުން ވަޒީރު ވިދާޅުވީ ދައްކަން އުޅޭ ވާހަކަ ތަރުތީބު ކޮށްލުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އާންމުކޮށް ވަހަކަ ދައްކަން ފެށެނީ ދުރާލާ ވިސްނާލުމެއް ނެތި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން ބުނަން އުޅޭ ވާހަކައިގެ މައިގަނޑު ޚިޔާލު ސިކުނޑީގައި ރާވާލުމުން އެހެން މީހުންނަށް އެ ވާހަކަ ނަގައިގަންނަން ފަސޭހަ ވާނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވާހަކައިގައި ރީތިކަމާއި ހިތްގައިމުކަން އުފެދޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ހާލަތާ ގުޅިގެން ޖަޒުބާތެއް އިހުސާސްވި ނަމަވެސް، އެ އިހުސާސް އެއްފަރާތްކޮށް ވާހަކަ ދެއްކުމުގައި އަނެކުންގެ އިހުސާސަށް ވިސްނައިގެން ވަހަކަ ދެއްކުމަށް ވެސް ވަޒީރުގެ ވާހަކައިގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެހެންކަމުން ވާހަކަ ދެއްކުމުގައި މި ނުކުތާތަކަށް އިޝާރާތް ކުރުމަށް ވަޒީރު ވަނީ އެދިލައްވާފައެވެ.