މަޖިލީހަށް އިތުރުވި ދާއިރާތަކަށް މިއަދު ޝަކުވާއަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ/ މަޖިލީސް

އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އިތުރުވި ދާއިރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އިލެކްޝަން ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

އެގޮތުން އިތުރުކޮށްފައި ވަނީ ހަ ދާއިރާއެވެ. އެ ދާއިރާތަކަކީ:

  1. ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
  2. ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
  3. ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
  4. ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
  5. ހުޅުމާލެ މެދު ދާއިރާ
  6. ހުޅުމާލެ އުތުރު ދާއިރާ

އީސީން އާންމުކުރި ވަގުތީ ރިޕޯޓު ބުނާގޮތުން ނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާތަކުގެ އަދަދު 93އަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައެއް ދާއިރާތަކުގެ ނަންތަކަށް ވެސް ބަދަލު އަންނާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ރިޕޯޓަށް މިއަދުން ފެށިގެން، އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ.

މީގެ ކުރިން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ސަން"އަށް ވިދާޅުވެފައިވާ ގޮތުގައި، މަޖިލިސް މެންބަރުން އިތުރު ކުރަނީ މިފަހުން ރަޖިސްޓާ ކުރި އާބާދީއަށް ބަލައި، އިދާރާތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ސަބަބުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000އަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ކަނޑައަޅާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ދެ ގޮނޑި އިތުރުކުރި ފަހުންނެވެ. އަލަށް އިތުރު ކުރި ހަ ގޮނޑިއާއެކު ދެން މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

comment ކޮމެންޓް