ރައީސް ޞާލިޙާއި ނަޝީދުގެ ކުއްލި ބައްދަލުވުމެއް ރައީސް އޮފީހުގައި

އޮކްޓޯބަރު 24، 2021: ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރައީސް އޮފީހަށް ކުއްލި ގޮތަކަށް މިއަދު ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޙަސަން ޒިޔާއު ވަނީ ނަޝީދު، ރައީސާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގަތްކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ އިތުރު ތަފްސީލު ދެވޭނީ އެ ބައްދަލުވުމަށް ފަހު ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މިއީ، ވެރިކަން ކުރާ އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު މިދިޔަ ޖޫން މަހުގެ 21ގައި އެ ޕާޓީން ވަކިވެވަޑައިގަތް ފަހުން ދެ ބޭފުޅުން މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މި ދެ ބޭފުޅުން މި ބައްދަލުކުރައްވަނީ، އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރައީސް ކެމްޕޭން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި، ރާއްޖޭގައި ވެރިކަން ކުރާ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމުގެ މަސައްކަތްތައް ނަޝީދު ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.

އެ މަނިކުފާނު އެމްޑީޕީން ވަކިވެޑައިގަތީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވޯޓެއް ނެގުމާ ގުޅޭ ގޮތުން ރައީސާ ޚިޔާލު ތަފާތުވުން އުފެދި ޕާޓީގައި ދެ ފެކްޝަނެއް އުފެދުނު ފަހުންނެވެ.

އެއަށް ފަހު ނަޝީދު އިސްކޮށް ހުންނަވައިގެން ވަނީ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަވާފައެވެ. އެ ޕާޓީން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނެރެ، ފުރަތަމަ ބުރުން ވަނީ ހަތް ޕަސެންޓް ވޯޓާ އެކު ތިންވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބުކޮށްފައެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ އެމްޑީޕީ އާއި ޕީޕީއެމް، ޕީއެންސީއާ ވެސް ކޯލިޝަން މަޝްވަރާތައް ކުރުމަށް ފަހު މިދިޔަ ހަފުތާގައި ދަ ޑިމޮކްރެޓްސްއިން ނިންމާފައި ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށެވެ. އެއީ، އެ ޕާޓީން ހުށަހެޅި ޝަރުތުތަކަށް ދެ ޕާޓީން ވެސް އެއްބަސްނުވާ ކަމަށް ބުނެއެވެ.

ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅި ޝަރުތަކީ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި، ދަ ޑިމޮކްރެޓްސްއިން އެދުނު ގޮތަށް އެ ވޯޓު ނަގަން އެ މަނިކުފާނު އެއްބަސްވެވަޑައިގަތް ނަމަވެސް، ނިޒާމާ ގުޅޭ ގޮތުން އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ބަދަލުނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއިން ވަނީ އަންނަ އޮކްޓޯބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާ ގަރާރެއް، އެމްޑީޕީގެ ތާއިދާއެކު ފާސްކޮށްފައެވެ. އަދި، އިއްޔެ އީސީން ވަނީ އެކަމަށް ބަޖެޓު ހަމަޖެހުމާއެކު ވޯޓުގެ ތައްޔާރީތައް ފަށާނެ ކަމަށް ބުނެފައެވެ.

ނަޝީދު މިއަދު ރައީސާ ބައްދަލުކުރެއްވިއިރު، މިދިޔަ ހަފުތާގައި އެ މަނިކުފާނު ވަނީ ނިޒާމީ މަޝްވަރާއަށް ޕީޕީއެމް/ ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޔާމީން ވަނީ ނަޝީދާ ބައްދަލުކުރައްވަން ދެކޮޅުހައްދަވާފައެވެ.

comment ކޮމެންޓް