ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު މަޑުޖެހިފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން، ކޮމިޓީތަކުގައި ހިމެނުމަށް އެ ޕާޓީން ބޭނުންވާ މެންބަރުންގެ ނަންތައް ނުފޮނުވައިގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން މަޖިލީސް ނުބޭއްވި ދުވަސްތަކެއް ދިއުމަށް ފަހު، މިއަދު އޮތް މި ދައުރުގެ ހަތްވަނަ ޖަލްސާއަށް ވަނީ ނިޒާމީ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ގޮތެއް ނިންމުމާއި އަދި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ ކިޔުން އިއްވަން ތާވަލުކޮށްފައެވެ.
މިއަދުގެ މަޖިލީސް ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ، އެންމެ ފަހުން ބޭއްވުނު ޖަލްސާގައި ކޮމިޓީތަކުގައި ތިއްބަވަން ޕާޓީތަކުން ބޭނުންވާ މެންބަރުންގެ ނަންތައް ކޮމިޓީތަކުން ފާސްކޮށްފައިވާނެ ކަމަށެވެ. އެކަމަކު، އެ މަސައްކަތް މިހާރު މަޑުޖެހިފައިވަނީ އެމްޑީޕީން، އެ ޕާޓީން ކޮމިޓީތަކުގައި ބައިތިއްބަން ބޭނުންވާ މެންބަރުންގެ ނަންތައް ފޮނުވާފައިނުވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މިއަދާ ހަމައަށް މެންބަރުންގެ ނަންތައް ފޮނުވާފައިވަނީ ޕީޕީއެމް/ޕީއެންސީ އަދި ޑިމޮކްރެޓްސްއިން އެކަނި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު --
"ހާއްސަ ގޮތެއްގައި އެމްޑީޕީން ނުލިބޭ ކަމުން، މި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވި އަޅުގަނޑުމެންނަށް އަދިވެސް މިތިބީ. އެހެންވީމާ އެމްޑީޕީގެ ނަންތައް ލިބި، އަޅުގަނޑުމެންނަށް އެ ނަންތަކަށް ވޯޓަށް އެހި، ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނޭ ކަމަށް އުންމީދު ކުރަމުން މި ދަނީ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެ ޕާޓީގައި ތިއްބެވި ގިނަ މަޖިލީސް މެންބަރުންތަކެއް ވަނީ އެ ޕާޓީން ވަކިވެފައެވެ. ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހުނީ އެ ދުވަސްވަރެވެ. އެކަމަކު، އެހެން އޮއްވައި، އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއްފަހަރައި ހުށަހެޅީއެވެ.
ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެއް ފަހަރައި ހުށަހެޅުމުން ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެފައެވެ. އެހެންވެ، އެ މައްސަލައިގައި ވެސް މަޖިލީސް ހުއްޓިފައި އޮތެވެ.
އޭގެ ފަހުން އަނެއްކާ ވެސް، ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވައި މެންބަރުން އުފައްދަވަން މަސައްކަތް ކުރެއްވި ދަ ޑިމޮކްރެޓްސް އުފެދުމާ އެކު އަނެއްކާ ވެސް އަލުން ކޮމިޓީތައް އެކުލަވައިލަން ޖެހުނީއެވެ. އޭގެ ފަހުން، ދެ ޕާޓީގެ ދެމެދުގައި ބައެއް މެންބަރުން ބަދަލުވުމުގެ ސަބަބުން ވެސް އެ މަސައްކަތް އިތުރަށް ކުރަން ޖެހުނެވެ.