ނިޒާމީ ވޯޓު ނެގުމުގެ ކުރިން ބައެއް ކަންކަން ސާފުކުރަން އެދިއްޖެ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު --

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކުރިން ބައެއް ކަންކަން ސާފުކުރަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފާ ލިބިފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ އެފަދަ ވޯޓެއް ނެގުމުގެ ކުރިން ޖަވާބު ބޭނުންވާ ކަންކަން ސާފުކުރުމަށް އެ ކޮމިޝަނުން މިއަދު މަޖިލީހުގެ އިދާރާގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ގަރާރު ފާސްވީ ވޯޓަށް އެހިއިރު ހާޒިރުވެ ތިބި 34 މެމްބަރުންގެ ތެރެއިން 31 މެމްބަރުންގެ ވޯޓާއެކުއެވެ.

އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނާގޮތުން އިންތިޚާބެއް ބޭއްވުމަށްޓަކައި 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބެންޖެހޭނެއެވެ.

އެ ކޮމިޝަނުން ބުނީ ވޯޓެއް ނަގާއިރު، ގާނޫނީ ގޮތުން އެ ކޮމިޝަނުން ކުރަން ލާޒިމް ކުރާ ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ވޯޓުލާ މީހުންނަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ދިނުންފަދަ އެތައް ކަމެއް ހުންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި، މިފަދަ އިންތިޚާބެއް ބޭއްވުމަށް 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވަކާލާތު ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެން ސިޔާސީ ޕާޓީތަކުން އެކަމާ ދެކޮޅެވެ.

comment ކޮމެންޓް