އަސްލަމް ވިދާޅުވީ ނަޝީދު އެމްޑީޕީއާ މެދު ޒާތީވެ އިތުރުފުޅު ހައްދަވަނީ ކަމަށް

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު އެމްޑީޕީއާ މެދު ވަރަށް ބޮޑަށް ޒާތީކޮށް ދެކިލައްވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެ މަނިކުފާނު މި ފަހުން މުޅިންހެން ހައްދަވަނީ އިތުރުފުޅު ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ފައްޓަވަމުން ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން، ކޮމިޓީތަކަށް އެ ޕާޓީން އައްޔަން ކުރާނެ މެންބަރުންގެ ނަންތައް ނުފޮނުވައިގެން ދާއިމީ ކޮމިޓީތައް އެކުލަވައިލުން އަނެއްކާ ވެސް މަޑުޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިހާތަނަށް ކޮމިޓީތަކަށް މެންބަރުންގެ ނަންތައް ފޮނުވީ، ޑިމޮކްރެޓްސްއާއި ޕީޕީއެމް/ޕީއެންސީން ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި އަސްލަމް މިއަދު "ސަން"އަށް ވިދާޅުވީ، ކޮމިޓީތަކަށް މެންބަރުންގެ ނަންތައް ނުފޮނުވަނީ ހަމައެކަނި އެމްޑީޕީން ނޫން ކަމަށާއި އެކަން އެނގިވަޑައިގެން ހުންނަވާ ނަޝީދު އެފަދައިން އެ ޕާޓީގެ ނަން ހާއްސަ ކުރެއްވީ ޒާތީ ގޮތުން އެ ޕާޓީއާއި އެ ޕާޓީގެ ލީޑާޝިޕާ މެދު ދެކިލައްވާތީ ކަމަށެވެ.

"ރައީސް ނަޝީދަކީ މި ފަހުގެ ތާރީޚުތަކުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މުޅިން ތެދު ބަހުން އެއްޗެހި ވިދާޅުވާ ބޭފުޅެއް ގޮތުގައެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.

https://sun.mv/182724

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓުކަން ވެސް ކުރެއްވި އަސްލަމް ވިދާޅުވީ، އެމްޑީޕީގެ އިތުރުން ވެސް އެހެން ޕާޓީތަކުން ނަންތައް ނުފޮނުވާ އެބަހުރި ކަމަށާއި އެހެން އޮއްވައި ހަމަ އެކަނި އެމްޑީޕީގެ ނަން އެގޮތަށް ފާހަގަ ކުރެއްވީ ޒާތީ ގޮތުން އެ ޕާޓީއާ ދޭތެރޭ ދެކިލައްވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެގޮތަށް އެމްޑީޕީގެ ނަން ފާހަގަކޮށްފައި މިއަދު ވިދާޅުވީ އެމްޑީޕީއާއި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާ މެދު އެ މަނިކުފާނު [ނަޝީދު] ޒާތީ ގޮތަކަށް ބައްލަވާތީ ކަމުގައި އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

އަސްލަމް ވިދާޅުވީ، އެމްޑީޕީން ކޮމިޓީތަކަށް ފޮނުވަން ބޭނުންވާ ނަންތައް މިއަދުގެ ވަގުތެއްގައި މަޖިލީހުގެ އިދާރާއާ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި، މިހާތަނަށް އެ ނަންތައް ނުފޮނުވި އޮތީ ޕާޓީގެ އެންމެހައި މަޖިލިސް މެންބަރުންނާ އެކު މަޝްވަރާ ކުރުމަށް ފަހު، އެ މެންބަރުންގެ ވެސް މަޝްވަރާގެ މަތިން ކަންތައްތައް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ 56 މެންބަރުން ތިއްބަވައެވެ.

https://sun.mv/182735

އަސްލަމް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް ފަހު ނަޝީދު ވެސް ގެންދަވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ނަޝީދު އެމްޑީޕީން ވަކިވީ ޕްރައިމަރީއަށް ފަހު ރައީސް ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ރިޔާސީ އިންތިޚާބުގައި ރައީސަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައިފައެވެ.

އެ މަނިކުފާނު މިއަދު ވެސް ވަނީ އެމްޑީޕީން ނިޒާމީ ވޯޓަށް އެއްބަސްވި ކަމަށް ވިދާޅުވެ، އެހެންނަމަވެސް އެ ޕާޓީއަކީ މިހާރު އިތުބާރު ކުރެވޭ ޕާޓީއެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެ ކަން ދޮގު ކުރައްވައިފައެވެ.

comment ކޮމެންޓް