ކޮޕް29: 300 ބިލިއަން ޑޮލަރަކީ ފުދޭވަރެއް ނޫން ކަމަށް ފަގީރު ގައުމުތަކުން ބުނެފި

އދގެ މޫސުމާބެހޭ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު ސީއޯޕީ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ސީއެސްއޯތަކަށް ކުރިމަތިވެފައިވާ ހުރަސްތަކާ ދެކޮޅަށް މުޒާހަރާ ކުރަނީ، ފޮޓޯ/ރޮއިޓާސް

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް، ފަގީރު ގައުމުތަކަށް މުއްސަނދި ގައުމުތަކުން އަހަރަކު 300 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެއްބަސްވި ނަމަވެސް އެއީ ފުދޭވަރެއް ނޫން ކަމަށް ބައެއް ގައުމުތަކުން ބުނެފިއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި ބޭއްވި ދެ ހަފުތާގެ ބައްދަލުވުމުގައި ފަގީރު ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަށް އެއްބަސްވީ 200 ވަރަކަށް ގައުމުގެ ތާއީދާއެކުގައެވެ.

ރަސްމީ ވަގުތު ހަމަވެގެން ދިޔައިރު ވެސް މާލީ އެހީގެ އެއްބަސްވުމަކަށް ނާދެވި ބަހުސްތައް ހޫނުވެ، ފަގީރު ގައުމުތަކުން ވަނީ މަޝްވަރާތަކުން ވަކި ވެސް ވެފައެވެ. ނަމަވެސް އަލުން ކުރި މަސައްކަތުން އެއްބަސްވުން ފާސްކޮށް އިއުލާނުކޮށްފައި ވަނީ އަޒަރްބައިޖާން ގަޑިން ހޮނިހިރު ދުވަހުގެ ރޭ 11:39 ގައެވެ.

އދ.ގެ މޫސުމާ ބެހޭ ބައްދަލުވުން ފެށިތާ ދެ ހަފުތާ ފަހުން ވެވުނު މި އެއްބަސްވުން އިއުލާނުކުރެއްވީ ސަމިޓްގެ ރައީސް އަޒަރްބައިޖާންގެ އިކޮލޮޖީ އެންޑް ނެޗުރަލް ރިސޯސަސް މިނިސްޓަރު މުޚްތާރް ބަބަޔޭވްއެވެ.

އެ އެއްބަސްވުމަށް ބައެއް މަންދޫބުން ތާއީދުކުރި ނަމަވެސް މުއްސަނދި ގައުމުތަކުން އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ގައުމުތަކުގެ މަންދޫބުން ވަނީ ފާޑުކިޔާފައެވެ.

"މި އެއްބަސްވުމަކީ ދައްކާލި ދަޅައެއް ފިޔަވައި އެހެން އެއްޗެއް ނޫން ކަމަށް ބުނަންޖެހޭތީ ހިތާމަކުރަން." އިންޑިއާގެ ވަފުދުގެ މަންދޫބު ޗާންދުނީ ރައިނާ ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެންގެ ނަޒަރުގައި އަޅުގަނޑުމެން އެންމެންނަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ބޮޑުކަމަށް ހައްލެއް ނުލިބޭނެ ކަމެއް. އެހެންކަމުން މި ލިޔުން ތަސްދީގުކުރުމާ އަޅުގަނޑުމެން ދެކޮޅު ހަދަން."

ތަރައްގީވަމުން އަންނަ ގައުމުތަކުން ވަނީ މަދު މާލީ އެހީއެއް ދީގެން މުއްސަނދިން ބޭނުންވާ އެއްޗެއް ހޯދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ކުދި ޖަޒީރާ ގައުމުތަކަށް ފަރުވާކުޑަކުރި ކަމަށް ވެސް އަޒަރުބައިޖާންގެ ރައީސްގެ މައްޗަށް ތުހުމަތު ކޮށްފައިވެއެވެ.

މުއްސަނދި ގައުމުތަކުން ހުކުރު ދުވަހު ހުށަހެޅީ އެ ގައުމުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުން އަދި މޫސުމީ ނުރައްކާތަކާ ކުރިމަތިލުމަށް، 2035 އަންނަ އިރު އަހަރަކު 250 ބިލިއަން ޑޮލަރު، ފަގީރު ގައުމުތަކަށް ދިނުމަށެވެ.

ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން ޑިމާންޑްކުރަމުން ދިޔައީ މަދުވެގެން 1 ޓްރިލިއަން ޑޮލަރު ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް މުއްސަނދި ގައުމުތަކުން އެގޮތަށް އެއްބަހެއް ނުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން 2035 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 300 ބިލިއަން ޑޮލަރު ފަގީރު ގައުމުތަކަށް ލިބޭއިރު، 2020 ވަނަ އަހަރުގެ ނިޔަލަށް މޫސުމީ ފައިނޭންސްގެ ގޮތުގައި އަހަރަކު 100 ބިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް މުއްސަނދި ގައުމުތަކުން ކުރިން ވަނީ އެއްބަސްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް