އިންތިޚާބަށް ފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވެއްޖެ

މިދިޔަ އެމްޑީޕީގެ ކޮންގްރެސް ތެރެއިން އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ނިޒާމީ ވޯޓެއް ނަގަން އެއްބަސް ކަމަށް އެމްޑީޕީން، ދަ ޑިމޮކްރެޓްސް ޕާޓީއަށް އަންގާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކޯލިޝަނެއް ހެދުމަށް އެންމެ މުހިއްމީ އެމްޑީޕީން ވަކިވި ޑިމޮކްރެޓްސްއެވެ.

އެކަމަކު، އެ ޕާޓީން ވަނީ އިންތިޚާބުގެ ދެވަނަ ބުރަކަށް ކޯލިޝަން ހަދާނީ ނިޒާމީ ވޯޓެއް ނަގަން އެއްބަސްވާނަމަ ކަމަށް ޝަރުތު ކޮށްފައެވެ.

ޗެއާޕާސަން ފައްޔާޒު މިއަދު "ސަން"އަށް ވިދާޅުވީ، އިންތިޚާބުގެ ކުރިން ނިޒާމެއް ވޯޓެއް ނަގަން އެއްބަސްނުވާ ކަމަށެވެ. އެކަމަކު، އިންތިޚާބަށް ފަހު، ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އެ ޕާޓީން އެއްބަސްވާ ކަމަށް ޑިމޮކްރެޓްސްއަށް މިހާރު އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިޚާބަށް ފަހު ނިޒާމީ ވޯޓެއް ނެގުމަށް އަޅުގަނޑުމެންގެ މައްސަލައެއް ނެތް ކަމަށް ބުނެފައި ވާނީ،" އޭނާ ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ

ޑިމޮކްރެޓްސްއިން އެދިފައިވަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން، މި މަހު 25 ގައި ނިޒާމީ ވޯޓެއް ނެގުމަށެވެ. އެކަމަކު، ޕީޕީއެމުން ވަނީ އެ ކަމަށް ދެކޮޅު ހައްދަވައިފައެވެ. އަދި، ޑިމޮކްރެޓްސްގެ ބާނީ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ.

އެހެންވެ، ޑިމޮކްރެޓްސްއިން މިހާރު މަޝްވަރާ ކުރަމުން އަންނަނީ އެމްޑީޕީއާ އެކު އެކަނި ކަމަށް ޑިމޮކްރެޓްސްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އިންތިޚާބަށް ފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވިއިރު، ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އިންޓެރިމް ކައުންސިލްގެ ބައްދަލުވުން އޮތީ މިރޭ 9:00އަށް ތާވަލު ކޮށްފައެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ޕާޓީއަކާ އިއްތިހާދުވުމާ ގުޅޭ ގޮތުން ރަސްމީ ނިންމުމެއް ނިންމާނެއެވެ.

ޑިމޮކްރެޓްސް އަކީ ނިޒާމީ ވޯޓުގެ މައްސަލައިގެ ތެރެއިން އެމްޑީޕީގެ އުފެދުނު ހަމަނުޖެހުންތައް ބޮޑުވެ، ފަޅައިގެން ގޮސް އުފެދުނު ޕާޓީއެކެވެ. އެމްޑީޕީން ވަކިވުމަށް ފަހު ޑިމޮކްރެޓްސްއަށް ގުޅުނު މެންބަރުން މީގެ ކުރިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބޮޑެތި ތުހުމަތުތައް ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް