މި ސަރުކާރު ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް: ޕްރޮފެސަރު އުގައިލް

50 މިނެޓް ޕްރަގްރާމަށް އުގައިލް ޢީންޓަވިއު ދެނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޕްރޮފެސަރު ޙަސަން އުގައިލްގެ ތާއީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާހިލަށް އޮތްކަން ހާމަކުރައްވައިފިއެވެ.

އޭނާ މިކަން ހާމަކުރައްވާފައި ވަނީ، ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން އުގައިލް ބުނީ، މި ސަރުކާރުން ސުލްހަވެރިކަމާ އަމާންކަމާއެކު އެތައް މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާކަމަށެވެ. އެހެންކަމުން މި ސަރުކާރު ބަދަލުކުރަން ޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭ ކަމަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސަށް އިތުރު ދައުރެއް ދީގެން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ސަރުކާރު ބަދަލުވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ސިފަކޮށް އުގައިލް ވިދާޅުވީ، އޭގެ ސަބަބުން އެތައް މަޝްރޫއެއް ހުއްޓޭނެކަމަށެވެ.

"މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް. ތަބީއީ އާދައެއް. ވުމާއެކު އަޅުގަނޑު ތާއީދު ކުރަނީ ނުހުއްތި ރައީސް ޞާލިހާއެކު ކުރިއަށް ދާން،" އުގައިލް ވިދަޅުވިއެވެ.

އޭނާ ވަނީ މީގެ ކުރިން ސިޔާސީ ދާއިރާއަށް ޝައުގުވެރި ވާކަން ހާމަކުރައްވާފައެވެ. އަދި މި އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން ފެތުރިފައި ވެއެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕްރޮފެސަރު އުގައިލަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރުކަން ހާސިލްކުރެއްވި ފުރަތަމަ ދިވެއްސެވެ. މާލެއިން ތައުލީމު ހާސިލްކުރެއްވުމަށް ފަހު ލަންޑަން އަދި އިންގްލޭންޑު ފަދަ ގައުމުތަކުން އޭނަ ތައުލީމު ހާސިލް ކުރެއްވިއެވެ.

އޭނާ ވަނީ ޓެކްނޮލޮޖީގެ ރޮނގުން ގިނަ އިލްމީ ފޮތްތަކެއް ވެސް ލިޔުއްވާފައެވެ.

comment ކޮމެންޓް