ދިވެހިބަހަށް ލޯބި ޖައްސާނީ ކިހިނެއް؟

ދިވެހިބަހުގެ ދުވަހު ދިވެހިބަހުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވެސް ހިތަށް އަންނަނީ ދިވެހިބަހާ ގުޅޭ ކޮންމެ މަޒުމޫނެއް ނުވަތަ ރިޕޯޓެއްގައި ވެސް ފަވާލެވޭ "ދިވެހިބަހަކީ ވަރަށް މުއްސަނދި ބަހެއް" މި ޖުމުލައެވެ.

ތެދެކެވެ. ދިވެހިބަހަކީ ވަރަށް ވެސް މުއްސަނދި ބަހެކެވެ. އެހެން ގިނަ ބަސްތަކާ ޚިލާފަށް ދިވެހިބަސް ދަރަޖަތަކަށް ބަހާލެވިފައިވެއެވެ. މިސާލަކަށް ބުނާނަމަ އިނގިރޭސި ބަހުގައި "ކަލޭ" މި ބަހަށް ކޮންމެ ދަރަޖައެއްގެ މީހަކާ މުޚާތަބު ކުރާއިރު ވެސް "ޔޫ" ބޭނުންކުރި ނަމަވެސް ދިވެހިބަހުގައި އެކި ދަރަޖަތަކުގެ މީހުންނާ މުޚާތަބުކުރަން ބޭނުންކުރާނީ ތަފާތު އެކި ބަސްބަހެވެ.

ނަމަވެސް ހިތާމައަކީ އަދުގެ މި ޖީލަށް އަމިއްލަ މުއްސަނދި ބަހެއް އޮތުމަކީ ކިހާ މުހިންމު ކަމެއްކަން އިހުސާސް ނުވުމެވެ. އަމިއްލަ ބަހާމެދު ފަޚުރުވެރިވާން ނޭނގުމެވެ. އަމިއްލަ ރީތި ބަހެއް އޮއްވައި އެހެން ބަސްތަކަށް އިސްކަން ދެވުމެވެ. ދިވެހީންގެ ދިގު މާޒީ ކިޔައިދޭ، ދިވެހީންގެ ތާރީޚާއި ސަޤާފަތް ކިޔައިދޭ ބަހުގެ މަތިން ގިނަ ދިވެހީން ހަނދާން ނައްތާލުމެވެ.

އަދުގެ ހާލަތަކީ މިއީއެވެ. އަޅުގަނޑުމެންގެ ޒުވާން ޖީލަށް، އަޅުގަނޑުމެންގެ ޅަދަރީންނަށް މިއަދު ދިވެހިބަހަކީ ބޭނުމެއް ނެތް އެއްޗަކަށް ވެއްޖެއެވެ. ދިވެހިބަހުން މުއާމަލާތްކޮށް ވާހަކަދައްކަން ނުފަރިތަވެއްޖެއެވެ. ދިވެހިބަހުގެ ތެރެއަށް އިނގިރޭސި ބަސް މަސްހުނިނުކޮށް އަނގައިން ބުނުމަކީ ލަދުވެތި ކަމަކަށް ވެސް ވެއްޖެއެވެ. މި ޒުވާން ޖީލުގެ މެދުގައި ބަހަށް ލޯބި ޖައްސަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ޒިންމާއެކެވެ. ނަމަވެސް މިކަން ކުރާނީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެވެ.

ތައުލީމީ ނިޒާމަށް ބަދަލު ގެންނަން ޖެހޭ

އެގޮތުން އެންމެ ފުރަތަމަ ވެސް ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި ދިވެހިބަސް ކުރިއެރުވުމަކީ މުހިންމު ކަމެކެވެ. މިހާރު ސްކޫލު ވަގުތުގައި ދަރިވަރުން ދިވެހިބަހުން ވާހަކަދައްކާ ހަމައެކަނި ވަގުތަކީ ދިވެއްސާއި އިސްލާމް ގަޑި އެކަންޏެވެ. އެހެން މާއްދާތަކުން ފާސްވާކަށް ދިވެހީގެ ބޭނުމެއް ނުޖެހެއެވެ. އެހެންވެ، އަދުގެ ޒުވާނުންނަށް އަމިއްލަ ބަހުގެ މުހިންމު ކަމެއް ނޭނގެއެވެ.

މިކަމާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ ބަހަކީ ކުއްޖާއަށް ބޭނުންހުރި އެއްޗެއްކަން ވިސްނޭނެ ގޮތަށް ކަންކަން ބައްޓަންކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން، ތައުލީމީ ނިޒާމަށް ގެންނަން ޖެހޭނެ އެންމެ ފުރަތަމަ ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ޕްރީ ސްކޫލު ދަރިވަރުންނަށް ވެށީގެ ވަކި މާއްދާއެއް ދިވެހިބަހުން ކިޔަވައިދިނުމެވެ.

"ދުނިޔޭގެ ގައުމުތަކުގައި ކިޔަވައިދޭނެ އެ ގައުމެއްގެ ނަމާއެކީގައި އަންނަ 'ސްޓަޑީސް' ކިޔާ އެއްޗެއް. މިސާލަކަށް އިންޑިއަން ސްޓަޑީސް، މެލޭޝިއަން ސްޓަޑީސް، ޕާކިސްތާން ސްޓަޑީސް. އެ ފޮތުގައި ކިޔަވައިދޭނީ އެ ޤައުމެއްގައި ހުންނަ ތަކެއްޗާއި، މާހައުލު،" އަޝްރަފް ވިދާޅުވުއެވެ.

އެމްއެންޔޫ ފޮތް މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަޝްރަފް ވިދާޅުވީ އެފަދަ މާއްދާއެއް ރާއްޖޭގައި ވެސް ކިޔަވައިދޭން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މި މާއްދާއަކީ ބަހުގެ އިތުރަށް ކިޔަވައިދޭންޖެހޭ މާއްދާއެއް ކަމަށެވެ. އެ މާއްދާގައި ގައުމުގެ ތާރީޚާއި، މަސައްކަތްތެރިކަމާއި، އިޤްތިސާދު އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ވެސް ޤައުމާ ގުޅޭ އެތައް ވާހަކައެއް މި މާއްދާގެ ދަށުން ކިޔަވައިދޭނެކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"އެ މާއްދާ ރާއްޖޭގައި ކިޔަވައިދޭން ނުފަށާހާ ހިނދެއްގައި، މިއަދު ދިވެހި ޓީޗަރުން ހަފުތާއަކު ތިން ގަޑީގައި ދިވެހި ކިޔަވައިދީގެންނެއް ދިވެހި ކުދިންނެއް ދިވެއްސެއް ނުވާނެ،"

މި މާއްދާއަކީ ދިވެހިބަހުގެ އިތުރުން ގައުމިއްޔަތަށް ލޯބި ޖެއްސުމަށް ކިޔަވައިދޭން ޖެހޭ މާއްދާއެއްކަން ވެސް އޭނާވަނީ ފާހަގަ ކުރައްވައިފައެވެ.

ދަރިވަރުންނަށް ބަހުގެ މުހިންމުކަން ބުނެދޭން ޖެހޭ

ދިވެހިންގެ އަމިއްލަ ފަޚުރުވެރި ބަހެއް އޮތުމުގެ ޝަރަފުވެރިކަމާއި، އެއީ ކިހާ މުހިންމު ކަމެއްކަން އަދުގެ ޖީލަކަށް ނޭނގެއެވެ. ހީވެފައި އޮންނަނީ މުސްތަގުބަލުގައި ކުރިއަރައިގެން ދެވޭނީ ދިވެހިބަހަށް ވުރެ ބޮޑަށް އިނގިރޭސި ބަސް ނުވަތަ އެ ނޫން ވެސް ބަހެއް ދަސްކޮށްގެން ކަމަށެވެ.

މިއީ މުޅިއަކުން ދޮގެއް ވެސް ނޫނެވެ. ރާއްޖޭގެ މަދަރުސާތަކުގައި ކަންކަން މިހާރު ބައްޓަންވެފައި އޮންނަ ގޮތުން ބަހަކީ ތައުލީމީ ހަޔާތުގައި ވެސް މާ މުހިންމު އެއްޗަކަށް އޮންނަނީ ނުވެފައެވެ. ދިވެހިބަހުގެ ވާހަކަ ވެސް ގިނަ ފަހަރު މަދަރުސާތަކުގައި ދައްކާނީ ކޮންމެ ވެސް ސަގާފީ ދުވަހެއް ފާހަގަކުރާއިރު އެކަންޏެވެ.

