ހުއްދަ ނެތި އުތުރުތިލަފަޅަށް ދިޔަ މައްސަލައިގެ ތަހުގީގު ފަށައިފި

އުތުރު ތިލަފަޅަށް ދިޔަ މީހުން: ހުއްދަ ނެތި އެ ސަަރަހައްދަށް ދިޔަ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ މިދުއަމް ސައުދު، ޓުވިޓާ

ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ބަޔަކު ދިޔަ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެންޑީއެފްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އުތުރުތިލަފަޅުގައި އޮންނަ ސިފައިންގެ ސިފަވަރު ބަނދަރަށް އިއްޔެ ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވިޑިއޯ އާންމު ކޮށްފައި ވާތީއާއި އެ ރަށުގައިހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ، އެރަށަށް އަރަން އުޅުނު މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން "ސަން"އަށް ބުނީ އެ މައްސަލަ އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.

އެމްއެންޑީއެފްއިން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން އުތުރު ތިލަފަޅުގައި އޮންނަ ސިފައިންގެ ސަރަހައްދަށް އިއްޔެ ގޮސްފައި ވަނީ 'ދިޔަރެސް' ނޫހުގެ ނޫސްވެރިންތަކެކެވެ. އަދި އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން ކަން ހިނގައިދިޔަގޮތް އޮޅޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައުރު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އުތުރުތިލަފަޅުގައި އެ މުއައްސަސާގެ ބޭނުންތަކަށް ތަރައްގީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެ ފަޅުގެ ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވަނިކޮށް އިއްޔެ ވަގުތެއްގައި ދިޔަރެސްގެ ނޫސްވެރިން ލޯންޗެއްގައި ގޮސް ހުއްދަނެތި ސިފައިންގެ ބަނދަރު ތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެ ރަށަށް އަރަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެ ފަޅުގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކައިލުމަށް ވަރަށް ފަހުން ވެސް އެ ކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވަނިކޮށް، އެ ގޮތަށް ހުއްދަ ހޯދުމެއް ނެތި އެ ރަށަށް އަރަން މަސައްކަތްކުރުމަކީ ގާނޫނާއި ގަވާއިދާ ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގައިފައިވާ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސިފައިންގެ މަރުކަޒުތަކަކީ ހުއްދަނެތި ވަނުން މަނާ ތަންތަން ކަމަށާއި އެ ފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެ ކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. މި ގޮތުން ސިފައިންގެ ބަނދަރު ތަރައްގީކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތްކުރަމުމުން އެ ކަން ހުއްޓުވުމަށް އެ ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީ ވެސް އެ އުސޫލުން ކަމަށް ބުނެފައިވެއެވެ.

https://sun.mv/182409

އެތަނަށް ދިޔަ ދިޔަރެސްގެ ނޫސްވެރިޔާ އަޙްމަދު އަޒާން އެމްއެންޑީއެފްގެ މީޑިއާ ގުރޫޕުގައި ބުނެފައިވަނީ ސިފައިން ކުރާ ތުހުމަތަކީ ދޮގެއް ކަމަށެވެ. އަދި އުތުރު ތިލަފަޅަށް ބަޔަކު އަރަން އުޅުނުތޯ އޭނާ ސުވާލު އުފެއްދިއެވެ.

މީގެ އިތުރުން، މީޑިއާތަކުގައި ދައުރުވަމުންދާ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ބަނދަރުގެ ކުރެހުމަކާ ގުޅުވައި އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުގައި ތަރައްގީ ކުރަނީ އަސްކަރީ ބޮޑެތި މަނަވަރު ބަނދަރުކުރެވޭ ފަދަ ފެންވަރަކަށް ނޫން ކަމަށް ބުނެފައެވެ.

comment ކޮމެންޓް