ވެރިކަމަކީ ޝަރަފެއް ނޫން، ރައްޔިތުން ހަވާލުކުރާ އަމާނާތެއް: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު --

ވެރިިިކަމަކީ ބޮޑު އިއްޒަތަކާއި ޝަރަފެެއްގެ ގޮތުގައި ގަބޫލުނުކުރާ ކަމަށާއި އެއީ ރައްޔިތުން ހަވާލުކުރާ އަމާނާތެއްކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ރޭ ވިދާޅުވީ ވެރިކަމަކީ ރައްޔިތުން ހަވާލުކުރާ އަމާނާތެއް ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ އެ އާމާނާތް ތެދުވެރިކަމާމެދު އަދާކޮށްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ކުރިމަތިލައިފައި މި ހުރި މަގާމަކީ އެ މަގާމުގެ އިއްޒަތެއް ޝަރަފެއް ނޯންނާނެ އެ އިއްޒަތާއި ޝަރަފު އެއީ ބޮޑު ޒިންމާއެއްކަން އެ މީހަކަށް ނޭނގެންޏާމު. މިއީ ވަރަށް ބޮޑު ޒިންމާއަކާ ކުރިމަތިލާން ޖެހެނީ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ގައުމުގައި ހުރި މައްސަލަތައް ހައްލުކޮށްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަަށާއި އަދި އުންމީދު ގެއްލުވާލަން ނުޖެހޭ ކަމަށެވެ.

ގައުމުގެ އިގްތިސޯދު ރަނގަޅުކުރާނެ ގޮތާއި މިނިވަންކަން ހޯދާނެ ގޮތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މި ގައުމުގައި ސިޔާސީ މިނިވަންކަން ނެތް ކަމަށާއި އަމިއްލަ ބަސް ސަރުކާރަށް ނުބުނެވޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އެއީ ސަރުކާރުން ނިންމައިގެން އުޅޭ ގޮތެއް. ސަރުކާރުގެ ސިޔާސަތު އެ ގޮތަށް ބައްޓަންކުރީމަ އެހެން ވެގެން އެ އުޅެނީ،" މުއިއްޒު ވިދާޅުވިއެވެ.

ގައުމުގެ ކޮރަޕްޝަން ވެސް އިންތިހާއަށް ގޮސްފައިވާ ކަމަށާއި އެ ކަމަށް ސަރުކާރުން ޖަވާބުދާރީ ނުވާތީ އެ ކަމާ ސުވާލު އުފައްދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަމުގެ މިސާލެއް ދެއްވާ މުއިއްޒު ވިދާޅުވީ 30 މިލިއަން ރުފިޔާ ދީގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުގެނެވުނުކަމަށާއި އެ ފައިސާއަށް ވީ ގޮތް ވެސް ނޭނގޭ ކަމަށެވެ.

"މިއަށް ޖަވާބުނުދީ ރައްޔިތުން ގާތަށް ވޯޓު ހޯދަން ސަރުކާރުން އަނެއްކާ އައީމާ މޯރަލް އޮތޯރިޓީ ވެސް ނެތެއް ނޫންތޯ. ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ރައްޔިތުންގެ 30 މިލިއަން ރުފިޔާއަށް ވީ ގޮތަކާ އެއަށް ނުލިބުނު ވެންޓިލޭޓަރުތައް ވީ ތަނަކާ،" މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މިހާރު ސަރުކާރުން ހިންގަމުންދާ ތިލަމާލެ ބްރިޖް މަޝްރޫއަށް 190 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި ނަމަވެސް އެންމެ ތަނބެއް ވެސް ފެންނަން ނެތް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 190 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުލެއާއި މާލެއާ ދެމެދު ބްްރިޖް އަޅާ ނިންމި ކަމަށާއި އެ ދެ ކަން އަޅާކިޔުމުން ތަފާތުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދީގެން އެ ބްރިޖް ވެސް ނިންމައިދޭނީ ޕީޕީއެމް، ޕީއެންސީގެ ސަރުކާރުން ކަމަށެވެ.

comment ކޮމެންޓް