ހުއްދަ ނުދޭތީ ރަށަކަށް ނާރަން، ފަޅުގައި ތިބެން ހުއްދަ ބޭނުންނުވާނެ: އަޒާން

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން --- ފޮޓޯ/ ރައީސް އޮފީސް

ސިފައިންގެ ހުއްދަ ނެތުމުން އުތުރު ތިލަފަޅަށް ގޮސް ރަށަށް ނާރާކަމަށާއި، ތިބީ ފަޅުގައި ކަމަށާއި އެ ކަމަށް ހުއްދަ ބޭނުމެއް ނުވާނެކަމަށް ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަޒު އަޒާން ބުނެފިއެވެ.

އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ހުއްދަނެތި ބަޔަކު ދިޔަ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މިއަދު ފުލުހުންވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަމުން އަޒާން ބުނީ ފަޅު ތެރެއަކީ އާންމު ސަރަހައްދެއް ކަމަށެވެ. އެ ތަނަށް ވަނުން މަނާކަމަށް ބުނާ އެއްވެސް ނިޝާނެއް ނުވަތަ ބޯޑެއް ނެތްކަމަށް ވެސް ބުންޏެވެ.

"ރަށަށް އަރަންތާ ހުއްދަ ބޭނުންވާނީ. ރަށަކަށް ނާރަން. އެތާ ފަޅު ތެރޭ ތިބީ. ފަޅު ތެރެއަށް ވަންނާކަށް ހުއްދަ ބޭނުމެއް ނުވެޔޭ. އެތާ އެހެން ދެ ލޯންޗެއް ވެސް އޮތް. އެހެން ބަޔަކު ތިބި އެ ލޯންޗުތަކުގައި،" އަޒާން ބުންޏެވެ.

އޭނާ ބުނީ އެ ސަރަހައްދަކީ މަސް ބާނަން ވެސް މީހުން ދާ ސަރަހައްދެއް ކަމަށެވެ. އަޒާން ބުނީ ފަޅުތެރެއަށް ވަނުން މަނާވާނީ، ފަޅަށް ވަނުން މަނާ ބޯޑުތަކެއް ނުވަތަ ފާހަގަތަކެއް ބަަހައްޓައި އެންގުމުންކަމަށެވެ.

"އެހެންނޫނީ ވަދެވޭނެ ކޮންމެ ތަނަކަށް ވެސް،" އޭނާ ބުންޏެވެ.

އަޒާން ބުނި ގޮތުގައި އަސްކަރީ މަރުކަޒެއްގެ އެންމެ އަސާސީ ސިފައަކީ އެ މަރުކަޒަކަށް ކިޔައި ނަން އެ ތަނުގައި ހުރުމާއެކު އެ ތަނުގައި އެމްއެންޑީއެފްގެ ދިދައާއި ރާއްޖޭގެ ދިދަ ނަގައިފައި ހުރުމެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށް ބެލި ކަމުގައިވީ ނަމަވެސް އެ ސިފަތައް ފުރިހަމަވެފައި ހުންނަ ތަން ފެންނަކަމަށް އޭނާ ބުންޏެވެ.

"އިސްކަންދަރު އެއާ ބޭހަށް ބެލިއަސް، ހަނިމާދޫގައި ހުންނަ ތަނަށް ބެލިއަސް، ގަމުގައި ހުންނަ ތަނަށް ބެލިއަސް މާލޭގައި ހުންނަ ކަޅުތުއްކަލާ ކޮއްޓާއި، ބަންޑާރަ ކޮއްޓަށް ބެލިއަސް މި ހުރިހާ ތަނެއްގައި ނަން ބޯޑެއް ފެންނާނެ. ދިދަ ފެންނާނެ. ހަތިޔާރު އެޅި ސިފައިން ތިބޭނެ ތަން ބަލަހައްޓަން. އެ ކަހަލަ އެއްވެސް ކަމެއް ނެތް،" އަޒާން ބުންޏެވެ.

މިސާލެއްގެ ގޮތުން އޭނާ ބުނީ ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ ގިރިފުއްޓަށް ކޮންމެ މީހަކަށް ނުވަދެވޭނެކަމަށާއި އެ ތަނުގައި ވަނުން މަނާކަން އެނގެން ހުންނަ ކަމަށެވެ. އަދި ވަންނަން އުޅޭނަމަ ކޯސްޓްގާޑުން ހުރަސް އަޅާނެކަމަށް ވެސް ބުންޏެވެ.

އެއާ ޚިލާފަށް އުތުރުތިލަފަޅަކީ ހާމަކަން ބޮޑުކޮށް ހުޅުވިފައި އޮތް ތަނެއްކަމަށާއި މަނާކަން އަންގާ އެއްވެސް ނިޝާނެއް ނެތްކަމަށް ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން އަޒާން ބުނީ ފަޅު ތެރެއަށް ވަދެގެން އައި ވަގުތު ދުރުން މީހަކު އައިސް އެ ރަށަށް ނޭރޭނެކަަމަށް ބުނި ކަމަށެވެ. އަދި ރަށަށް އެރުމަކީ މަނާ ކަމެއްކަމަށް ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭނާ އެންމެ ފަހަރަކު ވެސް ނުބުނޭ މިއީ އެމްއެންޑީއެފް ތަނެކޭ. ބުނީ މި ތަނަކަށް ނޭރޭނޭ،" އޭނާ ބުންޏެވެ.

އަޒާން ބުނީ އެ ތަނަށް ނިކުތް މީހާ ގާތު، އޭނާ އެ ތަނަށް އައީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުތުރު ތިލަފަޅުން ދެއްވާ ގޯތި ބެލުމަށް ކަމަށް ބުނި ކަމަށެވެ. އެއާއެކު އެ ފަދަ ކަމެއް އަންގައިފައި ނެތްކަމަށް ބުނެ ތަކުރާރުކޮށް ރަށަށް އަރައިގެން ނުވާނެކަމަށް ބުނަމުން އައި ކަމަށް އަޒާން ބުންޏެވެ.

"ދެން އަހަރެން ބުނިން އެކަމު ރައީސް މިހެން ވިދާޅުވެފައޭ އޮތީ. އަނެއްކާ އަންގައިފައި ނެތްހެއްޔޭ ނޫސްވެރިންނަށް މިހެން އަރައިލައި ގޯތިތައް ބަލައިލައި މި ފުރުސަތު ލިބިދާނެތޯ. ބުނީމަ ބުނީ އަންގައިފައެއް ނެތޭ. މި ތަނަކަށް ނޭރޭނޭ،" އަޒާން ބުންޏެވެ.

އޭނާ ބުނީ ދައުރުވަމުން އަންނަ ވީޑިއޯގައި ވެސް ފެންނާނީ އެ މަންޒަރުކަމަށެވެ. އެ ރަށަށް ނާރަން ބުނުމުން ރަށަށް ނާރާކަމަށާއި ލޯންޗުގައި ތިރީހަކަށް މިނެޓް މަޑުކޮށްފައި ދިޔައީކަމަށް ބުންޏެވެ.

https://sun.mv/182415

އެމްއެންޑީއެފްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އުތުރުތިލަފަޅުގައި އޮންނަ ސިފައިންގެ ސިފަވަރު ބަނދަރަށް އިއްޔެ ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވިޑިއޯ އާންމު ކޮށްފައި ވާތީއާއި އެ ރަށުގައިހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ، އެރަށަށް އަރަން އުޅުނު މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް