އދ.ގެ އާންމު މަޖިލީހުގެ އަހަރީ ޖަލްސާތައް މާދަމާ ފަށަނީ

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއެއް

ނިއުޔޯކް (18 ސެޕްޓެމްބަރު 2023): އދ.ގެ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ އާންމު މަޖިލީހުގެ އަހަރީ ޖަލްސާތައް މާދަމާ ފަށާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނިގޮތުގައި ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި މާދަމާ ފެށޭ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގެ ޖަލްސާތަކުގައި އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 150 އަށް ވުރެ ގިނަ ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގެން ތަގްރީރު ކުރައްވާނެއެވެ. އަނެއްބައި ގައުމުތަކުން މިޖަލްސާތަކުގައި ތަގްރީރު ކުރައްވާނީ އެގައުމުތަކުގެ ޚާރިޖީ ވަޒީރުން ނޫނީ އެގައުމެއްގެ ސަރުކާރުން އެކަމަށް ކަނޑައަޅާ މަންދޫބުންނެވެ.

ދުނިޔޭގެ ގައުމުތަކުން މިޖަލްސާތަކަށް ފޮނުވާ ވަފުދުތަކުގައި އެގައުމުތަކުގެ އިސް ޑިޕްލޮމޭޓުންނާއި ނޫސްވެރިންނާއި ވިޔަފާރިވެރިން ހިމެނޭއިރު ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް އދ.އިން ވަނީ އާންމު މަޖިލީހުގެ އަހަރީ ޖަލްސާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ. އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގެ ސިލްސިލާ ޖަލްސާތައް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރުވަނީ ވެފައިކަމަށް ސެކްރެޓަރީ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށްދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އދ.ގެ އެދުމާއެކު ނިއުޔޯކުގެ ފުލުހުންވަނީ އދ.ގެ އޮފީހާއި ގައުމުތަކުގެ މިޝަންތައް ހުންނަ ޑިޕްލޮމެޓިކް ސަރަހައްދުތަކުގައި ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާތައް ހިނގަމުން ދާއިރު އެޖަލްސާއަށް ހާޒިރުވާ ވަފުދުތަކުގެ ވެހިކަލްތަކަށް ގޮސްއައިސް ވެވޭނެ ފަސޭހަ އިންތިޒާމުތަކެއް ނިޔުޔޯކުގެ ފުލުހުންވަނީ ހަމަޖައްސާފައެވެ. މީގެތެރޭގައި ބައެއް މަގުތައް ވަގުތީގޮތުން ބަންދުކުރުމާއި ގައުމުތަކުގެ ވެރިންގެ މޮޓޯކޭޑްތައް ދަތުރުކުރެއްވުމަށް ވަކި މަގެއް ޚާއްސަކުރުން ހިމެނެއެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން މިއަހަރުގެ ޖަލްސާތަކަކީ ހޫނު ބަހުސްތަކެއް ކުރެވޭނެ ޖަލްސާއަކަށް ވެގެންދާނެއެވެ. އދ.ގެ އާންމު މަޖިލީހުގެ އަހަރީ ޖަލްސާތައް ގާތްގަނޑަކަށް ތިން ހަފުތާއަށް ދިގު ދެމިގެންދާއިރު މި ޖަލްސާތަކުގައި ދުނިޔޭގެ ސިޔާސީ އިގްތިސާދީ އަދި އިޖުތިމާއީ މަސްރަހާބެހޭގޮތުން ގައުމުތަކުގެ މަންދޫބުން ތަގްރީރުކުރައްވާނެއެވެ.

އަދި އާންމު މަޖިލީހުގެ ޖަލްސާތަކުގެ އަރިމަތީގައި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުކުރައްވައި ދޭދޭ ގައުމުތަކުގެ ގުޅުންތަކާއި ދުނިޔޭގެ މައްސަލަތަކާއި ޖިއޮޕޮލިޓިކްސް އާ ބެހޭގޮތުން މަޝްވަރާތައް ކުރުމުގެ ކަންތައްތައް ފުޅާދާއިރާއެއްގައި ކުރިޔަށްދާނެއެވެ.

އާންމު މަޖިލީހުގެ ޖަލްސާތަކުގައި ހުޅަނގުގެ ލީޑަރުންނާއި މަންދޫބުން ރަޝިއާއާއި ޗައިނާއަށް ބަހުގެ ހަމަލާތައް ދެއްވާނެކަމަށް ބެލެވޭއިރު ޗައިނާއާއި ރަޝިއާ އަދި އީރާން ފަދަ ހުޅަނގާ އިދިކޮޅު ގައުމުތަކުން ހުޅަނގުން ދުނިޔޭގައި ގެންގުޅޭ އަތްގަދަކުރުމާއި ނުފޫޒު ހިންގުމާއި ގައުމުތަކަށް ބިރުދެއްކުމާއި ބްލީކުރުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ހަރުކަށި ސިޔާސަތުތަކަށް ފާޑުކިޔައި ކުށްވެރި ކުރާނެކަމަށްވަނީ ބެލެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް