ދެކުނުން ފެނުނު ތަފާތުން ރައީސަށް ބޮޑު އުއްމީދެއް!

ރައީސް ފުވައްމުލަކުގައި ބައެއް ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދެވަނަ ހޯއްދެވި އެމްޑީޕީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ވޯޓަށް ދެ ދުވަހަށް ވެފައި ވަނިކޮށް ދެވަނަ ބުރުގެ ކެމްޕޭނަށް މާލެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވީ ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު ތިން އާބާދީއަށެވެ.

އައްޑޫ ސިޓީން ފެށި ދަތުރުފުޅުގައި ފުވައްމުލަކަށާއި ތިނަދޫ ސިޓީއަށް އެ މަނިކުފާނުވަނީ ވަޑައިގެންފައެވެ. މިއިން ކޮންމެ ތަނެއްގައި ވެސް އެމްޑީޕީގެ ކެމްޕޭނުގައި އިސްކޮށް އުޅޭ އާންމު މެމްބަރުންގެ ކެމްޕޭން ޓީމުތަކާ އެ މަނިކުފާނުވަނީ ބައްދަލުކުރައްވައިފައެވެ.

ކޮންމެ ރަށެއްގައި ވެސް އެ މަނިކުފާނު ތަކުރާރުކުރެއްވީ ފުރަތަމަ ބުރުގައި ހެދިފައި ހުރި 'މިސްޓޭކް'ތަކުގެ ވާހަކައެވެ. މައިގަނޑު ތިން ކަމެއް ފާހަގަކުރައްވައެވެ. އެއީ އެމްޑީޕީގެ ވޯޓަރުން ވޯޓު ފޮއްޓާ ހަމައަށް ނުގެންދެވުމާއި، ދޮގު ވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދެވިފައި ނުވުމުގެ އިތުރުން، މޮޅުވާނެ ކަމަށް ބަލައި ފަރުވާ ކުޑަކޮށްލެވިފައި އޮތުމެވެ.

ރައީސް އައްޑޫގައި ކެމްޕޭން ޓީމުތަކާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

"ފުރަތަމަ ބުރުގައި ނަތީޖާ އައީކީ އަޅުގަނޑުމެން އެކަކު ވެސް އުންމީދުކުރި ގޮތަކަށް ނޫނޭ ވެސް އަޅުގަނޑަށް ދެންނެވިދާނެ. ވެދާނެ ފަހަރެއްގައި އަޅުގަނޑުމެންނަށް މާ ޔަގީންކަން ބޮޑުވީކަމަށް. އެހެންވެ އިރާދަކުރެއްވިއްޔާ މިއީ އަޅުގަނޑުމެންގެ ފަހަރު،" ތިނަދޫ ސިޓީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ މި ތިން އާބާދީއިން ވެސް ނުކުމެގެން އައީ ރައީސް ވިދާޅުވިހެން އެމްޑީޕީގެ މެމްބަރުން އެދޭނެ، އެންމެ އުންމީދުކުރި މޮޅަކުންނެއް ނޫނެވެ.

އެގޮތުން އައްޑޫއިން އެމްޑީޕީން އުންމީދުކޮށްގެން ތިބީ 60 ޕަސެންޓުން މަތިން ކާމިޔާބުކުރެވޭނެކަމަށެވެ.

ނަމަވެސް އައްޑޫ ސިޓީގައި 40 ވޯޓު ފޮއްޓެއް ބެހެއްޓި، 16،797 މީހަކު ވޯޓުލީއިރު، ރައީސަށް 50 ޕަސެންޓު ހޯއްދެވިފައެއް ނުވެއެވެ. ރައީސަށް ލިބިވަޑައިގެންނެވި 43 ޕަސެންޓު ވޯޓުން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ އޮތީ އެންމެ 948 ވޯޓުގެ ތަފާތެވެ. ބާކީ ހުރި ވޯޓުތައް ބެހިފައިވަނީ އެހެެން ކެންޑިޑޭޓުންގެ މެދުގައެވެ.

މި ކަން ބަދަލުކުރުމަށް އައްޑޫގެ އެމްޑީޕީގެ އާންމު މެމްބަރުން ތައްޔާރަށް ތިބިކަން އިއްޔެ ރައީސް ވަޑައިގަތުމުން ހާމަވިއެވެ. ކެމްޕޭން ޓީމުތަކަށް ގޮވައިލުމުން އެ ކަމުގައި އުޅޭ އެތައް ސަތޭކަ ބަޔަކު އެއްވިއެވެ.

"މިފަހަރު ހަމަ އަޅުގަނޑުމެން ވެސް މި ތިބީ ވަރަށް ގަދަޔަށް ކެމްޕޭން ކުރަން. މިހާރު ދެން ވޯޓުލާން ބާކީ މި އޮތީ މަދު ދުވަސްކޮޅެއް ދެއްތޯ. އަޅުގަނޑުމެން މި އަންނަނީ ހަމަ ރައީސް ހޮވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން. ނުވެސް ނިދާނަން ހަމަ،" އައްޑޫ ހިތަދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.

ރައީސް އައްޑޫގައި ކެމްޕޭން ޓީމުތަކާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

މީގެ އިތުރުން އެ ސިޓީގައި ޒުވާނުން ވެސް އަންނަނީ ކެމްޕޭނުގައި އިސް ދައުރެއް އަދައިކުރަމުންނެވެ. އެއާއެކު އައްޑުއިން މިފަަހަރު ބަދަލެއް ފެންނާނެކަމަށް އެ މީހުން ބުނެއެވެ. އެގޮތުން 60 ޕަސެންޓު މިފަހަރު ހަމަކުރާނެކަމަށް ވެސް ސަޕޯޓަރުން ބުނެއެވެ.

އައްޑޫގެ ކެމްޕޭން ޓީމާ ބައްދަލުކުރެއްވުމަށްފަހު ދެން ރައީސް ވަޑައިގަތީ ފުވައްމުލަކަށެވެ.

ފުރަތަމަ ބުރުގައި ފުވައްމުލަކުގެ ނަތީޖާއަށް ބަލާއިރު، އެ ސިޓީގައި ހުރި 13 ފޮއްޓަށް ލީ 6،831 ވޯޓުން، ކުރި ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓެވެ. އިދިކޮޅު ކެންޑިޑޭޓް މުއިއްޒުއަށް 48 ޕަސެންޓް ހޯއްދެވުނުއިރު ރައީސަށް ލިބިވަޑައިގަތީ 36 ޕަސެންޓެވެ. މިއީ 2018އާ ބަލާއިރު ވަރަށް ބޮޑު ބަދަލުވުމެކެވެ.

ރައީސް ފުވައްމުލަކުގައި ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ

އެގޮތުން 2018ވަނަ އަހަރު ރައީސަށް 56 ޕަސެންޓް ފުވައްމުލަކުން ލިބިވަޑައިގަތެވެ.

މި ބޮޑު ފަރަގު ނައްތައިލައި ދެވަނަ ބުރުގައި އިތުރަށް ގަދަކުރުމަށް އިއްޔެ ކެމްޕޭން ޓީމުތަކުން އަލުންވަނީ އަޒުމު ކަނޑައަޅައިފައެވެ. އެ ސިޓީން ވެސް ބުނީ ރައީސަށް 50 ޕަސެންޓް ހޯދައިދޭނެކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑަށް ހީވަނީ މާ ކެންޑިޑޭޓުން ގިނަވީމަ ވީ ގޮތެއްހެން ފުރަތަމަ ބުރުގައި މިވީ. މި ރަށުގައި ޕީޕީއެމްގެ ގިނަ ބަޔަކު ވެސް އުޅޭނެ. އެކަމު ދެން ފުރުސަތެއް ނުދޭނަން، އެ މީހުންގެ ދޮގުތަކަށް. ދެން އަނެއްކާ މި އަޅުގަނޑުމެން ހަމަ ޑޯޓުޑޯ ވެސް އެބަޖައްސަން. ލިސްޓު ވެސް ހަދައި ޔަގީންކުރަން އެބަ. އެހެންވީމާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެކަމަށް ބަލަމާ،" ފުވައްމުލަކުގައި ކެމްޕޭނުގައި އިސްކޮށް އުޅޭ މީހަކު ބުންޏެވެ.

ފުވައްމުލަކުން ގދ. ތިނަދުއަށް ވަޑައިގެން ވެސް ރައީސް ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވައި، ސަފުތައް ވަރުގަދަކުރުމުގެ މަސައްކަތްތައް ކުރެއްވިއެވެ.

ފުރަތަމަ ބުރުގައި ރައީސަށް ލިބުނު 35 ޕަސެންޓާއެކު އިދިކޮޅު ކެންޑިޑޭޓަށް ހޯދުނު 48 ޕަސެންޓާ އަރައި ހަމަކޮށް، އެއަށްވުރެ މަތިން ނަތީޖާ ހޯދުމަކީ އެމްޑީޕީން މޮޅުވާން ކުރަން ޖެހޭ ކަމެކެވެ.

ރައީސް ޞާލިހު ގދ. ތިނަދުއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ތިނަދުއިން އެމްޑީޕީ މެމްބަރުންގެ އުންމީދު އައުވީ އެ ރަށުގައި އުޅޭ ޑިމޮކްރެޓުންގެ އާންމު މެމްބަރުންގެ ތާއީދު ލިބުމާއެކުގައެވެ.

https://sun.mv/182527

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އެކުގައި މަސައްކަތް ކޮށްފިނަމަ ޕީޕީއެމަށް ލިބޭ ވޯޓަށް ވުރެ ގިނައިން ލިބޭނެ ކަމަށާއި އެއީ ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ގޮތެއް ކަމަށް ޚުދު ރައީސް ވެސް ވިދާޅުވެއެވެ.

"މި ފަހަރު ހަމަ ގަދައަށް ޖައްސާނަން. އިރާދަކުރެއްވިއްޔާ ހަމަ ބޮޑުތަނުން ނަގާނަން ތިނަދުއިން،" މި ސިޓީއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޖުމްލަ ގޮތެއްގައި މި ތިން ސިޓީގެ އެމްޑީޕީ ސަޕޯޓަރުން ވެސް ތިބީ ދެވަނަ ބުރުގައި ނަތީޖާ ރަނގަޅުކުރުމުގެ އަޒުމެއްގައެވެ. އެ ކަން ނަތީޖާއިން ފެންނަ މިންވަރަކީ، ކުރި މަސައްކަތުގައި ހުރި ވަރު ހާމަވާނެ ކަމެކެވެ.

މި ތިން އާބާދީއިން މިފަހަރު ބުނަނީ 'ރައީސް މާޔޫސްވެވަޑައިގަންނަވަން ނުޖެހޭނެ' ކަމަށެވެ.

comment ކޮމެންޓް