ޑރ. މުޙައްމަދު މުއިއްޒަށް ވެރިކަން ދީފި ނަމަ، މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިބި ބައެއް މެންބަރުންނަށް އަންނަ އަހަރު މަޖިލީހަށް ވާދަ ކުރުމުގެ ފުރުސަތު ނުދޭނެ ވާހަކަ އޭނާ ގާތުގައި ޕީޕީއެމްގެ އިސް ވެރިއަކު ބުނެފައިވާ ކަމަށް ކުރީގެ މެމްބަރު އިލްހާމް އަޙުމަދު ރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ ދޫކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމިކަން އިއުލާން ކުރެއްވުމަށް ފަހު އެމްޑީޕީ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ރޭ ވާހަކަ ދައްވަމުން އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާ ކަމަށެވެ.
އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ތެރެއިން މިހާރު އެކުލަވާލާފައި އޮތް ލިސްޓުގައި ބާކީ ކޮށްލަން ނިންމާފައިވާ މެންބަރުންގެ ނަންތަކާއި އަދި ޕީޕީއެމްގެ އިސް ބޭފުޅުން، އޭނާއާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގެ ތަފުސީލު ވެސް އެހެން ޖަލްސާއެއްގައި ހާމަ ކުރައްވާނެ ކަމަށެވެ.
"ވަރަށް ގާތް ރައްޓެހިން ތިބެނީ. މީގެ ދެރޭ ކުރިން ބައްދަލު ކުރިން ޕީޕީއެމްގެ އިސް ވެރިއަކާ. ވިދާޅުވީ މިވެނި ދާއިރާއަކުން، މިވެނި ދާއިރާއަކުން، ރައްޔިތުންގެ މަޖިލީސް މެންބަރުކަން ކުރާ ބޭފުޅާއަކަށް މުއިއްޒުގެ ވެރިކަމެއްގައި ނުލިބޭނޭ ޓިކެޓެއް. ވަރަށް ގިނަ މެންބަރުން އެބަތިބި ކުރިއަށް އޮތް ތަނުގައި އެ މެންބަރުންގެ ނަންތައް ދަންނަވަމުން ގެންދާނަން. އެއީ ރެކޯޑަށް ޓަކައި ތާރީޚަށް ޓަކައި. ނުލިބޭނެ ޓިކެޓެއް،" އިލްހާމް ވިދާޅުވިއެވެ.
"އޭދަ ފުށީ ދާއިރާގެ މެންބަރު ވެސް މިއާއި ދޭތެރޭގައި ސުވާލު އުފައްދަވާ ގޮތް ނިންމެވީމަ ރަނގަޅު ވާނެ. އަޅުގަނޑު މީހެއްގެ ނަމެއް ނުދަންނަވާނަން،"
ޕީޕީއެމުން އިލްހާމާ ބައްދަލުކޮށް ދެއްކި ވާހަކަތައް ދެވަނަ ފަހަރަށް އަޑުއަހާކަށް ފަސޭހައެއް ނުވާނެކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ ވާހަކަތަކުގައި އޮތީ ބިރުވެރިމާއި ނާމާން ކަން ކަމަށެވެ.
"ޕީޕީއެމަށް ފަސޭހައެއް ނުވާނެ މިވާހަކަތައް އަޑުއަހާކަށް. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން "ކިންގްސް ކޯނަރު"ގައި އަޅުގަނޑާ ބައްދަލުކޮށް ދެއްކި ވާހަކައިގައި އޮތީ ބިރުވެރިކަމާއި ނާމާންކަން. މީހުން ހިފާ ހައްޔަރުކުރުން. އަޅުގަނޑަށް އޮފާ ކުރި ބޮޑެތި މަގާމްތަކާ އެއްޗެހި. އަޅުގަނޑު ދެންނެވީ ސޯރީ އޭ،" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ ކޯޓުގެ ދައުރަކަށް ވާނީ ރޭގަނޑު ދަންވަރު އަމުރު ނެރުން ކަމަށެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންނަށް އޮންނާނީ ފުރާޅުން ޓިނު ނެގުމާއި ގައިރުގާނީ އަމުރުތަކަށް ތަބާވެގެން މީހުން ހިފާ ހައްޔަރު ކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ކުރި އަނިޔާތައް ފަސް އަޅައި ފޮރުވާ ނުލެވޭނެ ކަމަށާއި އެގޮތުން 2018ގެ ޓޭޕް ރިވައިންޑް ކޮށްލުމުން އޮންނާނީ "ވަރަށް މުޑުދާރުކޮށް" ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން ތަހަންމަލް ކުރާންޖެހުނު މީހުންނާއި އާއިލާތަކުން ޕީޕީއެމަށް ވޮޓު ނުދޭނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކަށް ހެދޭ ގޯހަކުން ޑރ. މުއިއްޒު ވެރިކަމަށް ގެނެވިއްޖެ ނަމަ، ތާރީޚު ނުދެކޭ ފަދަ ނިކަމެތިކަމެއް ގައުމަށް ލިބިގެންދާނެ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
"ކީއްވެތޯ އެހެން ވާން ޖެހެނީ. ބޮސް. [ޔާމީން] ގެއަށް ވަޑައިގަންނަވާނެ ނޫންތޯ. ބޮސް ގެއަށް ވަޑައިގަތީމަ ދެން ކަންތައް ވާނެ ގޮތް ވިސްނާލާ. އެންމެ ނިކަމެތި ވެރިކަން ފެނިގެން ދާނީ،" އިލްހާމް ވިދާޅުވިއެވެ.
ރައީސް ޞާލިޙަށް ތައުރީފް ކުރައްވަމުން އިލްހާމް ވިދާޅުވީ އެމަނިކުފާނުގެ ތަފާތަކީ ނޫސްވެރީން ހިފާ ހައްޔަރުކޮށް އެމީހުންގެ މައްޗަށް ހުކުމެއް ނުކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުން ދިން ފްލެޓްތަކާއި ބިންތަކުގެ ލިސްޓުގައި ވެސް އެންމެ ގިނައިން ތިބީ ޕީޕީއެމް މީހުން ކަމަށެވެ.
"އަޅުގަނޑު ހުރިން އެ ސަރުކާރުގަ. ލިސްޓް އަންނަނީ މަތިންނާއި ތިރިން ލާފައި ރަންކޮޅާ. އައިސް އައިސް އައިސް. އެ ލިސްޓް ބަލާއިރު، ޕީޕީއެމް، ޕީޕީއެމް، ޕީޕީއެމް. މިއީ މައްސަލައަކީ. ޕީޕީއެމް މީހުން ބައްލަވާ. ތިޔަބޭފުޅުންނަށް ގިނަވާނީ،" އިލްހާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިޙުގެ ޓީމް އޮތީ ގަދަކޮށް ކަމަށާއި މާތްﷲގެ އިރާދަފުޅުން މި މަސައްކަތް ހުއްޓާލާނީ އެމަނިކުފާނު އިތުރު ދައުރަކަށް އިންތިޚާބުކޮށްފައި ކަމަށެވެ.