ވިނަރެސް ފްލެޓްގެ ކުއްޔާއި ޑައުން ޕޭމަންޓް ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރާނެ: ރައީސް

ވިނަރެސް ފްލެޓްތައް --- ފޮޓޯ/ އަވަސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުން ޕޭމަންޓް ކުޑަކޮށް ވަރަށް އަވަހަކަށް އެކަން އިއުލާން ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިރޭ ގަލޮޅު ކަންމަތީގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވިނަރެސް ފްލެޓުތަކުގެ އަގު ބޮޑު ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގެއިން ގެޔަށް މި ކުރާ ޒިޔާރަތުގައި އަންނަ އަނެއް ޝަކުވާއެއް އެބައޮތް. ވިނަރެސްއަށް ކުރިމަތިލައިގެން ފްލެޓު ލިބިފައިވާ ފަރާތްތަކަށް ޑައުންޕޭމަންޓާއި، އޭގެ ކުލީގެ އަގު ބޮޑުވާ ވާހަކަ"،

"އަޅުގަނޑުމެން އެޔަށް އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓު ކުޑަކޮށް ކުއްޔަށް ގެނެވޭ ރަނގަޅު ހެޔޮ ބަދަލެއް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޕީއެލް ފްލެޓުތަކުގެ ކުއްޔާއި، ޑައުންޕޭމަންޓު ވެސް ކުޑަކޮށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އެ ފްލެޓުތަކުގެ އަގު ދައްކަން ޖެހޭ މުއްދަތު ދަންމާލައި، މަހުން މަހަށް ދައްކަން ޖެހޭ ވަރު މީގެ ކުރިން ވެސް ވަނީ ކުޑަކޮށްދީފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަދު ދީފައިވާ ކަމަށެވެ. އަދި، ގައުމީ ޔުނިވާސިޓީ އާއި، ކަރެކްޝަންސްގެ މުވައްޒަފުންގެ ލިސްޓު ވެސް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވިނަރެސްގެ ޑައުންޕޭމަންޓު ކުޑަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެ ފައިސާ ދެއްކުމަށް ލުޔެއްގެ ގޮތުން، އޭގެ 15 ޕަސެންޓު ދެއްކުމަށް ފަހު، އެއްބަސްވުމުގައި ސޮއިކުރެވޭނެ ގޮތް ވަނީ ހަދައިދީފައެވެ.

comment ކޮމެންޓް