ޔާމީން ގެކޮޅަށް ގެނެސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު މާލެ ވަޑައިގަތުން: އެ މަނިކުފާނު މިހާރު ވަނީ ގެކޮޅަށް ބަދަލުކޮށްފައި -- ސަން ފޮޓޯ

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރަށް ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ގެކޮޅަށް ބަދަލުކޮށްފިއެވެ.

ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވެ، މިދިޔަ ޑިސެމްބަރު 25ގައި ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ދާދި ދެންމެއަކު ވަނީ އެ މަނިކުފާނު ގެކޮޅަށް ބަދަލު ކުރައްވައިފައެވެ. އެ މަނިކުފާނު މާފުށިން މާލެ ވަޑައިގެން ކަރެކްޝަންސްގެ ވޭނުގައި ގެކޮޅަށް ވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ޕާޓީގެ އިސް ބޭފުޅުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން، އެ މަނިކުފާނުގެ ގެކޮޅު ހ. ދޫވެހި ސަރަހައްދަށް ވަޑައިގެން ތިއްބެވިއެވެ.

ކަރެކްޝަންސްއިން މިއަދު ބުނީ، އެ މަނިކުފާނު ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި، މިހާރު ވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ މަނިކުފާނާ މެދު އަމަލު ކުރާނީ ގައިދީއަކާ މެދު އަމަލު ކުރާ އުސޫލުގެ ދަށުން ކަމަށް ކަރެކްޝަންސްއިން ބުންނެވެ.

ޔާމީން ގެއަށް ބަދަލުކޮށްފައިވާއިރު، އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ހާމަވުމާ އެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ޔާމީން ވަގުތުން ވަގުތަށް ގެއަށް ބަދަލު ކުރަން އެދިވަޑައިގެންފައެވެ.

ޔާމީން ގެކޮޅުގައި ހުންނަވައިގެން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

"އެ މަނިކުފާނު ގެއަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް. އެ ކަން ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް،" މުއިއްޒު ވިދާޅުވިއެވެ.

https://sun.mv/182649

އިއްޔެ ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުއިއްޒު ވަނީ 54 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. އެއީ، 126،499 ވޯޓެވެ.

ޕީއެންސީން މުއިއްޒަށް ޓިކެޓު އެރުވީ، ޖަލު ހުކުމުގެ ސަބަބުން ޔާމީން އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ކަނޑައަޅައި އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވުމުންނެވެ.

އާރަށުގެ މައްސަލައިގައި ކޮށްފައިވާ ދެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމަކު، އެ މައްސަލައިގައި އަޑުއެހުންތައް ދިގު ދެމިގެންގޮސް، މިހާތަނަށް ހުކުމަކާ ހިސާބަށް ދެވިފައެއް ނުވެއެވެ.

comment ކޮމެންޓް