އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް އެމްޑީޕީއާއި ޕީޕީއެމްގެ ތާއިދު ވެސް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގުރޫޕަށް މިއަދު ހަވީރު ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ ޕާޓީގެ މަގުސަދުތައް ހާސިލުކުރުމަށް އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓް ވެސް ބޭނުންވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޑިމޮކްރެޓްސް ވަރުގަދަވުން ވެސް ވަރަށް ބޭނުންތެރި،" ނަޝީދުގެ މެސެޖުގައިވެއެވެ.
އޭގެ ކުރިން ނަޝީދު އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ފޮނުއްވި މެސެޖެއްގައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދު އޮތް ނަމަ، އަލުން އެ ޕާޓީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
އެ މެސަޖް ފައްޔާޒު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައެވެ. ފައްޔާޒު މެސެޖަށް ޖަވާބެއް ދެއްވިކަން ކަށަވަރު ނުވި ނަމަވެސް އޭނާ ވަނީ އެ މެސެޖް ގައުމީ މަޖިލިސް ގްރޫޕަށް ފޮނުވީ މެންބަރުންނާ ހިއްސާ ކުރުމަށް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވައި އެ ޕާޓީގެ ޓިކެޓްގައި ވެރިކަމަށް ވަޑައިގަތް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ މައިގަނޑު ސަބަބަކަށްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ނަޝީދު ބޭނުންފުޅުވި ނަމަވެސް، އެކަމާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ހިޔާލު ތަފާތުވުން އުފެދުމެވެ.
އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް ފަހު، ނަޝީދު ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ "އެމްޑީޕީ ރޫޅައިލާނެ" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި ރައީސް ޔާމީން: މީގެ ކުރިން ނެގި ނިޒާމީ ވޯޓުގައި ދެ ބޭފުޅުން ވެސް ތާއިދު ކުރެއްވީ ބަރުލަމާނީއަށް ބަދަލުކުރުމަށް -- ފޮޓޯ/ އެމްޑީޕީ
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ދެއްވައިގެން އެ ޕާޓީން އިންތިޚާބުގައި ވާދަކުރި ނަމަވެސް އިލްޔާސަށް ލިބިވަޑައިގަތީ ހަތް ޕަސެންޓް ވޯޓެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދު ޒަމާނުއްސުރެ ކުރައްވާ މަސައްކަތް ކާމިޔާބު ކުރެއްވުމަށް ޓަކައި ދަ ޑިމޮކްރެޓްސްއިން ވަނީ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެ ގަރާރު މިދިޔަ މަހުގެ 20ގައި ފާސްކޮށްފައި ވަނީ އެމްޑީޕީގެ ތާއިދާއެކުގައެވެ.
އެ ގަރާރާ ގުޅިގެން ރައީސް ވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ފަހު ނިޒާމީ ވޯޓުގެ މަސައްކަތްތައް ކުރުމަށް ނަޝީދާއެކު އެއްބަސްވެވަޑައިގެންފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
ނަމަވެސް މިއަދު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ވަނީ އެމްޑީޕީން މިހާރު އަމާޒު ހިފާފައި ވަނީ ބަރުލަމާނީ ނިޒާމް، ރާއްޖެ ގެނައުން ނިމުމަކަށް ގެންނަން ކަމަށް ވިދާޅުވެފައެވެ.
ނިޒާމީ ވޯޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މާފުށީ ޖަލުގައި ބައްދަލުކުރައްވަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް ޔާމީން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ނަޝީދު ވަނީ އެކަމާ ގުޅޭ ގޮތުން ޔާމީނާ މަޝްވަރާ ކުރުމަށް އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ޔާމީން މިނިވަން ކުރަން ކުރެވެހެން ހުރި ކަމެއް ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
މަޖިލީހުން ފާސްކުރި ގަރާރާ ގުޅިގެން ޕީޕީއެމުން ވަނީ އެ ޕާޓީން ވަކި ނިޒާމެއް ޕްރޮމޯޓްނުކުރާނެ ކަމަށާއި ނަމަވެސް ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.
ރައީސް ޞާލިޙްގެ އެންގެވުމަށް، މިއަދު ޔާމީން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ. އެއީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އިއްޔެ ކާމިޔާބު ކުރެއްވި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު، އިންތިޚާބުގެ ނަތީޖާ ކަށަވަރުވުމާ ގުޅިގެން ފުރަތަމަ ދެއްވި ތަގުރީރުގައި އެކަމަށް ރައީސްގެ ފަރާތުން އެދިވަޑައިގަތް ފަހުންނެވެ.
މީގެ ކުރިން 2007 ވަނަ އަހަރު ވެސް ވަނީ ނިޒާމީ ވޯޓެއް ނަގައިފައެވެ. އެކަމަކު، އެ ފަހަރު ބޮޑު މެޖޯރިޓީއަކުން ނިންމީ ރިޔާސީ ނިޒާމުގައި ކުރިއަށް ދިއުމަށެވެ. އެ ފަހަރު ނަޝީދެކޭ އެއްގޮތަށް، ޔާމީން ވެސް ތާއިދު ކުރެއްވީ ބަރުލަމާނީއަށް ނިޒާމު ބަދަލުކުރުމަށެވެ.