ފުރައްސާރައަށް އުގެއިލްގެ ރައްދު: ރައީސް ޞާލިޙަށް ތާއީދުކުރަނީ އަމިއްލަ އެދުމެއް ނެތި

ޕްރޮފެސަރު ޙަސަން އުގައިލް-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވުމާ ގުޅިގެން ކުރިމަތިވި ފުރައްސާރައަށް، ޕްރޮފެސަރު ޙަސަން އުގައިލް ރައްދު ދެއްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން އުގެއިލް ވަނީ ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

މިއަދު ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ޕްރޮފެސަރު އުގެއިލް ވިދާޅުވީ ދެވަނަ ބުރުގައި ވެސް އޭނާގެ ތާއީދު އޮތީ ރައީސް ޞާލިޙަށް ކަމަށެވެ. އަދި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި ސަރުކާރުން ނުވަތަ ވެރިއެއްގެ ކިބައިން އޭނާ ބޭނުންވާ އެއްވެސް އެއްޗެއް ނެތް ކަމަށް އުގެއިލް ވިދާޅުވިއެވެ.

އުގެއިލް ވިދާޅުވީ އޭނާގެ އެ ނިންމުމާއެކު މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވާނެ ކަމަށާއި އޭނާގެ ބޮލުގައި ފާޑުފާޑުގެ ދޮގު އިލްޒާމްތައް ވެސް އަޅުވާނެ ކަމަށެވެ.

"އަޅުގަނޑަކީ ހަލާލުގޮތުގައި ހޯދާ ފައިސާއާއި މުދަލުން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ދިރިއުޅުން ސާދާގޮތުގައި ތަރުތީބުކުރަމުން ކުރިއަށްދާ މީހެއް. މިހަގީގަތް ހެޔޮވިސްނޭ ދިވެހި ފަރުދުންނަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ. ހަމަ އެހެންމެ، އަޅުގަނޑަކީ އަބަދުވެސް ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުމުން އެއްކިބާވެ ހުރެ ބަސްބުނާ މީހެއްކަން ހެޔޮވިސްނޭ ހުރިހާ ދިވެހިންނަށް އެނގިވަޑައިގަންނަވާނެ," އުގެއިލްގެ އެފްބީ ފޯސްޓުގައި ވިދާޅުވެފައިވެއެވެ.

ދެވަނަ ބުރުގައި ވެސް ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ހާމަކުރައްވާ އުގެއިލް ވިދާޅުވީ އޭނާގެ ނަޒަރުގައި ގައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. އަދި އެމްޑީޕީއަކީ މިހާރު ރާއްޖޭގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖުރިބާކާރު ޕާޓީ ކަމަށް ޕްރޮފެސަރު ވިދާޅުވިއެވެ.

"ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވޯޓު ދޭން ބޭނުންވަނީ އެޕާޓީއަށް،" އުގެއިލް ވިދާޅުވިއެވެ.

https://sun.mv/181774

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕްރޮފެސަރު އުގައިލަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރުކަން ހާސިލްކުރެއްވި ފުރަތަމަ ދިވެއްސެވެ. މާލެއިން ތައުލީމު ހާސިލްކުރެއްވުމަށް ފަހު އިންގްލޭންޑު ފަދަ ގައުމުތަކުން އޭނަ ތައުލީމު ހާސިލް ކުރެއްވިއެވެ. އޭނާ ވަނީ ޓެކްނޮލޮޖީގެ ރޮނގުން ގިނަ އިލްމީ ފޮތްތަކެއް ވެސް ލިޔުއްވާފައެވެ.

މީގެ ކުރިން އޭނާ ވަނީ ސިޔާސީ ދާއިރާއަށް ޝައުގުވެރި ވާކަން ހާމަކުރައްވާފައެވެ. އަދި މިއަހަރުގެ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން ފެތުރިފައި ވެއެވެ.

comment ކޮމެންޓް