އެހެންނަމަވެސް ދިވެހިބަހަށް ލޯބި ޖައްސަން ބޭނުންވާނަމަ ބަހުގެ މުހިންމުކަން ޅަދުވަހުން ފެށިގެން ބުނެދޭން ޖެހެއެވެ.

އަޝްރަފް ވިދާޅުވީ މިއީ "ގެތިގެންދާ ސިލްސިލާއެއް"ކަން ދަރިވަރުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އެގޮތުން، ޕްރީ ސްކޫލުގައި ކިޔަވާ ދަރިވަރަށް ބަހަކީ ޕްރައިމަރީ ސްކޫލުގައި ބޭނުންޖެހޭނެ މުހިންމު އެއްޗެއްކަން އެނގެންވާނެ ކަމަށާއި، ޕްރައިމަރީ ސްކޫލުގައި ކިޔަވާ ދަރިވަރަށް ސެކަންޑްރީގައި، ސެކްންޑްރީގައި ކިޔަވާ ދަރިވަރަށް ސާނަވީ ތައުލީމުގައި އަދި ސާނަވީ ތައުލީމު ކިޔަވާ ދަރިވަރުންނަށް މިއީ އޭލެވެލްއަށް ކޮންމެހެން ވެސް ބޭނުންޖެހޭނެ އެއްޗެއްކަން އިހުސާސު ކޮށްދޭން ޖެހޭ ކަމަށެވެ.

އަޝްރަފް ވިދާޅުވީ ޕްރައިމަރީ ސްކޫލުގައި ކިޔަވާ ދަރިވަރަށް ވެސް މިހާރު ދިވެހިބަހުން ކުރާނެ މާ ބޮޑު ކަމެއް މަދަރުސާގައި ނޯންނަ ކަމަށެވެ. އަދި، ކުރަން ޖެހޭ ކަންކަމަށް ބަރޯސާ ވާން ޖެހެނީ އިނގިރޭސި ބަހަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއްޗެއްދެކެ އިންސާނާ ލޯބިވަނީ އެ އެއްޗެއްގެ މުހިންމުކަން އޭނާއަށް އިހުސާސުވުމުންނެވެ. އެ އެއްޗަކީ އޭނާއަށް ބޭނުންހުރި އެއްޗަކަށް ވާތީއެވެ. ފައިދާއެއް ލިބޭނެ އެއްޗަކަށް ވާތީއެވެ.

ދިވެހިބަހުގެ އެކެޑަމީން ބޭއްވި ޖަލްސާއެއްގައި އަޝްރަފް -- ސަން ފޮޓޯ: މޫސާ ނަދީމް

ވަޒީފާގެ މާހައުލުގައި ވެސް ބަހަށް އިސްކަން ދޭން ޖެހޭ

ބަހަށް ލޯބި ޖައްސަން ބޭނުންނަމަ ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާގެ މާހައުލުގައި ވެސް ބަހަށް އިސްކަން ދިނުމެވެ.

މިސާލެއްގެ ގޮތުން އަޝްރަފް ވިދާޅުވީ، ސަރުކާރުގެ އޮފީހަކަށް ވަދެއްޖެ ނަމަ ދިވެހިބަހުގެ ބޭނުން ކޮންމެހެން ވެސް ކުރަން ޖެހޭނެކަން މީހުންނަށް އެނގޭނަމަ ބަހަށް ލޯބިކުރާނެ ކަމަށެވެ.

"އެކަން އިހުސާސު ވީމާ އެ ކުދިން މަސައްކަތްކުރާނެ ތަބީއީ ގޮތުން ވެސް ބަހަށް ލޯބި ކުރަން ނޫނީ އޭގެ ބޭނުން ހިފަން،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ވަޒީފާގެ މާހައުލުގައި އެތެރޭގެ ލިޔެކިޔުންތަކަށާއި ކުރާ މެސެޖުތަކަށް ވެސް ބޭނުންކުރަނީ އިނގިރޭސި ބަސް ކަމަށެވެ. ކަން މިހެން އޮތުމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ވެސް ކުއްޖާއަށް ބަހަކީ މުހިންމު އެއްޗަކަށް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގައި ބޭނުންކުރާ އެތެރޭގެ ލިޔެކިޔުންތަކަށް ދިވެހިބަސް ބޭނުން ކުރާ ގޮތަށް ކަނޑައަޅަން ޖެހޭ ކަމަށެވެ.

"ގާނޫނުގައި އެބައޮތް ވަރަށް ސާފުކޮށް އެ ވާހަކަ ބުނެފައި، ދިވެހިބަހަށް އިސްކަންދިނުމުގެ ގާނޫނުގައި ދިވެހިރާއްޖޭގެ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ހުންނަން ޖެހޭނީ ދިވެހިބަހުން ކަމަށް،" އަޝްރަފް ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުގެ އޮފީސްތަކުގެ ތެރޭގައި މުއާމަލާތްތައް ކުރެވެނީ ދިވެހިބަހުން ނޫންކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި، އެ އޮފީސްތަކުގެ މަސައްކަތްތައް ދިވެހިން ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޭރު ގައުމުތަކާއި ބޭރުގެ އޮފީސްތަކާ ކުރަން ޖެހޭ މުއާމަލާތްތައް އިސްތިސްނާވާނެކަން އަޝްރަފް ވަނީ ފާހަގަ ކުރައްވައިފައެވެ.

މިހާރު ދިވެހިބަސް އޮތީ ވަރަށް ދަށު ދަރަޖައެއްގައި

ދިވެހިބަހަށް ކުރާ ގަދަރާއި އިއްޒަތް ދުވަހަކަށްވުރެ ދުވަހެއް ދަނީ މި ރާއްޖޭގައި ދަށަށެވެ. އަމިއްލަ މުއްސަނދި ބަހެއް އޮތުމަކީ ކިހާ މުހިންމު ކަމެއްކަން އަދުގެ ޒުވާން ޖީލަކަށް އިހުސާސް ވެސް ނުކުރެވެއެވެ. ދިވެހިބަހުގައި ދަރަޖަތައް ބޭނުންކުރާއިރު ވެސް ބޭނުންކުރަން ޖެހޭ ބަސްތައް ތަފާތު ކަމަށާއި އުނދަގޫކަމަށް ބުނާ ކުދިން ވެސް މަދެއް ނޫނެވެ. "އިންގްލިޝް މާ ފަސޭހައޭ" ނުބުނާ ކުއްޖަކު މަދެވެ. ދިވެހިބަސް ލިޔާއިރު އަކުރުގައި ފިލިޖަހަން ޖެހޭތީ ވެސް އޮންނަނީ ބޮޑު ކަމަކަށްވެފައެވެ.

ސަރުކާރު އޮފީސް ތަކުގައި ވެސް އެފަދައެވެ. މިސާލަކަށް ދަންނަވާނަމަ ދިވެހީންގެ ބޭންކަށް ގޮސް ވެސް ދިވެހީންނަށް ފުރަން ޖެހޭނީ އިނގިރޭސި ބަހުން އޮންނަ ފޯމެކެވެ. ތަނަކަށް ކާއެއްޗެއް އޯޑަރު ކުރަން ގުޅިއަސް ކާފަމެން މާމަމެންނަށް ވެސް މިހާރު މަޖުބޫރުވަނީ އިނގިރޭސި ބަހުން ވާހަކަދައްކާށެވެ. ވަޒީފާއަކަށް ކުރިމަތިލިޔަސް އިނގިރޭސި ފާހެއް އޮވޭތޯ ކަށަވަރުކުރެއެވެ.

މިއަދު ދިވެހިރާއްޖޭގައި ދިވެހިބަސް އޮތް ހާލަތަކީ މިއީއެވެ. ބަހަށް ކުރަން ޖެހޭ އިހުތިރާމާއި ގަދަރު އޮތީ ފައިބުޑުގައެވެ. ދިވެހީންގެ އަމިއްލަ ގައުމުގައި އަމިއްލަ ބަހަށް ދެވޭ މުހިންމުކަން އޮތީ އިންތިހާއަށް ދަށުގައެވެ. ކަން މިހެން އޮތުމުގެ ސަބަބުން އަދުގެ ޖީލުގެ މެދުގައި ކޮންމެހެން ވެސް ބަހަށް ލޯބި ޖައްސަން ޖެހެއެވެ. އެއީ، ދިވެހީންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ޒިންމާއެކެވެ.

comment ކޮމެންޓް